ކޮޅުމަޑުލު ވަންދޫގައި ފަޤީރަކު ނެތުމުން ފިތުރު ޒަކާތުގެ ގޮތުގައި އެރަށުން ލިބުނު ފައިސާ އެއަތޮޅު ކިނބިދޫއަށް ހަދިޔާކޮށްފިއެވެ.
ވަންދޫއިން ވަނީ ޖުމްލަ 408 ފަރާތަކުން ފިތުރު ޒަކާތް ދައްކާފައެވެ. އަދި ފިތުރު ޒަކާތުގެ ގޮތުގައި އެރަށް 6،041.12 ރުފިޔާ ލިބިފައިވެއެވެ.
ވަންދޫ ކައުންސިލްގެ ރައީސް މުހައްމަދު ޤިޔާސް ވިދާޅުވީ، ވޭތުވެ ދިޔަ ދެ އަހަރުވެސް އެރަށުން ފިތުރު ޒަކާތުގެ ގޮތުގައި ލިބިފައިވާ ފައިސާ އެހެން ރަށަކަށް ހަދިޔާކޮށްފައިވާ ކަމަށެވެ. އެގޮތުން ފާއިތުރުވި ދެ އަހަރު ފިތުރު ޒަކާތުގެ ގޮތުގައި ލިބުނު ފައިސާ ހަދިޔާކޮށްފައިވަނީ އެރަށާއި އެންމެ ކައިރީގައި އޮންނަ ހިރިލަންދޫއަށެވެ.
ވަންދޫގައި ދިރިއުޅޭ ރައްޔިތުންގެ އިތުރުން އެރަށުގެ ދިރިއުޅޭ ބިދޭސީންނާއި، ދަތުރުވަރުގައި އެރަށަށް އައިސް އުޅޭ ބައެއް ފަރާތްތަކުންވަނީ އެރަށުގައި ޒަކާތް ދައްކާފައެވެ.