ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާގެ ރައީސްކަމުގެ ދެވަނަ ދައުރަކަށް ޖިއާނީ އިންފަންޓީނޯ އިންތިހާބުކޮށްފިއެވެ.

ޕެރިހުގައި މިއަދު ކުރިއަށްދިޔަ ފީފާގެ 69 ވަނަ ކޮންގްރެސްގައި އިންފަންޓީނޯ އިތުރު ދައުރަކަށް އިންތިހާބުކުރިއިރު، އެހެން ކެންޑިޑޭޓަކު ވާދައެއްނުކުރައްވައެވެ. އެހެންކަމުން، 2016 ވަނަ އަހަރުގެ ފެބުރުއަރީ މަހު ފީފާގެ ރައީސްގެ މަގާމާ ހަވާލުވި އިންފަންޓީނޯ 2023 ވަނަ އަހަރުގެ ނިޔަލަށް ދެމިހުންނާނެއެވެ.

އިޓަލީ އިން ސްވިޒަލޭންޑަށް ހިޖުރަކުރި ދެމަފިރިއަކަށް އުފަންވި، މިހާރު އުމުރުން 49 އަހަރުގެ އިންފަންޓީނޯ ފީފާގެ ރައީސްކަމަށް ހޮވިވަޑައިގަތުމުގެކުރީން ހުންނެވީ ޔުއެފާގެ ޖެނެރަލް ސެކްރެޓަރީގެ ގޮތުގައެވެ.

އިންފަންޓީނޯ އިންތިހާބުވީ، ފީފާގެ ކޮރަޕްޝަނުގެ މައްސަލަތައް ބަލަން ފެށުމާ އެކު ފީފާގެ ކުރީގެ ރައީސް ސެޕް ބްލެޓާ 2015 ވަނަ އަހަރު އިސްތިއުފާ ދެއްވުމުން ބޭއްވި އިންތިހާބު ކާމިޔާބުކުރައްވައިގެންނެވެ. ބްލެޓާ ވަނީ ފީފާގެ ރައީސްގެ މަގާމު 17 އަހަރު ވަންދެން ފުރުއްވައިފައެވެ.

ކޮރަޕްޝަނުގެ ގިނަ މައްސަލަތަކެއްގެ ތެރޭގައި ފީފާ އޮއްވައި އިންފަންޓީނޯ ވަނީ އެމަގާމަށް އިންތިހާބުވުމަށްފަހު ފީފާ އަށް ގިނަ ބަދަލުތަކެއް ގެނެސްފަ އެވެ. އެގޮތުން، އޭނާ ވަނީ ދުނިޔޭގެ ގިނަ ގައުމުތަކުގެ ތާއީދު ފީފާ އަށް ހޯދުމަށް ގިނަ މަސައްކަތްތަކެއް ކުރައްވާފައެވެ.

އިންފަންޓީނޯގެ މި ދައުރުގައި އޭނާ ކުރެއްވި އެންމެ ބޮޑު މަސައްކަތްތަކަށް ބަލާއިރު 32 ޓީމު ބައްދަލުކުރަމުން އައި ވޯލްޑްކަޕް 48 ޓީމު ބައިވެރިވާ ގޮތަށް އިތުރުކުރުން ހިމެނެއެވެ. އެ ބަދަލު ފެނިގެންދާނީ 2026 ވަނަ އަހަރު އެމެރިކާ އާއި ކެނަޑާ އަދި މެކްސިކޯގައި ބާއްވާ ވޯލްޑްކަޕުން ފެށިގެންނެވެ.

އޭގެއިތުރުން، މިހާރު އާދައިގެ ގޮތަކަށް ބާއްވަމުން އަންނަ ކްލަބް ވޯލްޑް ކަޕް ރީބްރޭންޑްކޮށް 24 ޓީމަށް ވާދަކުރެވޭގޮތަށް 2021 ވަނަ އަހަރުން ފެށިގެން ކުރިއަށްގެންދިއުމަށްވަނާ ނިންމާފައެވެ.

މީގެކުރީން، ވޯލްޑްކަޕަށް ތައްޔާރުވުމަށްޓަކައި ބާއްވަމުން އައި ކޮންފެޑެރޭޝަން ކަޕްގެ ބަދަލުގައި ހަތަރު އަހަރުން އެއް އަހަރު ޖޫން މަހު ބާއްވާގޮތަށް މަޝްވަރާކުރެވިފައިވާ އާ ކްލަބް ވޯލްޑް ކަޕާ މެދު ޔޫރަޕިއަން ކްލަބް އެސޯސިއޭޝަން (އީސީއޭ) ހިތްހަމަނުޖެހުނުނަމަވެސް، ފީފާ އިން އަންނަނީ އެކަމަށް ހައްލެއް ހޯދުމަށް ކެނޑިނޭޅި މަސައްކަތްކުރަމުންނެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *