ވައި ނުސާފުވެ ދުނިޔެ ހޫނުވުމުގެ ސަބަބުން ހީވެސް ނުކުރާ ވަރުގެ ބޮޑެތި ގެއްލުންތަކާއި ކުރިމަތިލާންޖެހޭ ކަމަށާއި އެ ގޮތުން ވައި ނުސާފުވުން ހުއްޓުވުމަކަށް ގެންނަން ވީހާވެސް އަަަވަހަަށް މަސައްކަތްކުރަންޖެހޭ ކަމަށް އެންވަޔަރަމެންޓް މިނިސްޓަރ ޑރ. ހުސެއިން ރަޝީދު ޙަސަން ވިދާޅުވެއްޖެއެވެ.

މިއަދު ފާހަގަކުރަމުން އަންނަ ދުނިޔޭގެ ތިމާވެށި ޙިމާޔަތްކުރުމުގެ ދުވަހާއި ގުޅިގެން އެންވަޔަރަމަންޓް މިނިސްޓަރ ޑރ. ހުސެއިން ރަޝީދު ހަސަން ދެއްވި ހިތާބުގައި ވާހަކަދައްކަވަމުން އެބޭފުޅާ ވިދާޅުވީ ވައި ނުސާފުވުމުގެ ސަބަބުން ގެއްލުންވަމުންދަނީ އިންސާނުންނަށް އެކަނި ނޫންކަމަށާ، އެކަމުގެ ނުރައްކާ ތިމާވެއްޓަށްވެސް ވަރަށްބޮޑަށް ކުރަމުންދާ ކަމަށާއި އަދި އެއީ ރާއްޖެއަށްވެސް ކުރިމަތިވެފައިވާ ބޮޑު ނުރައްކަލެއްކަން މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ.

މީގެ އިތުރުން ވައިނުސާފުވުމުގެ ސަބަބުން ގެއްލުން ލިބެނީ އިންސާނުންނަށް އެކަނި ނޫން ކަމާއި އޭގެ ސަބަބުން ކަނޑުފަޅުތަކާއި ފަރުތަކަށް ބޮޑެތި ގެއްލުންތައް ލިބެމުން އަންނަކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

"ތަކެތި އެންދުމުގެ ސަބަބުން އަރާދުމުގައި ގްރީހައުސް ގޭސްތައް ޖައްވަށް ބޭރުވުމުގެ ސަބަބުން ދުނިޔެ މިދަނީ ހޫނުވަމުން. އޭގެ ނަތީޖާއަކަށްވަނީ ކަނޑުގެ ލޮނުގަނޑު އުފުލި ފަރުތައް ހުދުވަމުން ދިޔުމުގެ ސަބަބުން ފަރުތައް މިދަނީ ނެތެމުން." މިނިސްޓަރ ވިދާޅުވިއެވެ. 

މިނިސްޓަރ ވިދާޅުވީ ރާއްޖޭގައިވެސް ވައި ނުސާފުވާ ގިނަ ކަންތައްތަކެއް ކުރަމުން ގެންދާކަމަށެވެ. އެގޮތުން ކަނޑުގައާއި އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދު ފަހަރުތައް އެއްދުވަހުން އަނެއްދުވަހަށް އިތުރުވަމުންދާއިރު އެއިން ނުކުންނަ ދުމަކީ ކުރިމަތިވަމުންދާ ނުރައްކަލެއްކަން މިނިސްޓަަރ ފާހަގަކުރެއްވިއެވެ. އަދި ރާއްޖޭގައި މިހާތަނަށް ކުނި މެނޭޖުކުރަމުންދާ ގޮތަކީ އެންމެ ރަނގަޅުގޮތް ނޫންކަމާ އޭގެ ސަބަބުންވެސް ވައި ނުސާފުވަމުންދާކަަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"ގަސް އިންދުން އިތުރުކޮށް، ކުޅިތަކާއި ޗަސްބިންތައް ޙިމާޔަތްކޮށް ރައްކާތެރިކުރުމާއި ގޭގައި ބޭނުންކުރާ އިލެކްޓްރޯނިކް ސާމާނުތަކަކީ އެނަރޖީ އެފީޝިއަންސީ ގޮތްތަކެއްތޯ ބަލަންޖެހޭ، ހަމައެއާއެކު ފައިމަގުގައި ދެވޭ ފަދަ ތަންތަނަށް ފައިމަގުގައި ދިޔުމަށް އާދަކުރުމަކީ ފަރުދީ ގޮތުން ކުރެވިދާނެކަންކަން." މިނިސްޓަރ ޑރ.ޙުސައިން ރަޝީދު ވިދާޅުވިއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *