ކޮލަމްބިއާގެ މިޑްފީލްޑަރު ހަމޭސް ރޮޑްރިގޭޒް ބަޔާން މިއުނިކްގައި މަޑުކުރަން ބޭނުންނުވީކަމަށް އެ ކްލަބުގެ ޗީފް އެގްޒެކެޓިވް ކާލް-ހެއިން ރުމެނިގާ ބުނެފިއެވެ.
ހަމޭސް ބަޔާނަށް ބަދަލުވީ ދެ އަހަރު ދުވަހުގެ ލޯން އެއްބަސްވުމެއްގެ ދަށުން 2017 ވަނަ އަހަރުގެ ސީޒަނަށެވެ. އަދި މި އެއްބަސްވުމުގެ ދަށުން ލޯން މުއްދަތު ހަމަވުމުން 42 މިލިއަން ޔޫރޯގެ އަގަކަށް ހަމޭސް ގަތުމުގެ އިހުތިޔާރު ބަޔާނަށް ލިބިފައި އޮތް ނަމަވެސް އެކަން އެގޮތަށް ނުކުރުމަށް ހަމޭސް އެދުމުން ބަޔާނުން އެކަމަށް އިޖާބަދިނީކަމަށް ރުމެނިގާ ބުންޏެވެ.
"ހަމޭސްއާ ދެއްކި ވާހަކަތަކަށްފަހު އޭނާގެ އެދުމުގެ މަތީން އަހަރެމެން ނިންމީ އެއްބަސްވުން ދާއިމީ ނުކުރުމަށް. އޭނާ ބޭނުންވީ ގަވާއިދުން ފުރަތަމަ އެގާރައިގައި ކުޅުމުގެ ޔަގީންކަން، އެކަން އަހަރެމެންނަށް ޔަގީންކޮށްނުދެވުނު. އެކަމާއި އަހަރެން ހިތާމަކުރަން." ސްޕޯޓް ބިލްޑް އަށް ދިން އިންޓަވިއުގައި ރުމެނިގާ ބުންޏެވެ.
ބްރެޒިލްގައި 2014 ވަނަ އަހަރު އޮތް ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލަށް ކޮލަމްބިއާ ގެންގޮސްދިނުމުގެ މުހިއްމު ދައުރެއް އަދާކުރި ހަމޭސް ވަނީ އެ މުބާރާތުގައި މޮޅު ކުޅުމެއް ދައްކައި އެންމެ ގިނަ ގޯލްޖަހާ ކުޅުންތެރިއަކަށްދޭ ރަންބޫޓް ވެސް ހާސިލްކޮށްފައެވެ. އޭގެނަތީޖާއެއްގެގޮތުން، އެ މުބާރާތަށް ފަހު ރެއާލަށް އޭނާ ބަދަލުވީ 80 މިލިއަން ޔޫރޯ އަށެވެ.
ނަމަވެސް، ރެއާލްގެ ކޯޗުކަމާ ޒިނެދިން ޒިދާން ހަވާލުވި ފަހުން ހަމޭސް އަށް ރެއާލުން އެކަށީގެންވާވަރަށް ފުރުޞަތުނުލިބޭތީވެ އެ ކްލަބު ދޫކޮށްލާން އޭނާ ނިންމީއެވެ. އެއަށްފަހު، އޭނާ ވަނީ ބަޔާންގައި ހޭދަކުރީ ފާއިތުވީ ދެ ސީޒަނުގައި ކުޅެދިން 67 މެޗުގައި 15 ގޯލް ކާމިޔާބުކޮށް އިތުރު 20 ލަނޑުޖެހުމަށް އެހީތެރިވެދީފައިވެއެވެ. އޭނާ ވަނީ ބަޔާން އާއެކު ބުންޑަސްލީގާ އާއި ޖަރުމަން ސުޕަ ކަޕް ދެ ފަހަރު އަދި ޖަރުމަންކަޕް އެއް ފަހަރު ކާމިޔާބުކޮށްފައެވެ.
ހަމޭސް އެނބުރި ރެއާލަށް ދިޔަނަމަވެސް، ރެއާލްގެ ކޯޗު ޒިދާންގެ ޕްލޭންގައި އޭނާ ނުހިމެނޭތީވެ، ކުރިއަށް އޮތް ސީޒަނުގައި އެ ޓީމުން ފެނުމުގެ ފުރުޞަތެއްނެތެވެ. ފަހުގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުން، ރެއާލުން ހަމޭސް ވިއްކާލާނެއެވެ. އޭނާ ގެންދިއުމަށް މިހާރުވެސް ނަޕޯލީ އިން މަސައްކަތްކުރަމުން އަންނަ ކަމަށް އިޓަލީގެ މީޑިއާ ހަބަރުތައް ބުނެއެވެ. އެހެންނަމަވެސް، ދާދިފަހުން ހަމޭސް ވަނީ އެނބުރި އަމިއްލަ ގައުމަށް ދާން ބޭނުންވާކަމަށް ބުނެފައެވެ.