މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ ނުރައްކާތަކަށް ބަލަހައްޓައިގެން ތިބޭނެ ވަގުތެއް ރާއްޖެ ފަދަ ގައުމުތަކަށް ނެތް ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިއަދު ވިދާޅުވެއްޖެ އެވެ.
މިއަދު ބާލިންގައި ބޭއްވުނު "ކްލައިމެޓް ޗޭންޖް އެންޑް ސެކިޔުރިޓީ ކޮންފަރަންސް" ގައި ތަގުރީރުކުރައްވަމުން ޝާހިދު ވިދާޅުވީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ ކާރިސާތަކުގައި ދިރިއުޅުން ހަލާކުވެ، ގެދޮރާއި މުދާ ގެއްލުމުގެ ހަގީގަތް ރާއްޖޭގެ ގިނަ ރައްޔިތުންތަކެއްވެސް ތަހައްމަލު ކުރަންޖެހިފައިވާ ކަމަށެވެ.
"މިއަދު، ފިނި ކޮޓަރީގައި ތިބެ، އެކަހަލަ ހާދިސާއެއްގައި މީހުންނަށް ކުރިމަތިވާ ދެރަ ނިކަމެތި ހާލު އިހުސާސްކުރަން ދަތިވާނެ. އެ ފަދަ މީހުން މުޅި ހަޔާތުގައި ކުރި މަސައްކަތް ގެއްލިގެން ގޮސް، އެމީހުންގެ ދަރީންގެ މުސްތަގުބަލު ބެހިގެން ދިޔަ މަންޒަރު ސިފަ ކުރަން އުނދަގޫވާނެ. އެހެނަސް، އަޅުގަނޑު މި ގޮވާލަނީ އެފަދަ ނިކަމެތި ހާލަތެއް ހިތަށް ގެންނަން. އެފަދަ ވަގުތެއްގައި ހިތަށް ކުރާނެ އަސަރު އިހުސާސްކުރަން،" އެ ބައްދަލުވުމުގެ ބައިވެރިންނަށް ޝާހިދު ގޮވާލެއްވި އެވެ.
ޝާހިދު އިތުރަށް ވިދާޅުވި ގޮތުގައި، އެފަދަ ހާލަތެއް ހިތަށް ގެނެސްގެން މެނުވީ، މޫސުމަށް އަންނަ ބަދަލުތަކުގެ ނުރައްކާތަކަށް އެކަށީގެންވާ ފިޔަވަޅެއް ނޭޅޭނެ ކަމަށެވެ. އަދި އެފަދަ ފިޔަވަޅު އެޅުމަށްޓަކައި މިހާރުވެސް ވަގުތު ޖެހިފައިވާއިރު، މުޅި ދުނިޔެއަށް އޮތް ޒިންމާ އެއް ގައުމުން އަނެއް ގައުމުން އިނގިލި ދިއްކުރުމާއި ބަހުސް ކުރުމުގައި ހޭދަވެގެން ހިނގައިދާނެކަމަށް ޝާހިދު ވިދާޅުވިއެވެ.
މީގެ އިތުރުން މޫސުމަށް އަންނަ ބަދަލުތަކުގެ ނުރައްކަލަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން ޒުވާނުން ހޭލައިފި ކަމަށާއި، ފިޔަވަޅުތައް އަޅަންތިބި މީހުންނަށް އެކަން ކުރުމުގެ ގާބިލުކަމާއި ހިތްވަރު ނުނެރެވެންޏާ، މަސައްކަތުގައި ޒުވާނުންގެ ބައިވެރިކޮށް އެ ވިޔަވަޅުތައް އެޅުމުގެ ޒިންމާ އެމީހުންނާ ހަވާލުކުރަންޖެހިފައިވާކަން އެމަނިކުފާން ވަނީ ފާހަގަކޮށްފައެވެ.
އޭޝިއާ ސަރަހައްދަށް 2004 ވަނަ އަހަރު އެރި ސުނާމީ ކާރިސާ މިސާލެއްގެ ގޮތުގައި ފާހަގަ ކުރައްވަމުން، މިނިސްޓަރު ވިދާޅުވި ގޮތުގައި އެ ހާދިސާގައި ވެސް ގިނަ ރާއްޖޭގެ ބައެއް ރަށްތަކުގައި ދިރިޅޫނެވޭވަރަށް ގެއްލުން ލިބި މީހުން ބަދަލުކުރަންޖެހުނު އިރު، އިގުތިސޯދު ބަރޯސާވާ ޓޫރިސްޓު ރިސޯޓުތަކަށްވެސް ބޮޑެތި ގެއްލުންތައް ވެފައިވާ ކަމަށެވެ.