ރާއްޖެ އާއި އިންޑިއާ އިން ޖިނާއީ ކުށްތައް ތަޙްޤީޤު ކުރުމުގައި އެއް ގައުމު އަނެއް ގައުމަށް އެއްބާރުންދިނުމުގެ އެއްބަސްވުމެއްގައި ސޮއި ކުރުމުގެ ފުރުސަރު ބޮޑު ކަމަށް އިންޑިއާގެ ނޫހަކުން ބުނެފިއެވެ.
އިންޑިއާގެ ނޫހެއްކަމަށްވާ "އިކޮނޮމިކް ޓައިމްސް"ގައި ބުނެފައިވާ ގޮތުގައި، މިހަފްތާގައި އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ ރާއްޖެއަށް ކުރާ ރަސްމީ ދަތުރުފުޅުގައި، ދެ ގައުމުގެ ދެމެދުގައި ޖިނާއީ ތަހުގީގުތަކާއިގުޅޭ ގާނޫނީ އެހީ ދިނުމުގެ އެއްބަސްވުމެއްގައި ސޮއި ކުރާނެކަމަށް ބެލެވޭކަމަށެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި، އެ އެއްބަސްވުމުގެ މަގްސަދަކީ ދެ ގައުމު އެކުވެގެން، ޓެރެރިޒަމްގެ ނުރައްކާތައް ކުޑަކޮށް، ޓެރަރިޒަމާ ދެކޮޅަށް ފަށާފައިވާ މަސައްކަތަކަށް އިތުރު ބާރެއް ދިނުމެވެ.
މިމަހުގެ 8 ވަނަ ދުވަހު އިންޑިއާގެ ބޮޑު ވަޒީރު ރާއްޖެއަށް ކުރައްވާ ދަތުރުފުޅުގައި، ރައްޔިތުންގެ މަޖިލީހުގައި ތަގްރީރު ކުރެއްވުމަށް ދައުވަތު ދިނުމަށް މަޖިލީހުން ވަނީ ފާސްކޮށްފައެވެ.
މިއީ ނަރެންދުރަ މޯދީ ރާއްޖެއަށް ކުރައްވާ ދެވަނަ ޒިޔާރަތެވެ. އެބޭފުޅާ ފުރަތަމަ ރާއްޖެއަށް ޒިޔާރަތްކުރެއްވީ، އިބްރާހިމް މުހައްމަދު ޞާލިހް ރައީސްކަމުގެ ހުވާ ކުރެއްވި ހަފްލާގައި ބައިވެރިވެ ވަޑައިގަތުމަށެވެ.