މީގެ އަހަރުތަކެއް ކުރިއެވެ. ދުވަހަކީ ފިތުރު އީދުގެ ފުރަތަމަ ދުވަހެވެ. ރަށުގެ ޒުވާނުންތައް ހޭލަ މޭލަ އުޅުނީ ފަތިހު އީދު މަޅި ލުމަށް ވާންޖެހޭ ތައްޔާރީތައް ވުމުގައި އަވަދި ނެތިއެވެ. ރަށުތެރޭގައި ވާދަޔަށް މިކަން ކުރާއިރު، ކޮންމެ ގްރޫޕަކުންވެސް އެކަކު އެބައެއްގެ އީދު މަޅި ލުމަށް ހޯދާފައިވާ ފަންބޮޑިތައް ކައިރީ ބަހައްޓައެވެ.
ރަށުގައި އީދަށް ކުރެވޭ ކޮންމެ ކަމެއްމެ ކުރެވެމުންދަނީ އެއްބައިވަންތަ ކަމާއި އެކުވެރި ކަމާއި އެކުގައެވެ. އޭރު ދިވެހިިން ބަލަނީި ސަޤާފަތާއި އެއްގޮތަށް، ސަގާފަތުގައި ހިމެނޭ ކަންތައްތައް އިތުރަށް ދަަމަހައްޓައި ކުރިއެރުވުމަށެވެ. އެހެންނަމަވެސް މިއަދު މިވަނީ މިހުރިހާ ކަމެއް ބަދަލުވެ، ސަގާފަތުގެ މައްޗަށް ޒަމާނީ ތަރައްގީ ކުރި ހޯދާފައެވެ.
މިހާރު ފެނިގެންދަނީ ދިވެހިންގެ ސަގާފަތް އާލާކުރުމަށްވުރެ ބޮޑަށް ދުނިޔޭގެ އެހެން ގައުމުތަކުގެ ސަގާފަތުގެ ތެެރެއިން ކުރާ ކަންތަކާއި ދިވެހިން ކުރާ ކަންތައް އެއްކޮށް މަސްހުނިގަނޑަކަށް ހަދާލާ މަންޒަރެވެ.
އެ ޒަމާނުގައި އީދު އައިއްސި ނަމަ އީދު ފެށިގެންދަނީ އަންހެން ކުދިން ފައިގައި ހީނާ ފަތް އަޅައި، އޭގެ ފަަހަށް އީދު މަޅި ބަލަންގޮސް، އެގަނޑީ އެތާގައި އެތިބޭ ބަޔަކު މޫދަށް ލައިގެން ކަމުގައި ވިޔަސް މިހާރު ރާއްޖޭގައި އެ ސަޤާފަތާއި އެއްގޮތަށް އަމަލުތައް ކުރަމުން އަންނަނީ މަދު ރަަށެށްގެ ބައެކެވެ.
އެ ޒަމާނުގައި ނަމަ މަގުމައްޗަށް ނުކުމެލާއިރަށް ފެން ޖަހާ ތެންމާލާނެއެވެ. ހަމަ އެވަގުތު އޭނަ ގަޔަށް ފެން ޖެހި މީހާގަޔަށް ފެން ޖެހުމަށް ފަހައި ގަންނަނާއެވެ. މިކަންތައް ކުރުމަށް ވަކި ކުލައެއްގެ ހެދުމެއް ނޫނީ ފެންޖެހުމަށް ވަކި ވައްތަރެއްގެ ފެންބަޑިއެއް ބޭނުމެއް ނުވެއެވެ. އޭރު އަތުގައި އެންމެ އަވަހަށް ޖެހުނު އެއްޗަކަށް ފެން އަޅައިގެން ދުއްވައި ގަންނައިރު ހިތުގައި އުތުރި އަރަނީ ހިންހަމަޖެހުމާއި އުފަލެވެ. އެކުވެރިކަމާއި އެއްބައިވަންތަކަމެވެ.
ނަމަވެސް މިއަދު ރާއްޖޭގައި މިވަނީ ފެނާއި ނުލައި ހިކި ކުލަ ޖެހުން އާންމުވާން ފަށާފައެވެ. އެކަންތައް ކުރުމަށް ކަނޑައެޅިފައިވާ ހާއްސަ ކުލައިގެ ހެދުން ކަމަށްވާ ހުދު ހެދުމަގައި އެކަކު އަނެކަކުގެ ގަޔަަށް ހުދުކުލަ ޖަހާތަން މި ފަހުން އަހަރެމެންނާ ބައްދަލުކޮށްފަ ދިޔަ އީދުތަކުގައި ފެނިގެން ގޮސްފައިވެއެވެ.
ދުވަސްވީ ގިނަ ފަރާތްތައް ގަބޫލު ކުރާ ގޮތުގައި މިއީ އިންޑިއާގެ ހިންދޫއިން ފާހަގަކުރާ ކުލައިގެ ފެސްޓިވަލް "ހޯލީ" ނަކަލުކޮށްގެން ދިވެހިން ސަގާފަތުގެ ތެރެއަށް ގެނެސްގެން އުޅޭ ކަމެކެވެ.
