ސްޕެނިޝްލީގުގެ މިދިޔަ ދެ އަހަރުގެ ޗެމްޕިއަން ބާސެލޯނާ އިން ކުރިއަށް އޮތް ސީޒަނުގައި ބޭނުންކުރާ ޖާޒީ ދައްކާލައިފިއެވެ.

ބާސެލޯނާ އިން އިއްޔެ ބޭއްވި ޕްރައިވެޓް އިވެންޓެއްގައި 2019/2020 ވަނަ އަހަރުގެ ސީޒަންގައި ބޭނުންކުރާ ޖާޒީ ދައްކާލައިފައިވާއިރު އެ ކްލަބުގެ ތާރީޚުގައި ފުރަތަމަ ފަހަރަށް މި ފަހަރުގެ ޖާޒީގައި ދިގަށް (މަތިން ތިރިއަށް) ހުންނަ ނޫ އަދި މެރޫން ކުލައިގެ ފަށްތަކުގެ ޑިޒައިނެއް ބޭނުމެއްނުކުރެއެވެ. މި ފަހަރުގެ ޖާޒީ ފަރުމާކޮށްފައިވަނީ ނޫ އަދި މެރޫން ކުލައިގެ ގޮޅިއެވެ.

އެހެންކަމުން، ބާސެލޯނާ އިން ކުރިއަށް އޮތް ސީޒަނުގައި ބޭނުންކުރުމަށް ނިންމާފައިވާ ޖާޒީ އާއި ކްރޮއޭޝިއާގެ ގައުމީ ފުޓްބޯޅަ ޓީމުން ޒަމާނުއްސުރެ ބޭނުންކުރަމުން އަންނަ ޖާޒީގައި ހުންނަ ގޮޅީގެ ޑިޒައިނާއި ވަރަށް އެއްގޮތްކަމެއް އެބަހުއްޓެވެ. މިކަމަށް އިޝާރާތްކޮށް ކްރޮއޭޝިއާގެ ގައުމީ ފުޓްބޯޅަ ޓީމުގެ ރަސްމީ ޓުވިޓާ އެކައުންޓުން ވަނީ ބާސެލޯނާ އަށް ކުޅެމުން އަންނަ އެ ގައުމުގެ މިޑްފީލްޑަރު އިވާން ރަކިޓިޗް އަށް އެ ޖާޒީ ވަރަށް ކަމުދާނެކަމަށާއި އެހެންނަމަވެސް، ދެ ޖާޒީގެ ތެރެއިން އެންމެ ރީތީކަމަށް ފާހަގަކުރެވެނީ ކްރޮއޭޝިއާގެ ޖާޒީ ކަމަށް ބުނެފައެވެ.

ބާސެލޯނާގެ އައު ޖާޒީގައި މިފަހަރު، ފުރަތަމަ ފަހަރަށް ބޭނުންކުރާ ނޫ އަދި މެރޫން ކުލައިގެ ގޮޅީގެ ޑިޒައިނުން ދައްކުވައިދެނީ ބާސެލޯނާ ސިޓީގެ ޑިސްޓްރިކްޓެއްކަމަށްވާ އެއިޒަމްޕަލްގެ ބްލޮކްތަކެވެ. މިއީ އެގައުމުގެ އެތައް އިމާރާތްތަކެއް ފަރުމާކޮށްފައިވާ މަޝްހޫރު އެންޓޮނީ ގައުޑީ އުފަންވެ، ނިސްބަތްވާ ސަރަހައްދެވެ.

މިކަމަށް އިޝާރާތްކޮށް، އެ ޓީމުގެ ޑިފެންޑަރު ޖެރަޑް ޕީކޭ ބުނެފައިވަނީ މިފަހަރުގެ ޖާޒީގެ ޑިޒައިނަށް ވަރަށް ބޮޑު ބަދަލެއް އައިސްފައިވީނަމަވެސް މީގެއިން ދައްކުވައިދެނީ 100 އިންސައްތަ ބާސެލޯނާ ކަމަށާއި އޭގެއިން ދޭހަކޮށްދެނީ ސަޕޯޓަރުންނާއި ކްލަބާ ދެމެދު އޮތް ގާތް ގުޅުމުގެ އިތުރުން ސިޓީ އަށް ނިސްބަތްވާ ހިދުމަތްތެރީންގެ މަސައްކަތްކަމަށެވެ.

މިފަހަރުގެ ޖާޒީގައި ސެންޔޭރާގެ ޑިޒައިން ހިމަނާފައިވަނީ "ވީ" ގެ ބައްޓަމަށް އެކުލެވޭ ޖާޒީގެ ކަރާއި ދިމާ ކުރިމަތީގައެވެ. މީގެކުރީން، ސެންޔޭރާގެ ޑިޒައިން ހިމަނާފައިވަނީ ޖާޒީގެ ފަހަތުގައި ކަރާއި ދިމާގައެވެ.

ބާސެލޯނާގެ އައު ޖާޒީ މިއަދުން ފެށިގެން އެގައުމުގެ އެކި ފިހާރަތަކުން ލިބެން ހުންނާނެކަމަށާއި އެ ޖާޒީ އެންމެ ފުރަތަމަ ބޭނުންކުރާނީ ކްލަބުން ޖަޕާނަށް ކުރުމަށް ހަމަޖެހިފައިވާ ޕްރީ-ސީޒަން ޓުއާގެ ފުރަތަމަ މެޗުގައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *