އުމުރުން އެންމެ ފަސް އަހަރުގެ އަހުމަދު މަލީކް ވަހީދު (މަލީކް) އަކީ މިއަދު ދިވެހިންނަށް އާ މޫނެއް ނޫނެވެ. އެންމެ ފަސް އަހަރުގައި މަލީކް އެވަނީ ގިނަ ބައެއްގެ ލޯތްބާއި އިހްތިރާމް ހޯދައިފައެވެ. އެންމެ އާދައިގެ މީހާއިން ފެށިގެން ރާއްޖޭގެ އެންމެ މަތީ ވެރިޔާ، ރައީސް އިބްރާހިމް މުހައްމަދު ޞޯލިހުގެ ގާތް އެކުވެރިއަކަށް މަލީކް މިހާރު މިވަނީ ވެފައެވެ. ރައީސް ޞޯލިހަކީ މަލީކްގެ މިސްކިތު ފްރެންޑެވެ.

މަލީކް އަކީ އުމުރުން ހަގެއް ކަމަކު، ކުޅަދާނަ ހުނަރުވެރި ކުއްޖެކޭ ބުނެވިދާނެއެވެ. މިނިސްޓަރު މަހުލޫފާއި އެކުގައި ރާއްޖެ ޓީވީގެ ޕްރޮގްރާމެއްގައި މަލީކް އޭނާގެ ހުނަރު ދައްކާލިއިރު، މަލީކް އެންމެ ބޮޑަށް މަޝްހޫރުވެފައިވަނީ ރައީސް ޞޯލިހާއި އެކު އާންމުވި، "މިސްކިތު ފްރެންޑް" ވީޑިއޯއިންނެވެ.

މުޅި މީސް މީޑިއާގައި މަލީކްގެ ނަން ވިދަވިދާ އޮއްވާ އަނެއްކާވެސް މިވަނީ އޭނާގެ ނަން އިތުރަށް ވިދާލައިފައެވެ. މިފަހަރު މިސްކިތު ފްރެންޑެއް ނޫނެވެ. ރަމަޟާން މަހުގެ މަތިވެރި ރޯދައިގެ އަޅުކަން ނިންމާލުމުގެ އުފަލުގައި އައި ފިތުރު އީދުގެ މުނާސަބާ މަލީކް ފާހަގަކުރީ ޤައުމީ ކެމްޕޭނަކުންނެވެ. އަބަދުވެސް ޤައުމުދެކެ ލޯބިވާ، ޤައުމީ ވަންތަ މަލީކް މިފަހަރު ފެށީ ރާއްޖޭގައިވެސް ގިނަ ބަޔަކު އެ ބައްޔެއްގެ ތަކުލީފާއި ވޭން އުފުލަން ޖެހިފައިވާ ޗިކަންގުންޏާއާއި، ޑެންގޫ ފަދަ ބަލިތަކުގެ ސަބަބު ކަމުގައިވާ މަދިރި ނައްތާލުމުގެ ހާއްސަ ކެމްޕޭނެވެ. "މަދިރި ހޯހޯ"ގެ ނަމުގައި ރާއްޖޭގެ އެންމެ ބޮޑު އިންސުއަރެންސް ކުންފުނި އެލައިޑް އިންސްއަރެންސާއި ގުޅިގެން މަލީކް ފެށި މި ކެމްޕޭނަކީ މަދިރި އަލާވާ ތަންތަން ނައްތާލައި މަދިރިން ރައްކާތެރިވުމަށް ފެށިގެން ދިޔަ ޚާއްސަ ކެމްޕޭނެކެވެ.

މަލީކް ބުނި ގޮތުގައި މި ކެމްޕޭން ފަށަން ޖެހުނީ، އޭނާގެ އެކުވެރިއެއް ޗިކަންގުންޏާ ޖެހުމުން ކަމަށެވެ. އަދި އީދު ނަމާދަށް ފަހު މިސްކިތުން ގެއަށް އައި މަގުމަތީގައި މަދިރި އާލާވާ ގޮތައް ހުރި ތަންތަން ފެނުމުން ކަމަށެވެ. 

ކުޑަކުޑަ މަލީކް މިފެށި ކެމްޕޭނުގައި ބައިވެރިވުމަކީ މުހިންމު ކަމެކެވެ. ދިވެހިންގެ ސިއްހަތާއި ދުޅަހެޔޮކަމާއި ގުޅިފައިވާ މި ކެމްޕޭނަށް އަހަރެން މަރުހަބާ ކިޔަމެވެ. "މަދިރި ހޯހޯ"އެވެ. "މަދިރި ހޯހޯ"އެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *