ގދ. ވާދޫގައި އީދާއި ގުޅިގެން ކަލަރަންއެއް ބާއްވަން ނިންމައިފިއެވެ.
އެ ކަމާ ގުޅިގެން ޖަޒީރާ ނިއުސްއަށް މައުލޫމާތު ދެއްވަމުން އެ ރަށު ޔޫތް ސެންޓަރގެ ޔޫތް އެސޯސިއޭޓް އަހުމަދު ނަރީޝް ވިދާޅުވީ އީދުގައި ބާއްވާ ކަލަ ރަން ބާއްވަން ނިންމާފައިވަނީ އީދުގެ ދެވަނަ ދުވަހު ކަމަށާ، އަދި މިފަދަ ހަރަކާތެއް ވާދޫގައި ހިންގުމުގެ މަޤްސަދަކީ ރައްޔިތުންގެ މެދުގައި ގުޅުން ބަދަހި ކުރުން ކަމަށެވެ.
އަދި އަބަދުވެސް ވާދޫގައި ކުލަގަދަކޮށް އީދު ފާހަގަކުރާ ކަމަށާއި، އެގޮތުން މިއަހަރު އެބޭފުޅުންގެ އަމާޒަކީ ފިތުރު އީދަކީވެސް ކުލަ ގަދަ އީދެއްގެ ގޮތުގައި ހެދުންކަމަށް ނަރީޝް ފާހަގަކުރެއްވިއެެވެ.
މީގެ އިތުރުންވެސް މި ފަހަރުގެ އީދުގައި ވާދޫގެ އަމިއްލަ ފަރާތްތަކެއް އިސްނަގައިން ވަނީ ރާއްޖޭގެ އެންމެ ނަން ހިނގާ އެއް ބޮޑުބެރު ގްރޫޕް ކަމަށްވާ މަންދީރަ ބޮޑުބެރު ޓީމް ރަށަށް ގެންގޮސް ކުލަ ގަދަ ހަރަކާތްތަކެއް ކުރިއަށް ގެންދަން ނިންމާފައެވެ.
އެކަން އިންތިޒާމް ކުރުމުގައި އެންމެ އިސްކޮށް އުޅުއްވާ އެއް ފަރާތްކަމަށް މުހައްމަދު އިބްރާހިމް (ކަށިމާ) ޖަޒީރާ ނިއުސްއަށް މައުލޫމާތު ދެއްވަމުން ވަނީ މިފަހަރުގެ އީދުގައި ވާދޫގެ ކުދިބޮޑު އެންމެހާ ރައްޔިތުންނާއި އަދި ހެޔޮ އެދޭ ފަރާތްތަކުގެ އެހީތެރިކަން ލިބިފައިވާކަން ފާހަގަކޮށްފައެވެ.
މީގެ އިތުރުން ވާދޫގެ އީދު ކުޅިވަރުތަށް ކުޅޭ ފަސްގަނޑު ކަމަށްވާ "އީދް ދިހެރޭ" ގައިވެސް ތަފާތު އެކި ސަގާފަތާއި ގުޅޭ ހަރަކާތްތައްވެސް ކުރިއަށްދާނެ ކަމަށް އެ ފަރާތުން ހާމަކުރައްވައެވެ.
ވާދޫއަކީ އަބަދުވެސް މިފަދަ ހާއްސަ ދުވަސްތައް ކުލަ ގަދަކޮށް ފާހަގަކުރަމުން އަންނަ ރަށެކެވެ.