މީގެއިތުރުން އޭރުގައި ދިވެހިން ސަގާފަތުގައި ހިމަނައިންކުރި އަދި މިހާރު އެކަން ބަދަލުވެފައިވާ އެއްކަމަކީ އީދަށް ކުކުޅު ކަތިލުމެވެ. އޭރުގައި ނަމަ އީދު ވިލޭރެ އާއި އީދުދުވަހު ހެނދުނު ގްރޫޕް ހަދާފައި ފިރިހެންވެރިން ވަލުތެރެއަށް ދާނީ މެންދުރަށް ކައްކަން ކުކުޅު ނެގުމަށެވެ. މިހާރު ގެންގުޅޭ ޓޯޗު ބައްތި ފަދަ އެއްޗެހި އޭރުގައި ނެތް ނަމަވެސް އެކަންތައް ކުރަމުން އައީ މާ ފޯރީގައެވެ.
އެއަށްފަހު އީދު ނަމާދުން އައިސް މެންދުރަށް ކެއުން ތައްޔާރު ކުރާއިރު ލިބޭ ހިތްހަމަޖެހުމަކީ ތާޒާ ސިއްހަތު ރަނގަޅު މަސްފަލަ ކުކުޅެއް ކާލަން ލިބުމެވެ. މިހާރު މިކާ ފިނި ކުރި ކުކުޅަށްވުރެ ދިވެހި ކުކުޅު ހަމަ ހުރިހާ ގޮތަކުންވެސް ރަނގަޅީ އެވެ.
ކުރިންވެސް ފާހަގަކޮށްލިހެން އޭރުގައި ދިވެހިންގެ ތެރޭގައި އެއްބައިވަންތަކަން އޮތް މިންވަރާއި ބަލާފައި މިހާރު ދިވެހިންގެ ތެރޭގައި އެއްބައިވަންތަކަން އޮތެކޭ ދެންނެވޭކައް ނެތެއެވެ. އޭރު މެންދުުރަށް އެ ކައްކާލާ ހަވާދު ލާ ފިހެލާފައިވާ ކުކުޅާއި ނަން ހުސްކޮށް ތައްޔާރުކޮށްފައިވާ ބޮޑިބަތް ގަނޑުތަކަކީ ހަމަ އެކަނި އެގެއެއްގެ މީހުން ކާން ތައްޔާރުކުރާ ކާނާއެއް ނޫނެވެ. އެހެނަސް ކޮންމެ ގެއެއްގައި ތައްޔާރުކޮށްފައި އެ ހުންނަ ކާނާ އަކީ އަވަށު އެންމެންގެ ކޮށްތެވެ.
ކުޑަ އީދުވިއަސް ބޮޑު އީދުވިއަސް އެންމެ ކުޅިވަރާއި މަޖާ ނަގާ ގަޑިއަށް ވެފައި އޮންނަނީ ހަވީރުގެ ވަގުތާ ރޭގަނޑެވެ. އެ ގޮތުން މެންދުރު ކުކުޅުކައި ބަޑު ދަމާލުމަށްފަހު އަވަހަށް ނުކުމެވޭތޯ ބަލަނީ ފަން ކުޅުމަށެވެ. ބަތްކައްކާ ކުޅުމަށެވެ. އީދު ދުވަހުގެ ރޭގައި ފަނުން ބޮޑު މަހާއި މުސްކުޅިބެ ހަދައިން ލަގިރި ޖެހުން އޮވެއެވެ. މިހާރުހެން މިޔުޒިކް ޝޯވ ތަކާއި ހަވީރު ވަގުތުގައި ކުޑަކުދިންގެ ހަވީރު ބާއްވައި މިޔުޒިކަލް ޗެއާ ފަދަ ކަންތައް ބޭއްވުމަކީ އޭރު ދިވެހިން ދަންނަ އަދި ސަގާފަތުގައި ހިމަނައިން އުޅުނު ކަންތަކެއް ނޫނެވެ. އަދި ދިވެހިން ސަގާފަތުގައި ހިމަނަން ބޭނުންވި ކަންތަކެއްވެސް ނޫނެވެ.
ގަބޫލުކުރެވުނަސް އަދި ނުކުރެވުނަސް ޒަމާނަށް އަންނަ ބަދަލުތަކާއި އެކު ދާނީ ބަދަލުތައް އަންނަމުންނެވެ. އެހެންނަމަވެސް ސަގާފަތަކީ އެބައެއްގެ އަމިއްލަވަންތަކަމާއި ގުޅިފައިވާ އަދި އާލާކޮށް ދިރުވަންޖެހޭ ކަންތަކެވެ.
އެހެންކަމުން އީދު އަދި މިނޫންވެސް ދިވެހިން ފާހަގަކުރާ ހާއްސަ ދުވަސްތަކަކީ ދިވެހިންގެ ނެތެމުންދާ ސަޤާފަތް ދިރުވައި އާލާކުރުމަށް ލިބޭ ރަނުގެ ފުރުސަތުތަކަަކަށް ވާއިރު، އެ ސަގާފަތާއި އެހެނިހެން ސަގާފަތްތަކާއި މަސްހުނިނުކޮށް ކުރިއަށް އަންނަން އޮތް ޖީލުތަކާއި ހިސާބަށް ފޯރުކޮށްދޭން ޖެހެއެވެ.