މިއަހަރުގެ ފިތުރު ޢީދު އެކި ގައުމުތަކުގައި، އެކި ދުވަހު ފާހަގަކުރަން ޖެހޭތީ ކުރީގެ ރައީސް އަލްއުސްތާޒް މައުމޫން އަބްދުލް ގައްޔޫމް ކަންބޮޑުވުން ފާޅުކުރައްވައިފިއެެވެ.
ފިތުރު އީދުގެ ތަހުނިޔާ އަރިސްކުރައްވަމުން ރައީސް މައުމޫން ކުރެއްވި ފޭސްބުކް ސްޓޭޓަސްއެއްގައި ބުނެފައިވަނީ، އެކި ގައުމުގައި އެކި ދުވަހު އީދު ފާހަގަކުރަން ޖެހުން އެއީ އެމަނިކުފާނުގެ ނަޒަރުގައި ވަރަށް ދެރަ ކަމެއް ކަމަށެވެ.
"މިފަހަރުވެސް މި ދިމާވީ އެކި ގައުމުގައި އެކި ދުވަހު އީދު ފާހަގަކުރާ ގޮތައް، މިއީ އަޅުގަނޑު ދެކޭ ގޮތުގައި ވަރަށް ދެރަކަމެއް" ރައީސް މައުމޫން ވިދާޅުވިއެވެ.
ރައީސް މައުމޫން އިތުރަށް ވިދާޅުވީ، މީގެ ކުރިން ބާއްވަވައިފައިވާ އިސްލާމީ ޤައުމުތަކުގެ ކަމާބެހޭ މާހިރުންގެ ޖަލްސާތަކުގައި ވަނީ ރަމަޟާން މަސް ފެށޭ ދުވަހާއި، ފިތުރު ޢީދު ދުވަހާއި، ހައްޖު ދުވަސް ހުރިހާ އިސްލާމީ ޤައުމެއްގައި އެއް ދުވަހެއްގައި ފާހަގަކުރާ ގޮތައް ފާސްކޮށްފައި ކަމަށާއި، އެހެންކަމުން މި ފާސްކުރުމާއި އެއްގޮތައް އަމަލު ނުކުރެވެންވީ ގޮތެއް އެނގިނުލައްވާކަމަށެވެ. އަދި އެކަމަށް ހުރަސް އަޅާ ޝަރުޢީ ސަބަބެއް އޮތް ކަމަށް އެއްވެސް ފަރާތަކުން ބުނެފައި ނުވާ ކަމަށް ރައީސް މައުމޫންގެ ސްޓޭޓަސްގައިވެއެވެ.
ރާއްޖޭގެ އިތުރުން ގިނަ ގައުމުތަކަށް މިއަދު މިއީ ފިތުރު އީދު ދުވަހެވެ. ނަމަވެސް މަދު ގައުމުތަކަކަށް މާދަމާއަކީ ފިތުރު އީދު ދުވަހެވެ.