ވަތަނުގެ އަމްނާ އަމާންކަމަކީ މާތްﷲ އިންސާނަކަށް ދެއްވާނެ އެންމެ ބޮޑު ނިއުމަތްކަމުގައި މިއަހަރުގެ ފިތުރު އީދުގެ ހުތުބާގައި ބުނެފިއެވެ.

އީދު ހުތުބާގައި ބުނީ، އަމާން ކަމެއް ނެތް ތަނެއްގައި ހަމަޖެހުމެއް ނޯންނާނެ ކަމަށާއި އެހެންކަމުން ގައުމުގެ ސުލްހަ މަސަލަސްކަމަށް އެންމެންވެސް މަސައްކަތް ކުރަން ޖެހޭ ކަމަށެވެ.

"މުސްލިމު އަހުންނާއި އުހުތުނޭވެ! ވަތަނުގެ އަމްނާ އަމާންކަމަކީ މާތްﷲ އިންސާނަކަށް ދެއްވާނެ އެންމެ ބޮޑު އެއް ނިއުމަތެވެ. އަދި އަމާންކަމެއް ނެތް ތަނެއްގައި ހިތްހަމަ ޖެހުމެއް ނޯންނާނެއެވެ. ގައުމުގެ އަމަން އަމާންކަމަށް ބުރޫ އަރާފަދަ އެއްވެސް ކަމެއް އެއްވެސް އިންސާނަކު ކޮށްގެން ނުވާނެއެވެ." ހުތުބާގައިވެއެވެ.

ހުތުބާގައިވަނީ ހަސަދަވެރިކަމާއި ބައިވައިވުމުން ދުރުހެލިވުމަށް އަޒުމް ކަނޑައެޅުމަށް ވަސިއްޔަތްކޮށްފައެވެ. އަދި ކޮންމެ މީހަކުވެސް އަނެކާގެ ހައްޤުތައް އަދާކުރަން ޖެހޭނެ ކަމަށް ހުތުބާގައި ބުނެފައިވެއެވެ. މީގެ އިތުރުން އެންމެ ފުރަތަމަ އަދާކުރަން ޖެހޭނީ ﷲގެ ހައްޤުތައް ކަމަށްވެސް ހުތުބާގައި ބުނެފައިވެއެވެ.

ހުތުބާގައި ބުނީ މާތްﷲ އިންސާނުން ހެއްދެވީ، އެކަލާނގެއަށް އަޅުކަން ހާލިސްކުރުމަށް ކަމަށެވެ. އެކަލާނގެ ވަހީކުރައްވާފައިވާ އާޔަތެއްގެ މާނައިގައިވެއެވެ.

"ތިމަންރަސްކަލާނގެއަށް އަޅުކަން ކުރުމަށް މެނުވީ، ތިމަން ރަސްކަލާނގެ ޖިންނީންނާއި، އިންސީންނެއް ނަހައްދަވަމެވެ!"

އީދު ހުތުބާގައި ވަނީ މައިންބަފައިންގެ ހައްޤުތައް އަދާކޮށް، ރަހިމުގެ ގުޅުން ދެމެހެއްޓުމަށް އެންމެހާ މުސްލިމުންނަށް ވަސިއްޔަތްކޮށްފައެވެ.

އަދި އީދު ދުވަހަކީ އެއްބައިވަންތަކަން ފެނިގެންދާ ދުވަހެއްކަމަށާއި، އީދު ދުވަހުގެ އުފަލުގައި ނިކަމެތިންވެސް، ތަފާތުކުރުމެއްނެތި ޝާމިލް ކުރުމަށް ހުތުބާގައި ގޮވާލައިފައިވެއެވެ. ހުތުބާ ނިންމާލަމުން ވަނީ އިސްލާމްދީނާއި މުސްލިމުންނަށް ނަސްރުދެއްވައި، އިސްލާމްދީން މަތިވެރިކުރެއްވުން އެދި ﷲގެ ހަޟްރަތުގައި ދުޢާ ދަންނަވައިފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *