މިހަރުގެ ފުރަތަމަ ކުއާޓަރުގައި ބޭންކުތަކުން އަމިއްލަ ފަރާތްތަކަށް ދޫކުރި ލޯނުތަކުގެ އަދަދު 7 އިންސައްތަ އިތުރުވެއްޖެއެވެ.
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން އާއްމުކޮށްފައިވާ ކުއާޓަލީ އިކޮނޮމިކް ބުލެޓިންގައިވާގޮތުން، އެ މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ބޭންކުތަކުން ވަނީ 23.1 ބިލިއަން ރުފިޔާގެ ލޯނު ދޫކޮށްފައެވެ.
މިދިޔަ އަހަރެކޭ އެއްފަދައިން މިއަހަރުގެ ފުރަަތަމަ ކުއާޓަރގައިވެސް އެންމެ ގިނަ އަދަދަކަށް ލޯން ދޫކޮށްފައިވަނީ ފަތުރުވެރިކަމުގެ ސިނާއަތަށެވެ. އެގޮތުން ބޭންކުތަކުން ދޫކޮށްފައިވާ ލޯންތަކުގެ 37 އިންސައްތައަކީ ފަތުރުވެރިކަމުގެ ސިނާއަތަށް ދޫކޮށްފައިވާ ލޯނެވެ.
ދެން އެންމެ ގިނަ އަދަދަކަށް ލޯން ދޫކޮށްފައިވަނީ އިމާރަތްކުރުމުގެ ސިނާއަތަށެވެ. އެގޮތުން ދޫކޮށްފައިވާ ލޯންތަކުގެ 22 އިންސައްތަ އަކީ އިމާރަތްކުރުމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ކުންފުނިތަކަށް ދޫކޮށްފައިވާ ލޯނުތަކެވެ.
މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި އެންމެ ބޮޑު ކުރިއެރުމެއް ލިބިފައިވަނީ އިމާރަތްކުރުމުގެ ސިނާއަތަށް ދޫކޮށްފައިވާ ލޯނުގެ އަދަދަށެވެ.