ދިވެހި ރާއްޖޭގެ ޤައުމީ ބޭންކް، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އިންތިޒާމުކޮށްގެން ރާއްޖޭގެ އަށް ރަށެއްގައި ފިތުރު އީދު ސައި ބާއްވައިފި އެވެ.
ބީއެމްއެލް އިން ބުނީ އީދު ސަޔަކީ ދިވެހިންގެ މެދުގައި ޒަމާނުއްސުރެއް އޮންނަ އެކުވެރިކަމާއި އެއްބައިވަންތަކަން ދައްކުވައިދޭ ކަމެއް ކަމަށެވެ.
ބީއެމްއެލްއިން މިފަހަރު ކުޑަ އީދު ސައި ބާއްވާފައިވަނީ، ހއ. ހޯރަފުށި، ށ. ފުނަދޫ . ނ. ހޮޅުދޫ، ޅ. ނައިފަރު، އއ. ރަސްދޫ، ވ. ފެލިދޫ، މ. މުލި، އަދި ސ. ހުޅުމީދޫ ގައެވެ.
ބީއެމްއެލްއިން އެރަށްތަކުގައި އީދު ސައި އިންތިޒާމުކޮށްފައި ވަނީ އެރަށްތަކުގެ ރަށު ކައުންސިލްތަކާއި، ޖަމިއްޔާތަކުގެ އިތުރުން އާންމު ފަރުދުންނާއި ގުޅިގެން އެފަރާތްތަކުގެ ފުރިހަމަ އެހީތެރިކަމާއި އެކުގައެވެ.
ބީއެމްއެލްގެ ފަރާތުން ދިން އީދު ސަޔާ ގުޅޭ ގޮތުން އެ ކުންފުނީގެ ޕަބްލިކް ރިލޭޝަންސް މުހައްމަދު ސަޢީދު ވިދާޅުވީ، އީދު ފަދަ މުނާސަބާއެއްގައި އެގޮތައް އީދު ސައި ބޭއްވުމަކީ އެކުވެރިކަން އާލާވުުގެ އިތުރުން އިޖުތިމާއީ ގުޅުން ވަރުގަދަވާ ކަމެއް ކަމަށެވެ.