ފުޅާދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ގެއެއް ހޯދައި ފަސް މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ހާމަކުރިގޮތުގައި، އިއްޔެ ހަވީރު 16:15 ހާއިރު ފުލުހުން ހިންގި ހާއްސަ އޮޕަރޭޝާންއެއްގައި އެ ފަސް މީހުން ހައްޔަރުކޮށްފައިވަނީ މ.ފެޝަންމީޑް ގެއިން ކަމަށެވެ. އެގޮތުން މި މައްސަލައާއި ގުޅިގެން ހައްޔަރުކޮށްފައިވަނީ 21 އަހަރުގެ ދެ މީހުންނާއި 19 އަހަރުގެ މީހަކާއި 47 އަހަރުގެ މީހަކާއި އަދި 33 އަހަރުގެ މީހެކެވެ.
ފުލުހުން ހާމަކުރި ގޮތުގައި މި ފަސް މީހުންނަކީ ވެސް ދިވެހި ފިރިހެނުންނެވެ.
ފުލުހުން ބުނީ މި ގެ ބަލައިފާސްކޮށް މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެސް އަޅާފައި ހުރި 11 ރަބަރު ޕެކެޓާއި، މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް އަޅާފައި ހުރި ހަތަރު ސެލޯފިންކޮޅު ފެނިފައިވާ ކަމަށެވެ.
އަދި މި ގެއަކީ ފުޅާދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކޮށް އޭގެ ބޭނުން ކުރެވޭނެ ގޮތަށް އިންތިޒާމުތައް ހަމަޖައްސައިދީފައިވާ ގެއެއް ކަމަށާއި، އެހެން ގެތަކާއި ހިލާފަށް މި ގެއަކީ ފުލުހުންނަށް ނުވަދެވޭނެ ގޮތަށް ދަނގަޑު ހަރުކޮށް ދޮރު ކައިރީ ސެކިއުރިޓީއަށް މީހަކު ބަހައްޓައިގެން ސެކިއުރިޓީ ބަލަހައްޓަމުންދާ ގެއެއް ކަން ފުލުހުން ވަނީ ފާހަގަކޮށްފައެވެ.
މީގެ އިތުރުން ފުލުހުން މިގެއަށް ވަދު ބަލާ ފާސްކުރުމުގައި، ފުލުހުންނަށް ނިސްބަތްކޮށް ހަޑި ހުތުރު ބަހުން ތަފާތު ލިޔުންތައް ލިޔެފައިހުރިކަންވެސް އެބޭފުޅުންވަނީ ފާހަކަކޮށްފައެވެ.