ބަރާކަތްތެރިވެގެންވާ ފިތުރު އީދު އަޅުގަނޑުމެން ފާހަގަކުރަމުންދާއިރު، އެންމެ ބޮޑު ސަމާލުކަމެއް ދޭންވީ، އީދުގެ އުފާ ފާޅުކުރުންތަކުގައި މުޖުތަމައުގައި އުޅޭ އެންމެންވެސް ސާމިލް ކުރުމަށް ކަމަށް ދިވެހިރާއްޖޭގެ ރައީސުލްޖުމުހުރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ވިދާޅުވެއްޖެއެވެ.
"މި ހުރިހާ ކަމަކާ އެކު، އަޅުގަނޑުމެން އެންމެ ބޮޑު ސަމާލުކަމެއް ދޭން ޖެހޭނީ، އީދުގެ އުފާ ފާޅުކުރުމުގައި މުޖުތަމައުގެ އެންމެން ޝާމިލު ކުރުމަށެވެ. ދިވެހީންގެ އެއްބައިވަންތަކަމުގެ ނަމޫނާ ސިފަތަކާއި އެއްބައެއްވަންތަކަމުގެ ރީތި އަދަބުތަކާއި އިޖުތިމާއީ ސުލޫކާއި ހަމަތައް ނަގަހައްޓައި ހަރުދަނާ ކުރުމަށް، މިފަދަ އުފާވެރި މުނާސަބާތަކަކީ ރަނުގެ ފުރުސަތުތަކެކެވެ،" ރައީސް މުހައްމަދު ޞާލިހުގެ އީދު ތަހުނިޔާ މެސެޖުގައި ވިދާޅުވިއެވެ.
ފިތުރު އީދު ދުވަހުގެ ހެޔޮއެދުމާއި ތަހުނިޔާ ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް އަރިސްކުރެއްވުމަށް، ރައީސް ނެރުއްވި ބަޔާނުގައި ވިދާޅުވީ، މިއަދަކީ އުފާ ފާޅުކޮށް، ސާފު ހިތަކާއިގެން އެކަކު އަނެކަކާ ސަލާންގަލާންކޮށް، އެކުވެރިކަމާއި ރަޙްމަތްތެރިކަން އާލާކުރަންވީ ދުވަހެއްކަމަށާއި އަދި، އެކަކު އަނެކަކަށް މަޢާފްކޮށް، ހިތްހެޔޮކަމާއި އޯގާތެރިކަމާއި ކުލުނާއެކު، އިޖްތިމާޢީ ގުޅުންތައް ބަދަހިކުރަންވީ ދުވަހެއް ކަމަށެވެ.
އީދު ފާހަގަކުރުމަކީ ހަމައެކަނި ދީނީ މުނާސަބަތެއް ނޫންކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، އިޖްތިމާއީ ގުޅުންތަކާއި ގައުމިއްޔަތުގެ އަގުތައް، އޭގެ ފުރިހަމަގޮތުގައި ދެމެހެއްޓުމަކީވެސް، އީދުގެ އުފާވެރިކަމުގެ ތެރެއިން ކުރެވޭނެ ވަރަށް މުހިންމު ކަމެއް ކަމަށެވެ. ހަމަ އެގޮތަށް، މި ގައުމަށް ލިބިފައިވާ ކޮންމެ ކާމިޔާބެއްގެ އަސްލަކީ، ރައްޔިތުންގެ މެދުގައި އޮތް އެކުވެރިކަމާއި އެއްބައިވަންތަކަން ކަމުގައިވެސް ރައީސް ފާހަގަކުރެއްވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ، ބަރަކާތްތެރި ރަމަޟާން މަހާ ބައްދަލުކުރުމުގެ ހެޔޮ ނަސީބާއި، ފިޠުރު ޢީދުގެ އުފާވެރިކަމާއި ހިތްހަމަޖެހުން، އަޅުގަނޑުމެންނަށް ތަކުރާރުކޮށް މިންވަރުކުރައްވައި، ފުރިހަމަ ޞިއްޙަތާއި ދާއިމީ ދުޅަހެޔޮކަން ދެއްވުން އެދި ﷲގެ ޙަޟަރަތުގައި ދުޢާ ދަންނަވާ ކަމަށެވެ.