މިއަހަރުގެ އުރީދޫ މަސްރޭސް ކާމިޔާބު ކުރުމުން ޓީމް ބޮއި ބައި މިލައިދޫއަށް ލިބުނު ހުރިހާ ފައިސާއެއް ކުޑަކުދިންގެ ހިޔާއަށް ހަދިޔާ ކުރުމަށް އެ ޓީމުން ނިންމައިފިއެވެ.
މިކަން އިއުލާންކޮށްފައިވަނީ ރޭ ބޭއްވި މަސްރޭހުގެ އިނާމު ދިނުމުގެ ރަސްމިއްޔާތުގައި އެއްވަނައަށް ދާ ޓީމަކަށްދޭ ފައިސާގެ އިނާމާއި ހަވާލުމަށް ފަހު އެ ޓީމުގެ މެނޭޖަރއެވެ.
އުރީދޫ މަސްރޭސް ޓީމް ބޮއިން ކާމިޔާބު ކުރީ ފައިނަލް ބުރުގައި ސްޓެލްކޯ މެން، ސްޓެލްކޯ ވިމަން، އަދި ޓީމް ވެލައްސަރާއި ވާދަކޮށެެވެ.
އުރީދޫ މަސްރޭހުގެ 10 ވަނަ ސީޒަންގެ ޗެމްޕިއަން ޓީމަށް ބައިލައްކަ ރުފިޔާގެ ފައިސާގެ އިނާމެއް ލިބިފައިވެއެވެ.
ސަރުކާރުގެ މުއައްސަސާތަކުންނާއި، ރާއްޖޭގެ ބޮޑެތި ކުންފުނިތަކުންނާއި އަމިއްލަ ފަރާތްތައް ހިމެނޭ، ޖުމްލަ 16 ޓީމެއް މިއަހަރުގެ މަސްރޭހުގައި ވާދަކުރިއެވެ. މިގޮތުން، މަސްރޭހުގެ ދިހަ ވަނަ ސީޒަން ފާހަގަކުރުމުގެ ގޮތުން އަދި މަސްވެރިކަމުގެ ދާއިރާގައި އަންހެން ކަނބަލުންގެ ބައިވެރިވުމަށް އިތުރު ހިތްވަރެއް ދިނުމުގެ ގޮތުން، އަންހެން ޓީމްތަކަށް ޚާއްސަ ބުރެއްވެސް މިފަހަރު ބޭއްވިގެންދިޔައެވެ.