ދަރިވަރުންގެ ލޯނު ލިބުނު ފަރާތްތަކުގެ ނަންތައް ކުރިއަށް އޮތް 20 ވަރަކަށް ދުވަސްތެރޭ އިއުލާންކުރާނެ ކަމަށް ހަޔަރ އެޑިޔުކޭޝަންއިން ހާމަކޮށްފިއެވެ.
އެ މިނިސްޓްރީން މިކަން ހާމަކޮށް ކުރި ޓުވީޓުގައި ބުނެފައިވަނީ ކުރިއަށް އޮތް 20 ވަރަަކަށް ދުވަސްތެރޭ ދަރިވަރުންގެ ލޯނަށް ކުރިމަތިލި ފަރާތްތަކުގެ ނަންތައް އިއުލާންކުރާނެ ކަމަށާއި އަދި އެގޮތަށް އެކަންތައް ކުރަން ނިންމީ ނަންތައް ހާމަނުކޮށް ލަސްވެއްޖެ ހާލަތުގައި ދަރިވަރުންގެ ކިޔެވުމަށް އައިސްދާނެ ލަސްތަކަކަށް ވިސްނާފައިކަމަށްވެސް އެ މިނިސްޓްރީން ވަނީ ބުނެފައެވެ.
އަދި ބާކީ ހުރި ޖާގަތަކަށައް ކުރިމަތިލުމުގެ ފުރުސަތު މިމަހު 20 ވަނަ ދުވަހު އަލުން ހުޅުވާލާނެކަމަށްވެސް މިނިސްޓްރީން ވަނީ ބުނެފައެވެ.
މީގެ އިތުރުން ދަރިވަރުންގެ ލޯނަށް ކުރިމަތިލައި އެ ފުރުސަތު ނުލިބުނު ފަރާތްތަކަށް އެ ފުރުސަތު ލިބިގެން ނުދިޔައީ ކީއްވެގެން ކަން ބަޔާންކޮށްދިނުމަށް ހާއްސަ ސެޝަންތަކެއް ކުރިއަށް ގެންދިޔުމަށްވެސް އެ މިނިސްޓްރީން ވަނީ ނިންމާފައެވެ.
މިނިސްޓްރީން މީގެ ކުރިން ބުނެފައިވާ ގޮތުގައި، 242 ދަރިވަރުންނަށް ލޯނު ދިނުމަށް ހަމަޖެހިފައިވަނީ އަލަށް ކިޔަވަންފަށާ 158 ދަރިވަރުންނަށާއި މިހާރު ކިޔަވަމުންގެންދާ 84 ދަރިވަރުންނަށެވެ. މި ކަމަށް 54 މިލިއަން ރުފިޔާގެ ބަޖެޓެއް ވަނީ ކަނޑައަޅާފައެވެ.