ބޮލީވުޑް އަދި ހޮލީވުޑްގައި މޮޅު ފިލުމްތަކެއް ކުޅެފައިވާ، މަޝްހޫރު ބަތަލާ ޕްރިޔަންކާ ޗޯޕްރާ އިންޑިއާގެ ބޮޑުވަޒީރު ކަމުގެ މަގާމަށް ޝައުގުވެރިކަން ފާޅުކޮށްފިއެވެ.
"ދަ ސަންޑޭ ޓައިމްސް"އަށް ޕްރިޔަންކާ ދިން އިންޓަވިއުއެއްގައި އޭނާ ބުނީ، އެހާވަރަށް ސިޔާސީ ކަންކަމަށް ޝައުގުވެރިކަން ނުހުންނަ ކަމަށާއި، ނަމަވެސް، އޭނާ ގަބޫލު ކުރާ ގޮތުގައި، އޭނާއަށްވެސް އަދި ފިރިމީހާއަށްވެސް ސިޔާސީ ދާއިރާއަށް ރަނގަޅު ބަދަލުތަކެއް ގެނެވިދާނެ ކަމަށެވެ. އެމޭރަމުން ވާހަކަ ދައްކަމުން ޕްރިޔަންކާ ބުނީ، އިންޑިއާގެ ބޮޑު ވަޒީރު ކަމަށް ކުރިއަށް އޮތް ތަނުގައި ކުރިމަތިލުމަށް ޝައުގުވެރިކަން އެބަ އޮތް ކަމަށާއި އަދި، ނިކް އެމެރިކާގެ ރައީސްކަމުގެ މަގާމަށް އަތުވެއްޖެ ނަމަ ވަރަށް އުފާވާނެ ކަމަށެވެ.
"އަހަރެން އިންޑިއާގެ ބޮޑުވަޒީރު ކަމަށް ވާދަކޮށްފައި، ފިރިމީހާ އެމެރިކާގެ ރައީސް ކަމަށް ވާދަކުރުމަކީ ބަދަލަށް ކުރެވިދާނެ ކަމެއް ކަމަށް ފެނޭ، އެފަދަ ހާލަތެއް އަތުވެއްޖެ ނަމަ ނޫނެކޭ ނުބުނާނަން." ކުޅަދާނަ ބަތަލާ ޕްރިޔަންކާ ޗޯޕްރާ ބުންޏެވެ.
އުމުރުން 36 އަހަރުގެ ބަތަލާ ޕްރިޔަންކާ ޗޯޕްރާ އިތުރަށް ބުނީ، އޭނާއަށް މުޖުތަމައުގެ އަދި މީހުންނަށް އެހީތެރިވުމަށް ކުރެވޭ މަސައްކަތުގައި އަބަދުވެސް ހިއްސާ ވެވޭތީ ވަރަށް އުފާވާ ކަމަށާއި އަދި، އަދި އޭނާގެ ފިރިމީހާ ނިކް ޖޯނަސް ސިޔާސީ ދާއިރާއަށް ނިކުމެއްޖެނަމަ، ވަރަށް ކާމިޔާބު އަދި ނުފޫޒުގަދަ ލީޑަރަކަށް ވާނެ ކަމަށެވެ.
ޕްރިޔަންކާ ބުނީ، އޭނާގެ ފިރިމީހާ އޭނާ ކުރާ ހުރިހާ ކަމެެއްގައިވެސް ވަރަށް ހިތްވަރުދީ އެއްބާރުލުން ދޭ ކަމަށާއި، ނިކް އަކީ ވަރަށް ހިތްހެޔޮ ސާދާ މިޒާޖެއްގެ މީހެއް ކަމަށެވެ.
އިންޑިއާގެ ބޮޑު ވަޒީރުކަމަށް ޕްރިޔަންކާ ޗޯޕްރާ ޝައުގުވެރިކަން ފާޅުކޮށްފައި ވީނަމަވެސް، އަދި މީހަތަނަށް އިންޑިއާގެ ބޮޑު ވަޒީރު ކަމުގެ މަގާމު އަދާކޮށްފައި ވަނީ އެންމެ އަންހެނެކެވެ. އެއީ އިންދިރާ ގާންދީއެވެ.