ހުޅުމާލެ ގެއަކުން ތިން ކިލޯގެ މަސްތުވާތަކެއްޗާއި އެކު ހައްޔަރުކުރި ދެމީހުންގެ ބަންދުގެ މުއްދަތު ހުޅުމާލެ ކޯޓުން އިތުރުކޮށް ދީފައިނުވަނީ އެ މައްސަލަ ތަހުޤީގު ކުރުމަށް ހަވާލުވެފައިވާ ފުލުސް އޮފިސަރ ނޫން އެހެން މީހަކު ބަންދުގެ މުއްދަތަށް އެދުމުން ކަމަށް ކޯޓުން ބުނާ ބުނުން ފުލުހުން ދޮގުކޮށްފިއެވެ.

އެކަން ދޮގުކޮށް ފުލުހުން ވިދާޅުވީ މަސްތުވާތަކެތީގެ މައްސަލާގައި ހިމެނޭ ދެ މީހުން ހައްޔަރުކުރުމަށް ރޭ ކޯޓުން އަމުރު ހޯދީ އެ ވަގުތު ޑިއުޓީގައި ހުރި އިންވެސްޓިގޭޓަރު ކަމަށެވެ.

ނަމަވެސް، ބަންދުގެ މުއްދަތު އިތުރުކޮށްދިނުމަށް އެދި ކޯޓަށް ހާޒިރުވެފައިވަނީ ހެނދުނު ޝިފްޓުގެ އިންވެސްޓިގޭޓަރއެވެ. އަދި އެ ދެ ފުލުހުންނަކީ ވެސް މި މައްސަލަ ތަހުގީގުކުރުމުގެ ހުއްދަ އޮންނަ ދެ އިންވެސްޓިގޭޓަރުންކަން ފުލުހުންވަނީ ފާހަަކުރައްވާފައެވެ.

"މިއީ ވެއަތުވެ ދިޔަ ތަނުގައި ވެސް މަސްތުވާތަކެތީގެ މައްސަލަތަކުގައި އަމަލުކޮށްފައިވާ އަދި ދުވަހަކު ވެސް އިޖުރާއީ މައްސަލައެއް ޖެހުނު ކަމެއް ނޫންކަން ފާހަގަކުރަމެވެ." ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖްގައިވެ އެވެ.

އިއްޔެ ރޭ ހައްޔަރުކުރި 25 އަހަރުގެ ފިރިހެން މީހާ އާއި 52 އަހަރުގެ އަންހެން މީހާ އިއްޔެ ކްރިމިނަލް ކޯޓުން އެންމެ ފުރަތަމަ ދޫކޮށްލީ، ހައްޔަރުކުރަން ހުޅުމާލޭ ކޯޓުން ދިން އަމުރުގައި ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ބުނާ ގޮތަށް ގާޒީގެ ނަން ނެތުމުން އަމުރު ފުރިހަމަ ނުވާތީ އެވެ. އެހެންވެ ރޭގެ ވަގުތެއްގައި އަލުން މި ދެ މީހުން ހުޅުމާލޭ ކޯޓުގެ އަމުރަކަށް އަނެއްކާވެސް ހައްޔަރުކުރި އެވެ. ނަމަވެސް ބަންދުގެ މުއްދަތު އިތުރު ކުރުމަށް އެ ކޯޓަށް މިއަދު ގެންދިއުމުން ވަނީ އިޖުރާއީ މައްސަލައެއް އުޅޭ ކަމަށް ބުނެ އެ ދެ މީހުން އަނެއްކާވެސް ދޫކޮށްލައިފަ އެވެ.

މިއަދު އެ މީހުން ދޫކޮށްލީ، ރޭ އެ މީހުން ހައްޔަރުކުރުމުގެ އަމުރަށް އެދުނު ފުލުސް އޮފިސަރު ނޫން އެހެން ފުލުހަކު ބަންދުގެ އަމުރަށް އެދުމުން، އެއީ ޖިނާއީ އިޖުރާއަތުގެ ގަވައިދުގެ އަށް ވަނަ މާއްދާއާ ހިލާފް ކަމެއްގެ ގޮތުގައި ބަލައިފަ އެވެ. އެ މާއްދާގައި ބުނަނީ ބަންދުގެ މުއްދަތު އިތުރުކޮށްދޭން އެދެންވާނީ އެ މައްސަލައެއް ތަހުގީގު ކުރުމާ ހަވާލުވެ ހުރި ފަރާތް ކަމަށެވެ.

ނަމަވެސް ފުލުހުން ވިދާޅުވީ، އެ މައްސަލައިގައި ކޯޓަށް ގޮސްފައިވަނީ އެ މައްސަލަ ތަހުގީގުކުރުމަށް ހަވާލުވި އޮފިސަރުކަމަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *