ނިކް ޖޯނަސް އަށްވުރެ ޕްރިޔަންކާ ޗޯޕްރާ އުމުރުން ބޮޑު ވުމުން ކައިވެނީގެ ކުރިންވެސް އަދި މިހާރުވެސް މީހުން ވަރަށް ފާޑުފާޑުގެ އެއްޗެހި ކިޔާ ކަމަށް، ބޮލީވުޑް އަދި ހޮލީވުޑްގައި ފިޔަޖަހަމުން އަންނަ ތަރި ޕްރިޔަންކާ ޗޯޕްރާ ބުނެފިއެވެ.
ޕްރިޔަންކާ ދިން އިންޓަވިއުއެއްގައި، ނޫސްވެރިއަކު އޭނާ އަދި ފިރިމީހާ ނިކްގެ އުމުރުގެ ތަފާތާއި ބެހޭ ގޮތުން ސުވާލެއް ކުރުމުން، ޖަވާބު ދެމުން ބުނީ، މީހުން ވަރަށް ފާޑުފާޑުގެ އެއްޗެހި ކިޔާ ކަމަށެވެ.
"މީހުން ކުރިންވެސް އަދި މިހާރުވެސް ވަރަށް ފާޑުފާޑުގެ އެއްޗެއްހި ކިޔާ. އަހަރެން އެންމެ ހައިރާންވަނީ، އަންހެން ކުއްޖާއަށްވުރެ ފިރެހެން ކުއްޖާ ދޮށީ ވިއްޔާ މީހުން އަޅާއިނުލާތީ. ހަގީގަތުގައި އެންމެ މުހިންމު އެއްކަމަކީ ދެމެފިރިން އެކަކު އަނެކަކު ދެކެ ވަރަށް ލޯބިވެ، ކައިވެނި ކޮށްގެން ލޯބިން އުޅެވުން. އުމުރަކީ ހަމައެކަނި އަދަދެއް." ޒުވާން ބަތަލާ ޕްރިޔަންކާ ބުންޏެވެ.
ޕްރިޔަންކާ އަދި ނިކް ޖޯނަސްގެ މެދުގައި 10 އަހަރުގެ އުމުރުގެ ތަފާތެއްވެއެވެ. ޕްރިޔަންކާއަށް މިއަހަރު 36 އަހަރު ވެފައިވާއިރު، ނިކް ގެ އުމުރުން އަދި ވީ 26 އަހަރެވެ.