ދިރިއުޅުމުގައި އެއްވެސް މީހަކީ ނާކާމިޔާބީއާއި ކުރިމަތި ލާން ނުޖެހޭ މީހެކޭ ބުނުފެނިމަ އެވާނީ ދޮގަކަށެވެ. ކޮންމެ މީހަކުވެސް ވަރަށް ހާސިލު ކުރަން ބޭނުންވި ކަމެއް ހާސިލުނުވެ ދިރިއުޅުމުގެ ކޮންމެވެސް ހިސާބަކުން ނާކާމިޔާބީއާއި ކުރިމަތި ލާންޖެހިފައި ހުންނާނެއެވެ. ނާކާމިޔާބީއާއި ކުރިމަތިވާ ކޮންމެ ފަހަރަކު ދުނިޔެއާއި ދިރިއުޅުން މަތި ފޫހިވެ މުޅި މީހާ މާޔޫސްވެއެވެ.

ނާކާމިޔާބީއަކާއި ކުރިމަތި ލާން ޖެހުމުން އެހާ ދެރަވެފައި އުންމީދު ކަނޑައިލަނީ ކީއްވެގެންތޯއެެވެ؟ ދިރިއުޅުމުގައި ދިމާވާ ނާކާމިޔާބީތަކުން ފިލާވަޅު ނަގައިގެން، ދެވަނަ ފަހަރަށް އެކަމެއް ކުރާ ނަމަ އިތުރަށް ފުރިހަމައަށް ކުރުމަށް އަޒުމު ކަނޑަނާޅަނީ ކީއްވެގެންތޯއެވެ؟ އަޅުގަނޑުމެން ކުޑައިރު، ތައުލީމް ހާސިލުކުރި ދުވަސްވަރު ސުކޫލުގައިވެސް ވަރަށް ގިނަ ކަންތައްތަކުގައި ނާކާމިޔާބީއާއި ކުރިމަތި ލާންޖެހިފައި ހުންނާނެ ކަމާއިމެދު ޝައްކެއްނެތެވެ. ސުކޫލުގައި ބޭއްވި އިމްތިހާނަކުން ފެއިލްވެގެން، މައިންބަފައިން ދެރަވާނެވަރު ވިސްނާ އަމިއްލަ ނަފްސު ކިތަންމެ ފަހަރަކު ކުށްވެރިކުރެވިފައި ހުންނާނެއެވެ.

އަމިއްލަ ނަފްސު ދަށްކޮށްނުލުން

ނާކާމިޔާބީއާއި ކުރިމަތި ވުމުން، އަމިއްލަ މީހާއަކީ، އެއްވެސް ކަމެއް ކުރަން ނޭނގޭ ބޮޑު މޮޔައެއް ކަމަށް ދެކުމަކީ ރަނގަޅު ގޮތެއް ނޫނެވެ. ނުވަތަ ތިބާއަކީ އެއްވެސް ބޭނުންތެރި މީހެއް ނޫން ކަމަށް ދެކުމަކީވެސް ރަނގަޅު ގޮތެއް ނޫނެވެ. ދިރިއުޅުމުގައި ވަރަށް ގިނައިން، އަޅުގަނޑުމެންގެ ޓީޗަރުންގެ ފަރާތުން ނުވަތަ އެކުވެރިންގެ ފަރާތުން ވަރަށް ދެރަވާ ފަދަ ބަސްތަކާއި ކުރިމަތިލާން ޖެހޭނެއެވެ. ހުރިހާ އުންމީދެއް ގެއްލި ހިތް މަރާލާ ފަދަ ވާހަކަތައް އަޑުއަހަން ޖެހޭނެއެވެ. ޅަ އުމުރުގައި ނާކާމިޔާބީތަކާއި ކުރިމަތި ލާންޖެހުމަކީ، ފަހުން އޭގެ ނޭދެވޭ އަސަރު ދިރިއުޅުމަށްކުރާނެ ކަމެކެވެ.

ޝައްކެއްނެތްގޮތުގައި، އަޅުގަނޑުމެން ބޮޑުވަމުން ދާވަރަކަށް، ކުރިމަތި ލާންޖެހޭ ކަންތައްތައް ވެސް ބޮޑުވާނެއެވެ. އަދި މީހާ ބޮޑުވެ ރަނގަޅަށް ވިސްނެން ފެށީމައި، ކަންކަމާއި ކުރިމަތިލާ ގޮތްވެސް ތަފާތުވާން ފަށާނެއެވެ. އަޅުގަނޑުމެން ވިސްނެން ފެށުމުން، ނިންމާ ނިންމުންތައް ނިންމާނީ، ކުރިއަށް މުސްތަގުބަލަށް އަދި ދިރިއުޅުމަށްވެސް ރިޔާއަތްކޮށްފައެވެ.

ނާކާމިޔާބުވުމުން އެކަން ގަބޫލުކުރުން

ދިރިއުޅުމުގެ އެކި ހިސާބުތަކުގައި ނާކާމިޔާބީއާއި ކުރިމަތި ލާންޖެހޭނެއެވެ. ފަހަރެއްގައި އަޅުގަނޑުމެން ބޭނުންވި ވަޒީފާއެެއް ނުލިބިދާނެއެވެ. ނުވަތަ ކިޔަވަން އެންމެ ބޭނުންވި ޔުނިވަސިޓީން ކިޔެވުމުގެ ފުރުސަތުވެސް ނުލިބިދާނެއެވެ. މިކަހަލަ ކަންކަން ދިމާވުމުން އަޅުގަނޑުމެން ބިރުގަންނަނީ، ގާތް ދަންނަ މީހުންގެ މަލާމާތާއި ލަދާއި ކުރިމަތި ލާންޖެހިދާނެތީއެވެ. ނުވަތަ ކެރިއަރ ފެށުމުގެ ކުރިން ނާކާމިޔާބު ވެދާނެތީ ބިރުގަންނަނީއެވެ. 

ނަމަވެސް އަބަދުވެސް ހަނދާން ކުރަންވީ ދިރިއުޅުމުގައި ދުވަސްތައް ހޭދަކުރަމުންދާއިރު ނާކާމިޔާބީއާއިވެސް ކުރިމަތި ލާންޖެހޭނެ ކަމެވެ. ތިމާ ބޭނުންވާ ގޮތަކަށް ކަމެއް ނުވުމުގެ މާނައަކީ ދެން މުޅި ދިރިއުޅުން އެހިސާބުން ނިމުމެއް ނޫނެވެ. ވެއްޓިއްޖެނަމަ ދެވަނަ ފަހަރަށް ތެދުވަން ވީ އެެއަށްވުރެ ވެސް ބަލައިގެން ބާރަށެވެ. ނާކާމިޔާބީއަކާއި ކުރިމަތި ވުމުން އެކަން ގަބޫލުކުރަން ދަސްކުރާށެވެ. ސަބަބަކީ ނާކާމިޔާބީއަކީ ކާމިޔާބީގެ ފެށުމެވެ.

ހިތުގައި އުފެދޭ ޖަޒްބާތުތަކަށް އިތުބާރު ނުކުރުން

ކަމަކުން ނާކާމިޔާބު ވެއްޖެނަމަ ހިތުގައި އުފެދޭ ޖަޒްބާތުތަކަށް ހަގީގަތުގައި ވަރަށް އަސަރުކުރާނެއެވެ. މީހާ ވަރަށް ދެރަވެ މާޔޫސްވާނެއެވެ. ނާކާމިޔާބީއަކާއި ކުރިމަތި ވެގެން، މުޅި ދުނިޔެ ތިބާއަށް އެހިސާބުން ނިމުނީއޭ ހިތަށް އަރާއިރު، މުޅި ކާއިނާތު ތިބާގެ އިންތިޒާރުގައި ހުރެދާނެއެވެ. ހިތަށް އަރުވަންވީ، ކޮންމެ ކަމެއްވެސް ވާނީ އެންމެ ރަނގަޅަށް ކަމަށެވެ. އެއްވެސް މީހަކަށް މާތް ﷲ ދެރަގޮތެއް މިންވަރު ނުކުރާނެ ކަން އަބަދުވެސް ހަނދުމަ ކުރާށެވެ.

ހިތުގައި އުފެދޭ ޖަޒްބާތުތަކުގެ އޮޔާއި ޖެހިގެން، މާޔޫސީކަމުގެ ތެރޭގައި ދިރިއުޅުމުގައި ބާކީ ހުރި ދުވަސްތައް ދުއްވާނުލާށެވެ. ހިތްވަރާއިއެކު ދެވަނަ ފަހަރަށް ވެސް މަަސައްކަތް ކުރާށެވެ. އުންމީދު ކަނޑައިނުލާށެވެ.

ކޮންމެ މީހަކީވެސް އެމީހެއްގެ ގޮތުގައި، އެންމެ ފުރިހަމަ މީހާއެވެ. ދުނިޔޭގައި އުޅޭ އެންމެ އެއްގޮތެއް ނުވާނެއެވެ. އެހެންކަމުން، އެހެން މީހަކު އުޅޭ ގޮތަކަށް ބަލައިގެން، އެގޮތަށް އުޅެން މަސައްކަތް ނުކުރާށެވެ. ތިބާ ތިބާގެ ގޮތުގައި، ހުރެގެން ކުރިއަށް ދިއުމަށް މަަސައްކަތް ކުރާށެވެ. އެހެން މީހަކު އުޅޭ ގޮތް ނަކަލު ނުކުރާށެވެ. އެހެން މީހުންނަށްވުރެ އަމިއްލަ ނަފްސު ދެރަވެސް ނުކޮށްލާށެވެ. އަމިއްލަ ނަފްސަށް އިތުބާރު ކުަރަން ދަސްކުރާށެވެ. ނާކާމިޔާބީއަކީވެސް ތިބާއަށް ލިބޭ ކާމިޔާބީއަކަށް ހަދާށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *