ދިވެހިންނަކީ އެއްއިރެއްގައި ވަގުތަށް ވަރަށް ފަރުވާތެރި އަދި ޒިންމާދާރު ބައެކެވެ. އަޅުގަނޑުމެންގެ ކާބަފައިންނަކީ، ވަގުތު ޖެހުމުގެ ކުރިން، ހުރިހާ މަސައްކަތެއް ކޮށް ނިންމާލުމަށް ލޯބިކުރާ ވަރަށް މުރާލި ބައެކެވެ. ކުރީ ޒަމާނުގައި ކަންކަމަށް ފަރުވާ ކުޑަކޮށް ކަންނެތް ވުމަކީ މަދު މީހެއްގެ ފަރާތުން ނޫނީ ނުފެންނަ ސިފައެކެވެ. އެދުވަސްވަރު މީހަކަށް މަސައްކަތެއް ހަވާލުކޮށްފިނަމަ އަވަސްވެ ގަންނާނީ، ވީހާވެސް އަވަހަކަށް އެމަސައްކަތެއް ކޮށް ނިންމާލެވޭތޯއެވެ. ފަސޭހަ ކޮށްލައިގެން، އެންމެ ފަހު ވަގުތަށް މަޑެއް ނުކުރާނެއެވެ. 

ޒަމާން މިވަނީ ބަދަލުވެފައެވެ. ތަހުޒީބާއި ތަމައްދުނުގެ ގޮތުން ދުނިޔެ މިއަދު ކުރިން ނުދެކޭ ފަދަ ގިނަ އުސް އަލިތަކަކަށް ވާސިލުވެފައިވާއިރު، އެ ކުރިއެރުންތަކުގެ އަސަރު މިވަނީ އަޅުގަނޑުމެންގެ ކުޑަކުޑަ ދިވެހި ރާއްޖެއަށްވެސް ކޮށްފައެވެ. ހިތާމައަކީ، އަޅުގަނޑުމެން މިއަދު ދެކެމުންމިދާ ކުރިއެރުންތަކުގެ ސަބަބުން ނޭދެވޭ އަސަރުތައްވެސް އަޅުގަނޑުމެންގެ މުޖުތަމައަށް ކުރަމުންދާ ކަމެވެ. ފައިދާއަށް ވުރެ ބޮޑަށް ގެއްލުން ވަމުންދާ ކަމެވެ. އައު، އީޖާދުތަކާއި، އުފެއްދުންތަކުގެ ސަބަބުން އަޅުގަނޑުމެންގެ ދިރިއުޅުން މިވަނީ ވަރަށް ފަސޭހަވެފައެވެ. ނަމަވެސް އެ ފަސޭހަތަކުގެ ސަބަބުން އަޅުގަނޑުމެން ކަންނެތްވެ ފަރުވާ ކުޑަވަމުން ދިޔުމަކީ ހިތާމަ ކުރަންޖެހޭ ކަމެކެވެ.

މިއަދު ސުކޫލުގައި ކިޔަވާ، ކުއްޖާއިން ފެށިގެން ގޮސް، އޮފީސްތަކުގެ އެންމެ އިސް މަގާމުތައް ފުރުއްވަމުން ގެންދަވާ ބޭފުޅުންވެސް، އެމީހުންނަށް ހަވާލުކުރެވޭ މަަސައްކަތްތައް ނިންމާނީ އެންމެ ފަހު ވަގުތެވެ. ކުރަން ހަވާލުކޮށްފައި އޮންނަ މަސައްކަތް ކުރަން ފަށާނީވެސް، އެވަގުތު ޖެހުނީމައި ތެޅިގަނެފައެވެ. ކޮންމެ ކަމެއްވެސް، އެކަމެއްގެ ވަގުތު ޖެހުމުން، ކުރުން މިހާރު މިވަނީ، ދިވެހިންގެ ތެރޭގައި ހަރުލާފައެވެ. ނޫނީ އެހެން ގޮތަކަށް ދައްނަވާނަމަ އެކަން މިހާރު މިވަނީ މީހުންގެ ތެރޭގައި ޓްރެންޑަކަށް ވެފައެވެ.

އަޅުގަނޑުމެން މި ނިންމާލީ ބަރަކާތްތެރިވެގެންވާ ރަމަޝާން މަހެވެ. ރަމަޝާން މަހުގައި ނެރެންޖެހޭ ފިތުރު ޒަކާތް ނެރެން ފުރުސަތު ހުޅުވާލިއިރުވެސް ފެނިގެންދިޔައީ، ޒަކާތް ނެރެން ޖެހޭ އެންމެ ފަހު ދުވަހު، ޒަކާތް ދައްކަން ގިނަ މީހުން ދިޔަ މަންޒަރެވެ. ގާތްގަނޑަކަށް މަހެއްހާ ދުވަސް، ފިތުރު ޒަކާތް ދައްކަން ލިބުނު އިރު، ގިނަ މީހުންނަށް ފިތުރު ޒަކާތް ދައްކަން ދެވުނީ އެންމެ ފަހު ދުވަހެވެ. އެހެން ގޮތަކަށް ބުނާނަމަ، މަދު މީހަކު ނޫން އެންމެންނަށް އެކަމުގައިވެސް ފަރުވާ ކުޑަކޮށްލެވުނީއެވެ. އެންމެ ފަހު ވަގުތު ކުރަން ބޭއްވުނީއެވެ. އޭގެ ނަތީޖާއަކަށްވީ އެންމެ ފަހު ދުވަހު ޒަކާތް ނެރުމަށް އެންމެ ގޮސް، އެތާ ތޮއްޖެހުމެވެ.

ކިޔަވާ ކުދިންނަށް ބަލައިލަމާތޯއެވެ. ގިނަ ކުދިން އިމްތިހާނަށް ދަސްކުރަންވެސް ފަށާނީ އިމްތިހާނަށް އެންމެ ދުވަހަކަށް ވުމުންނެވެ. ގިނަ ފަހަރަށް ބެލެނިވެރިންނަށް ވެސް ދަރިންނަށް ކިޔަވަން މަޖުބޫރު ކުރެވެނީ އެންމެ ފަހު ވަގުތެވެ. ފިލާވަޅު ދަސްކުރުން އެކަންޏެއް ނޫނެވެ. ގޭގައި ހަދަން ހަވާލުކުރާ ފިލާވަޅެއްވެސް ނުވަތަ އެސައިމެންޓެއްވެސް ހަދަން ފަށާނީވެސް އެ ހަވާލުކުރަން ޖެހޭ ދުވަސް އައިސް ބޯމަތި ވުމުންނެވެ. ކުޑަޔަސް ބޮޑަސް ދިވެހިން މިއަދު ފަރުވާ ކުޑަވެގެން ގޮސް، އެއްވެސް ކަމެއް، އެންމެ ފަހު ވަގުތު ނޫނީ ކުރެވޭ ކަމަކަށް ނުވެއެވެ.

އެންމެ ފަހު ވަގުތު ކަންތައް ކުރަން ބަހައްޓައިގެން ގިނަ ފަހަރަށް އެއްވެސް ކަމެއް ނުވާނެއެވެ. ފަހު ވަގުތު ކުރާ މަސައްކަތްތައް ގިނަ ފަހަރަށް އެންމެ ފުރިހަމައެއް ވެސް ނުވާނެއެވެ. ސަބަބަކީ، އަވަސް އަރުވައިލައިގެން އަވަހަށް އެކަމެއް ކުރަން ހަދައިގެން ގިނަ ފަހަރަށް ހުރިހާ ކަމެއް ދާނީ ބޮއްސުން ލައިގެންނެވެ. އަޅުގަނޑުމެން މަސައްކަތް ކުރަންވީ މިހާރަށްވުރެ ޒިންމާދާރު ވުމަށެވެ. ކިތަންމެ ކުޑަކަމެއް ވިޔަސް، އެންމެ ފަހު ވަގުތު ކުރަން ނުބޭއްވުމަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *