ކޮންމެ އިންސާނަކުވެސް ދުނިޔެއަށް އުފަންކުރައްވަނީ، ފިތުރަތުގެ ސާފުސީދާ ކަންމަތީގައެވެ. އެކުއްޖާ ޔަހޫދީއަކަށް، މަޖޫސީއަކަށް ނުވަތަ މުސްލިމަކަށް ހަދާ މީހަކީ އެކުއްޖެއްގެ މައިންބަފައިންނެވެ. ކޮންމެ ކުއްޖެއްގެވެސް އެންމެ ފުރަތަމަ މަދަރުސާއަކީ އެކުއްޖެއްގެ ގެއެވެ. ކޮންމެ ކުއްޖެއްގެވެސް އެންމެ ފުރަތަމަ އެދުރަކީ އެކުއްޖާގެ މަންމަ ނުވަތަ ބައްޕައެވެ. ކޮންމެ ދަރިއެއްގެވެސް ރޯލް މޮޑެލުންނަކީ އެކުދިންގެ މައިންބަފައިންނެވެ. ޝައްކެއްނެތް ގޮތުގައި، މައިންބަފައިން ވާންޖެހޭނީ ދަރިންނަށް ނަމޫނާ ބަޔަކަށެވެ. ދަރިން ކުރާ ރަނގަޅު ކަންތައްތަކުގައި އެކުދިންނަށް ހިތްވަރުދޭ ބަޔަކަށެވެ. ދަރިން ކުރާ ރަނގަޅު ކަންތައްތަކުގައި ދަރިންގެ ހިތްވަރަކަށްވާ ބީދައިން، މައިންބަފައިން ވާންޖެހޭނީ، ދަރިން ގޯސް މަގަކުން ދާނަމަ އެކަމެއް ހުއްޓުވާވެސް ބަޔަކަށެވެ. 

އެއްވެސް މަޔަކު އަދި ބަފަޔަކު އެމީހެއްގެ ދަރިންނަށް ދެރަ ގޮތެއް މެދުވެރިވާކަށް ނޭދޭނެއެވެ. އެކަމާއި ދޭތެރޭ އެއްވެސް ޝައްކެއް ވެސް ނުކުރަމެވެ. ދަރިން އުމުރުން ކިތަންމެ ބޮޑުވިޔަސް، މައިންބަފައިންނަށް ދަރިން އަބަދުވެސް ވާނީ ކުޑަކުދިންނަށެވެ. ގިނަ ފަހަރަށް އެކުދިންގެ ކޮންމެ ފިޔަވަޅަކަށް ފާރަވެރި ނަޒަރަކުން ބެލެނީވެސް އެކުދިންނަށް ދެރަގޮތެއް ވާން ނޭދޭތީއެވެ. ދަރިން ދެކެ ވާ ލޯތްބެއްގެ މަތިވެރިކަމުންނެވެ. ނަމަވެސް ބައެއް ފަހަރު މައިންބަފައިންނަށް ނޭނގި ނަމަވެސް އަމަލުކުރެވޭ ގޮތަކުން ދަރިންގެ މުސްތަގުބަލަށް ނޭދެވޭ އަސަރުތައް ކުރެއެވެ. 

ދަރިންގެ އަމަލުތައް ހުންނަ ގޮތުން ހިތްހަމަނުޖެހިގެން، ދަރިންނަށް ވިސްނައި ދިނުމަކީ މައްސަލައެއް ނޫނެވެ. ދަރިން ގޯސްމަގުތައް ހިޔާރުކުރިޔަ ނުދީ ހުއްޓުވުމަކީވެސް މައްސަލައެއް ނޫނެވެ. ދަރިންގެ ކަންކަމާއި ބެހޭ ބަސް ކިޔުމަކީވެސް މައްސަލައެއް ނޫނެވެ. ނަމަވެސް ގަބޫލުކުރަންޖެހޭ ހަގީގަތަކީ ކޮންމެ ކަމަކަށްވެސް އިމެއް ވާނެކަމެވެ. ނަމަވެސް ކުއްޖާ ހިފަހައްޓާލެން ބޮޑު ކަމުން ކުއްޖާއަށް އެކަމުން ނޭދެވޭ އަސަރު ކުރާ ހިސާބަށް ކަންތައް ދާނަމަ އެ މައްސަލައެކެވެ. މައިންބަފައިން އަބަދުވެސް ބަލަންވީ ކުއްޖާގެ އެންމެ ގާތް އެކުވެރިޔާއަށް ވެސް ވުމަށެވެ. ޖެހިލުމެއް ނެތި ދަރިފުޅަށް ކަންކަން ހިއްސާ ކުރެވޭ ވަރުގެ ބަޔަކަށް ވުމަށެވެ.

