ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި މިދިޔަ ހޮނިހިރު ދުވަހު މަރުވި ސްޕެއިނުގެ ފުޓްބޯޅަ ކުޅުންތެރިޔާ ހޯސޭ އެންޓޯނިއޯ ރޭޔޭސްގެ ދަރިފުޅު ލޮޕޭޒްގެ އުމުރުން 18 އަހަރު ވަންދެން ހުރިހާ ހަރަދެއް ބަލަން ރޭޔޭސްގެ ކުރީގެ ކްލަބު ރެއާލު މެޑްރިޑްގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒް ނިންމަވާފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

މިހާރު އުމުރުން 11 އަހަރުގެ ލޮޕޭޒް ކުޅެމުން އަންނަނީ ލެގަނޭސްގެ ޖޫނިއާ ޓީމަށެވެ. ނަމަވެސް، މި ސީޒަނަށްފަހު ރެއާލްއާ އޭނާ ގުޅޭނެކަމަށް ސްޕެއިނުގެ ތަޖުރިބާކާރު ނޫސްވެރިޔާ ކްރިސްޓޮބަލް ސޯރިއާ ބުންޏެވެ.

"ރެއާލްގެ ރައީސް ޕްރޭޒް އަހަރެން ގާތުގައި ބުނީ ލޮޕޭޒްގެ ކަންތައްތަކާ ރެއާލުން ހަވާލުވާނެކަމަށް. އޭނާގެ އުމުރުން 18 އަހަރު ވަންދެން އެއްވެސް ކަމަކާއި ވިސްނާން ނުޖެހޭނެކަމަށް. މިއީ އަހަރެމެންނަށް ލިބުނު ވަރަށް އުފާވެރި ހަބަރެއް،" ފެންކަޅިވެފައިހުރެ އެ ވާހަކަތައް ކިޔައިދެމުން ސޯރިއާ ބުންޏެވެ.

އުމުރުން 16 އަހަރުގައި ސެވިއްޔާގެ ސީނިއާ ޓީމުން ޖާގަ ހޯދީ ރޭޔޭސްގެ ވިދުން އެންމެ ގަދަވެފައިވަނީ 2004 ވަނަ އަހަރު އާސެނަލަށް ބަދަލުވުމުންނެވެ. އެފަހަރު އޭނާ ވަނީ އާސެނަލުން މެޗަކުން ބަލިނުވެ ޕްރިމިއާ ލީގު ކާމިޔާބުކުރިއިރު މޮޅު ކުޅުމަށް ދައްކާފައެވެ. އެ ޓީމާއެކު އެފްއޭކަޕް މުބާރާތާއި ކޮމިއުނިޓީ ޝީލްޑް ކާމިޔާބުކުރުމުގެ އިތުރުން 2006 ވަނަ އަހަރުގެ ޔުއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލަށް ގެންގޮސްދިނުމުގައި ވަނީ މުހިއްމު ދައުރެއް އަދާކޮށްފައެވެ.

އާސެނަލްގައި ހޭދަކުރީ ދުވަސްވަރު، 2006-2007 ވަނަ އަހަރުގެ ސީޒަނުގައި އޭނާ ވަނީ ލޯން އުސޫލުން ރެއާލް މެޑްރިޑަށްވެސް ކުޅެފައެވެ. އެ އަހަރު އެ ޓީމާއެކު ސްޕެނިޝް ލީގު ކާމިޔާބުކޮށްފައިވެއެވެ.

އޭގެފަހުން، އޭނާ ވަނީ އެތުލެޓިކޯ މެޑްރިޑަށް ބަދަލުވެ ޔުރޮޕާ ލީގު ދެ ފަހަރު ހޯދާފައެވެ. އެއަށްފަހު، އޭނާގެ ކުރީގެ ކްލަބު ސެވިއްޔާ އަށް އެނބުރިއައިސް ވަނީ އެމުބާރާތް ތިން ފަހަރު ކާމިޔާބުކޮށްފައެވެ. ރޭޔޭސްގެ ފުޓްބޯޅަ ކެރިއަރުގައި ވަނީ އެކި އުމުރުފުރާތަކުގައި ގައުމީ ޓީމަށް ކުޅެފައެވެ. މީގެއިތުރުން، އޭނާ ވަނީ 2003 ވަނަ އަހަރުން ފެށިގެން ސީނިއާ ގައުމީ ޓީމަށް 22 މެޗު ކުޅެދީ ހަތަރު ގޯލް ކާމިޔާބުކޮށްފައެވެ.

އުމުރުން 35 އަހަރުގައި ރޭޔޭސް މަރުވިއިރު ކުޅެމުން އައީ ސްޕެއިނުގެ ދެވަނަ ޑިވިޝަނުގެ ކްލަބެއްކަމަށްވާ އެކްސްޓްރަމަޑޫރާއަށެވެ. ރޭޔޭސް ދުއްވަން އިން ކާރު އެކްސިޑެންޓްވީ ކަނޑައެޅިފައިވާ ސްޕީޑް ލިމިޓަށް ވުރެން ބާރަށް ދުއްވަމުން ދަނިކޮށް ކަމަށް ސްޕެއިނުގެ ފުލުހުން މިހާތަނަށް ކުރި ތަހުގީގުންވަނީ ހާމަވެފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *