މަޝްހޫރު ބޮލީވުޑްގެ ތަރި ސަލްމާންހާން ފެނިގެންދަނީ އަބަދުވެސް ކުޑަ ކުދިންނާއި ވަރަށް ގާތް، ކުޑަކުދިން ދެކެ ލޯބިވާ މީހެއް ގޮތުގައެވެ.
ސަލްމާން އެންމެ ފަހުން ކުޅުނު ފިލްމް "ބާރަތު" ރޭ އިންޑީޔާގެ ސިނަމާތަކުގައި އެޅުވިއިރު ސަލްމާން އަދި ސަލްމާން އެކީ ދެން އެ ފިލްމްގައި ފެނިގެންދާ ކެޓްރީނާ ކެއިފްގެ ސަޕޯޓަރުން ގިނަ އަަދަދަކަށް އެ ސަރަހައްދަށް އެކުވެ ތިއްބެވެ.
ޓްވިޓާގައި އާންމުވަމުންދާ ވީޑިއޯ އިން ފެންނަ ގޮތުގައި، މުމްބާއީގެ ސިނަމާއަކުން ސަލްމާން ނުކުމެ ކާރާ ދިމާލަށް މިސްރާބު ޖެހި މަންޒަރު ފެނި އޭނާގެ ސަޕޯޓަރުން ވަނީ އޭނާއާ ބައްދަލުކުރުމަށް އެ ސަރަހައްދަށް ދެއެެވެ. ދެން ފެނިގެންދަނީ އެ ތޮއްޖެހިފައިވާ ސަރަހައްދު ފަޅާލައި ކުޑަ ކުއްޖަކު ސަލްމާންއާ ދިމާލަށް އަންނަން މަސައްކަތް ކުރުމުން ސަލްމާންގެ ބޮޑީގާޑަކު ވަނީ އެކުއްޖާ ކޮއްޕާލާ ދުރަށް މަންޒަރެވެ. އަދި ހަމަ އެ ހިނދު ސަލްމާން މީހުންތަކުގެ ތެރޭގައި އެ ކުޑަ ކުއްޖާ ކޮށްޕާލި ބޮޑީގާޑްގެ މޫނު މަތީ ޖަހައެވެ.
ސަލްމާންގެ މި އަމަލުގެ ސަބަބުން އޭނާގެ ސަޕޯޓަރުން އަންނަނީ އެކި ގޮތްގޮތަށް ވާހަދައްކަމުންނެވެ. އެގޮތުން ސަލްމާންގެ މި އަމަލު ބައެއް މީހުން ރަނގަޅު ކަމަށް ބުނާ އިރު އަނެއް ބައި މީހުން ދަނީ އެކަން ރަނގަޅު ނޫން ކަމަށް ބުނެ ވާހަކަ ދައްކަމުންނެވެ.
އެގޮތުން ސަލްމާންގެ ބޮޑީގާޑު އޭނާގެ ވަޒީފާ ފުރިހަމަ އަށް އަދާކުރުމުން އޭނާގެ ގައިގާ ޖަހަން ޖެހޭ ސަބަބެއް ނެތް ކަމަށް ބުނެ ފާޑުކިޔުންތައް އަމާޒުކުރާއިރު، އެކަމަކު ސަލްމާންގެ އެ ބޮޑީގާޑްވަނީ ސަލްމާން ދިފާއުކޮށް ވާހަދައްކާފައެވެ.
އޭނާ ބުނެފައިވަނީ އެކަމުގެ ސަބަބުން އެނގިގެންދަނީ ސަލްމާނަށް އޭނާގެ ސަޕޯޓަރަކަށް އަނިޔާއެއް ލިބޭ މަންޒަރު ބަލަން ކެތް ނުވާކަން ކަމަށެވެ.