ދުނިޔެ މިއަދު މިވަނީ ބަވަނަވެފައެވެ. ރާއްޖެވެސް މިއަދު މިވަނީ ތަހުޒީބުގެ އޮޔާއި ވަޔާއިއެކު އެނބުރެމުން އެނބުރެމުން ގޮސް، ގައުމުގެ އިޖްތިމާއީ ފޭރާމުގައި ބާގަނޑުތައް ހެދި ފޫނުބެއްދޭ ވަރު ވެފައެވެ. އަޅުގަނޑުވެސް ގަބޫލުކުރަމެވެ. މިއަދު ދިރިއުޅުމުގައި ކުރިއަށް ދެވޭނީ ވަރަށް ވިސްނުންތެރިކަމާއި އެކު އުޅުނު މީހަކަށެވެ. ހާއްސަކޮށް، މިދުވަސްވަރު، ޒުވާނުން ނުބައި މަގުތައް އިހްތިޔާރުކުރާލެން އަވަހެވެ. ފަހަރެއްގައި މައިންބަފައިން ދަރިންނަށް އެހާވަރަށް ބަަލައި ސަބަބަކީ ވެސް ދަރިފުޅު ނުބައި ގޯޅިއެއް އަޅައިފާނެ ކަމުގެ ބިރު އޮތުން ކަމަށް ވެދާނެއެވެ. ނަމަވެސް، ދަރިފުޅު ކުރާ ކޮންމެ ކަމަކަށް ފާރަވެރިވެ، ޝައްކު ކުރުމަކީ ހައްލެއްތޯއެވެ؟ ނުވަތަ ދަރިން ދައްކާ ވާހަކަތަކަށް ބީރު ކަންފަތެއް ދިނުމަކީ ހައްލެއްތޯއެވެ؟ ނުވަތަ ދަރިންނަށް ދޭން ޖެހޭ މިނިވަންކަން ނުދިނުމަކީ އިންސާފެއްތޯއެެވެ؟ ހަމަގައިމުވެސް، އެއީ ރަނގަޅު ގޮތެއް ނޫނެވެ. ދަރިން މައިންބަފައިން ބުނާ ބަސްއަހާނީވެސް، އެކުދިންނަށް އިތުބާރުކޮށް އެކުދިން ދައްކާ ވާހަކަތައް ގަބޫލުކުރުމުންނެވެ.

އަޅުގަނޑު ކުރިންވެސް ދެންނެވި ފަދައިން، ކޮންމެ ކަމަކަށްވެސް އިމެއް އޮންނާނެއެވެ. ކޮންމެ ކަމެއްވެސް އެކަމަކަށް އޮންނަ އިމުގެ ތެރެއިން ކޮށްފިނަމަ، އެކަމުން ކުރިމަތިލާންޖެހޭ ނޭދެވޭ އަސަރުތައް މަދުވާނެ ކަމާއި މެދު ޝައްކެއްނެތެވެ. މައިންބަފައިންވެސް ދަރިންނާއި ދޭތެރޭ މާ ހަރުކަށިކޮށް ކަންތައް ނުކުރާނަމަ ދަރިން މައިންބަފައިން ދޭ ނަސޭހަތް ރަނގަޅަށް އަޑު އަހާނެއެވެ. 

އެކި ކުދިން ދިިރިއުޅުމުގައި ހާސިލުކުރަން ބޭނުންވާނީ އެކި ލަނޑުދަނޑިތަކެވެ. އަޅުގަނޑުމެންގެ އަތުގެ އިނގިލިތައް އެއްވަރު ނުވާ ބީދައިން އެކި މީހުންގެ ގައިގައި ވެސް ހުންނާނީ އެކި ހުނަރުތަކެވެ. ތިބާގެ ދަރިފުޅު ތިބާގެ އަވައްޓެރިޔާގެ ދަރިފުޅު ހާ ކިޔަވަން މޮޅު ނުވެދާނެއެވެ. އޭގެ މާނައަކީ ތިބާ އެކުއްޖާ އާއި އެހެން ކުދިންނާއި އަޅުވާ ކިޔައި ދެރަކޮށްލާނީއެއް ނޫނެވެ. ތިބާ ދަރިއަކީ ކިޔަވަން އެންމެ މޮޅު ކުއްޖަކަށް ނުވިއަސް، އެކުއްޖާ ގައިގައި އެހެން ކުދިން ގައިގައި ނެތް އާދަޔާއި ހިލާފް ހުނަރެއް ވެސް ހުރެދާނެއެވެ. އެހެން ކަމުން މައިންބަފައިން އަބަދުވެސް ވާންވީ ދަރިންގެ ހިތްވަރަކަށެވެ.

ދަރިފުޅު ދިރިއުޅުމުގައި ހާސިލުކުރަން ބޭނުންވާ ލަނޑުދަނޑިތައް ހާސިލުކުރަން މަސައްކަތް ކުރާއިރު، މައިންބަފައިން ވާންވީ ދަރިފުޅުގެ އެންމެ ބޮޑު ހިތްވަރަށެވެ. ދަރިފުޅު ހިތްމަރާލާ ކުރާ މަސައްކަތުން ފޫހިކޮށްލާ ބަޔަކަށް ނޫނެވެ. އެހެން މީހުން ދައްކާ ވާހަކައަށް ވުރެ ބޮޑަށް ދަރިފުޅުގެ ވާހަކަ އަޑުއަހާ އެއަށް އިތުބާރު ކުރާ ބަޔަކަށެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *