އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ރާއްޖެއަށް ކުރައްވާ ފުރަމާނަ ދަތުރުފުޅުގައި، މަޖިލީހުގައި ތަގްރީރު ކުރެއްވުމަށް ހަމަޖެހިފައިވާ ގަޑިއާއި މެދު، މަޖިލީހުގައި ތިއްބަވާ ބައެއް އިދިކޮޅު މެމްބަރުން ނުރުހުން ފާޅުކޮށްފިއެވެ.

އިންޑިއާގެ ބޮޑު ވަޒީރު ރާއްޖޭގެ މަޖިލިސް ކުރާ ގޭގައި ތަގްރީރު ކުރައްވާ ހާއްސަ ޖަލްސާ ބޭއްވުމަށް އެޖެންޑާ ކޮށްފައިވަނީ، ހޮނިހިރު ދުވަހުގެ ރޭ 18:45ގައެވެ. އިދިކޮޅު ޕީޕީއެމް އަދި ޕީއެންސީގެ ކޯލިޝަނުގައި ހިމެނޭ މަޖިލިސް މެމްބަރުން ގަޑިއާއި ދޭތެރޭ ނުރުހުން ފާޅުކޮށްފައިވަނީ، އެ ގަޑީގައި މަޖިލީހުގެ ޖަލްސާއެއް ބޭއްވުމުން ނަމާދު ވަގުތަށް ބުރޫއަރާ ކަމަށް ބުނެއެވެ.

އެކަމާ ގުޅިގެން އިދިކޮޅު ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ކުރެއްވި ޓްވީޓެއްގައި ވަނީ މަޖީހުގައި އިންޑިއާގެ ބޮޑުވަޒީރު ތަގުރީރު ކުރައްވާ ޖަލްސާ މަޣުރިބު ނަމާދާއި އިޝާ ނަމާދުގެ ދޭތެރެއަށްވާ ގޮތަށް އެޖެންޑާ ކުރަން ޖެހުނު ސަބަބާ މެދު ސުވާލު އުފައްދަވާފައެވެ. އެއީ ދިނާއި ސިޔާސަތު ވަކިކުރުމުގެ ވިސްނުމެއްގައި ކުރި ކަމެއްތޯ ވެސް އޭނާ ސުވާލު ކުރެއްވިއެވެ.

ޕީއެންސީ ތަމްސީލު ކުރައްވާ މަޑުއްވަރީ ދާއިރާގެ މެންބަރު އަދި ކުރީގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވީ މޯދީ ރާއްޖެ ވަޑައިގަތުމަކީ މުހިއްމު ކަމެއް ކަމަށާއި، އެއީ ދެގައުމުގެ ގުޅުން ބަދަހިވާނެ ކަމެއް ކަމަށެވެ. ނަމަވެސް މޯދީ މަޖިލީހުގައި ތަގުރީރު ކުރެއްވުމަށް ދެ ނަމާދު ދޭތެރޭގައި މަޖިލީހުގެ ޖަލްސާއެއް ބޭއްވުމަކީ ރާއްޖޭގެ އާދަކާދަ އާއި ސަގާފަތާ ބީރައްޓެހި ކަމެއް ކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.

އެކަމާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުން، މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތޯރިގު (ޓޮމް) ވިދާޅުވީ، ބޮޑުވަޒީރު މޯދީއަށް ތަގުރީރު ކުރެއްވުމުގެ ފުރުސަތު ދިނުމަށް މަޖިލީހުގައި ނެގި ވޯޓުގައި ވެސް ބައިވެރިވެވަޑައިނުގަންނަވާ ކަމަށާއި މޯދީ ތަގުރީރު ކުރެއްވުމުގެ ކުރިން އިންޑިއާގައި މުސްލިމުންނާ ދޭތެރޭ ހިނގާ ލާއިންސާނީ އަމަލުތަކާއި ދުއްތުރާތަކަށް އިހުތިޖާޖު ކުރެއްވުމުގެ ގޮތުން، މޯދީގެ ވާހަކަފުޅު ފެށުމުގެ ކުރިން ޖަލްސާ ދޫކޮށް ނިކުންނަވާނެ ކަމަށެވެ.

19 ވަނަ ރައްޔިތުންގެ މަޖިލީހުގައި އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީއަށް ތަގްރީރު ކުރެއްވުމަށް ދައުވަތު ދިނުމަށް މަޖިލީހުން ފާސްކުރީ މެމްބަރުންގެ މެދުގައި ބޭއްވުނު ފެންނަ ނުފެންނަ ވޯޓަކުންނެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *