ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މޫސުން ގޯސްވެފައިވާތީ، ފިތުރު އީދު ނަމާދުގެ ބޮޑު ޖަމާއަތުގައި ކުރުން މާލޭގެ މާފަންނު ސްޓޭޑިއަމްގައި މާދަމާ ނޯންނާނެ ކަމަށް އިސްލާމިކް އެފެއާޒް މިނިސްޓްރީން މިރޭ ބުނެފި އެވެ.
މޫސުން ގޯސްވުމުގެ ސަބަބުން ހުޅުމާލޭގައިވެސް ބޮޑު ޖަމާއަތުގައި އީދު ނަމާދު ކުރުން ވަނީ ކެންސަލް ކޮށްފައެވެ.
އިސްލާމިކް މިނިސްޓްރީއިން ބުނީ، މާލޭގެ ހުކުރު ކުރާ ހުރިހާ މިސްކިތެއްގައި މާދަމާ އީދު ނަމާދު ކުރާނެ ކަމަށެވެ.
މި ފަހަރުގެ ފިތުރު ފެން އީދަކަށް ވާނެ ކަމަށް މޫސުމާ ބެހޭ އިދާރާ އިން ވަނީ ކުރިން ލަފާކޮށްފަ އެވެ. އެގޮތުން މިއަދުން ފެށިގެން ތިން ދުވަސް ވަންދެން ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރާނެ ކަމަށް މެޓުން ބުނެފައިވެ އެވެ.
މޫސުން ގޯސްވުމުގެ ސަބަބުން ބޮޑު ޖަމާއަތުގައި ކުރަން ނިންމި އީދު ނަމާދު ކެންސަލްކޮށްފައިވާއިރު، ރައީސްގެ އީދު ސަލާމްކުރުންވެސް ވަނީ ކެންސަލްކުރައްވާފައެވެ.