ހުޅުމާލޭ ގެއަކުން ފުލުހުން ހޯދި ތިން ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގައި ހައްޔަރުކުރި ދެ މީހަކު ކޯޓުން ދޫކޮށްލުމުން ދެ ގާޒީން ހައްޔަރުކުރުމަށް ގާނޫނީ ވަކީލު ހުސްނުއްސުއޫދު ގޮވާލައިފިއެވެ.
މަސްތުވާތަކެތީގެ މައްސަލައިގައި ހައްޔަރުކުރި ދެ މީހުން ދެ ފަހަރެއްގެ މަތިން ކޯޓުން ދޫކޮށްލުމުން ރޭގެ ވަގުތެއްގައި ސުއޫދު ކުރެއްވި ޓުވީޓެއްގައިވަނީ އެމައްސަލާގައި ދެ ގާޒީން ވަގުތުން ހައްޔަރުކުރުމަށް ފުލުހުންނަށް ގޮވައިލައްވާފައެވެ. ބެލެވޭ ގޮތުގައި ހައްޔަރުކުރުމަށް ސުއޫދު ގޮވައިލެއްވީ ކުރިމިނަލް ކޯޓުގެ ފަނޑިޔާރަކާއި ހުޅުމާލޭ ކޯޓުގެ ފަނޑިޔާރެކެވެ.
އިއްޔެ ރޭ ހައްޔަރުކުރި 25 އަހަރުގެ ފިރިހެން މީހާ އާއި 52 އަހަރުގެ އަންހެން މީހާ ކްރިމިނަލް ކޯޓުން އެންމެ ފުރަތަމަ ދޫކޮށްލީ، ހައްޔަރުކުރަން ހުޅުމާލޭ ކޯޓުން ދިން އަމުރުގައި ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ބުނާ ގޮތަށް ގާޒީގެ ނަން ނެތުމުން އަމުރު ފުރިހަމަ ނުވާ ކަމަށް ބުނެއެވެ.
އެހެންވެ ރޭގެ ވަގުތެއްގައި އަލުން މި ދެ މީހުން ހުޅުމާލޭ ކޯޓުގެ އަމުރަކަށް އަނެއްކާވެސް ހައްޔަރުކުރި އެވެ. ނަމަވެސް ބަންދުގެ މުއްދަތު އިތުރު ކުރުމަށް އެ ކޯޓަށް މިއަދު ގެންދިއުމުން ވަނީ އިޖުރާއީ މައްސަލައެއް އުޅޭ ކަމަށް ބުނެ އެ ދެ މީހުން އަނެއްކާވެސް ދޫކޮށްލައިފައެވެ.
ކްރިމިނަލް ކޯޓުން ބުނީ އެމީހުން ދޫކޮށްލީ ޖިނާޢީ ޢިޖުރާޢަތުގެ ޤަވާޢިދުގެ 8 ވަނަ މާއްދާގެ "ހ" ގައި ބުނެފައިވާ ކަންކަން ފުރިހަމަ ނުވާތީކަމަށެވެ. އެ މާއްދާގައި ބުނެފައިވަނީ ބަންދާ މެދު ގޮތެއް ނިންމަން ހުށަހަޅަން ޖެހޭނީ އެ މައްސަލަ ތަހުގީގު ކުރުމަށް ހަވާލުވެ ހުރި ފަރާތް ކަމަށާއި އެ މީހަކު ކޯޓަށް ހާޒިރުވުމަށް އުޒުރުވެރިވާނަމަ، ޤާނޫނު ތަންފީޒުކުރާ އިދާރާގެ ރަސްމީ ލިޔުމަކާއެކު، ބަދަލުގައި އެ އިދާރާގެ އެހެން ފަރާތަކަށް ކޯޓަށް ހާޒިރު ވެވިދާނެކަމަށެވެ.
ނަމަވެސް ފުލުހުން ވިދާޅުވީ އެބޭފުޅުން މި މައްސަލާގައި އަމަލުކޮށްފައިވަަނީ މީގެ ކުރިންވެސް އެބޭފުޅުން އަމަލުކުރަމުން އައި އިޖުރާތްތަކާއި އެއްގޮތަށް ކަމަށެވެ.
ފުލުހުންގެ އެ ބުނުމަށް ރައްދުދެއްވައި ކްރިމިނަލް ކޯޓުން ރޭ ނެރުނު ބަޔާނުގައި ބުނީ ދެ މީހުން ފުރަތަމަ ހައްޔަރުކޮށްފައި ވަނީ ގާނޫނާ ހިލާފަށް ކަމަށާއި އެހެންވީމާ އެމީހުންގެ ބަންދުގެ މުއްދަތު ފުރަތަމަ ޖަހައި ނުދިން މައްްސަލަ ޖެހޭނީ ހައިކޯޓުގައި އިސްތިއުނާފް ކުރަން ކަމަށެވެ.