މިދިޔަ މަހު ޕެރިހުގައި ބްރެޒިލް އަންހެނެއް ރޭޕްކުރިކަމުގެ ތުހުމަތުގައި އެގައުމުގެ ފުލުހުންނަށް މައްސަލަ ހުށަހަޅާފައިވާތީވެ، އެކަމާއި ގުޅިގެން ޕީއެސްޖީގެ ތަރި ނޭމާ ކޯޓަށް ހާޒިރުވާން ޖެހިއްޖެއެވެ.
ކޮޕާ އެމެރިކާއަށް ތައްޔާރުވުމުގެ ގޮތުން ޓެރެސޮޕޮލިސްގައި ހުންނަ ޓްރެއިނިންގ ބޭސްގައި ހުއްޓާ ބްރެޒިލްގެ ފުލުހުން ވަނީ ކާރުގައި ގޮސް މަޑުކުރުމަށްފަހު އަންނަ ހުކުރުދުވަހު ކޯޓަށް ހާޒިރުވުމަށް ނޭމާ އަށް ޗިޓް ހަވާލުކޮށްފައެވެ.
އެ މައްސަލައިގެ ލިޔެކިއުންތަކުގައިވާ ގޮތުން ނޭމާއާ އެ އަންހެން މީހާއާ ދިމާވީ އިންސްޓަގްރާމުންނެވެ. އަދި ނޭމާ އެ އަންހެން މީހާ ޕެރިހަށް އައުމަށް ޓިކެޓް ނަގައިދިނުމަށް ފަހު އެ ދެ މީހުން ބައްދަލުކުރީ ޕެރިހުގައި ހުންނަ ހޮޓެލް ސޮފިޓެލްގަ އެވެ. އެ ތަނުގައި އޮތް ބައްދަލުވުމަށް އައިއިރު، މަސްތުގެ ހާލުގައި ހުރި ނޭމާ އެ އަންހެން މީހާ އަށް އަނިޔާކޮށް ރޭޕްކޮށްފައިވާ ކަމަށް ލިޔުމުގައިވެއެވެ.
ބްރެޒިލްގެ ގްލޯބޯ އެސްޕޯޓޭ އިން މައުލޫމާތުދޭގޮތުގައި، ފުލުހުން ވަނީ ބްރެޒިލްގެ ޓްރެއިނިންގ ކޭމްޕްގައި 45 މިނެޓުވަންދެން ނޭމާއާ ބައްދަލުކޮށްފައެވެ. އެގޮތުން، އަންނަ ހުކުރު ދުވަހަށް ނޭމާ އަށް ކޯޓަށް ހާޒިރުވުމަށް އަންގާފައިވާއިރު ބުރާސްފަތިދުވަހު ގަތަރާ ދެކޮޅަށް ބްރެޒިލް ނިކުންނައިރު އާދީއްތަ ދުވަހު ހޮންޑިއުރާސްއާ ދެކޮޅަށް ކުޅުމަށް ހަމަޖެހިފައިވާ މެޗަށް ޕޯޓޮ އަލެގްރޭ އަށް ދަތުރުކުރުމަށް ހަމަޖެހިފައިވަނީ ހުކުރު ދުވަހެވެ.
އުމުރުން 27 އަހަރުގެ ނޭމާ ބުނީ އޭނާގެ މައްޗަށް ކުރެވެނީ އެއްވެސް ހަގީގަތެއް ނެތް ތުހުމަތެއް ކަމަށާއި މިއީ އޭނާގެ އަގުވައްޓާލަން ބަޔަކުކުރާ ފިނޑި ކަމެއް ކަމަށެވެ.
މީގެއިތުރުން، ބްރެޒިލްގެ ޓީވީ އަކަށް ދިން އިންޓަވިއުއެއްގައި ނޭމާގެ ބައްޕަ ނޭމާ ޑޮސް ސަންޓޯސް ބުނީ މިއީ އޭނާގެ ދަރިފުޅުގެ އަގުވައްޓާލަން ކުރެވެމުން އަންނަ ކަމެއް ކަމަށާއި މިކަން ހިނގާދިޔަ ގޮތް ސާފުކޮށްދޭން ޖެހޭ ހިސާބުން އެކަން ކުރާނެ ކަމަށާއި ނޭމާގެ ފޯނުގައި އެ އަންހެން މީހާ ފޮނުވާފައިވާ ވަޓްސަޕް މެސެޖުތައް ވެސް ދައްކާނެކަމަށެވެ.
ނޫސްވެރިންގެ ސުވާލުތަކާ އެކު ނޭމާ ވަނީ އެ އަންހެން މީހާ ކުރި ވަޓްސަޕް މެސެޖުތަކާއި ބަރަހަނާ ހާލުގައި ހުރެ ނަގާފައިވާ ފޮޓޯތައް ދައްކައިފައެވެ. ނޭމާ ބުނީ ހަގީގަތް ހާމަކުރަން ފަސްނުޖެހޭނެކަމަށެވެ.
"މިފަދަ ޕްރައިވެޓް މެސެޖުތައް އަހަރެން ބޭނުމެއް ނޫން މީޑިއާއާ ހިއްސާކުރަން. އެކަމަކު ހަގީގަތް ހާމަކުރަން ޖެހޭއިރު މި ފަދަ ކަންތައްތައް ވެސް ކުރަންޖެހޭ،" ނޭމާ ބުންޏެވެ.
ނޭމާ އާއި އެ އަންހެން މީހާއާ ދެމެދު ހިނގާދިޔަ ޕްރައިވެޓް މެސެޖުތައް އެފަރާތުގެ އިޒުނައާއި ނުލައި މީޑިއާ އަށް ލީކުކޮށްލުމުން އެ މައްސަލަވެސް ބްރެޒިލްގެ ފުލުހުން އަންނަނީ ބަލަމުންނެވެ.
މި މަހުގެ 14 ވަނަ ދުވަހު ބްރެޒިލްގައި ބާއްވާ ދެކުނު އެމެރިކާގެ ގައުމުތަކަށް ހާއްސަ ކޮޕަ އެމެރިކާ އަށް އެ ޓީމުން ފަރިތަކުރަމުން އަންނައިރު، މިފަހަރުގެ މުބާރާތުގައި ބްރެޒިލް ހިމެނިފައިވަނީ ބޮލީވިއާ އާއި ޕެރޫ އަދި ވެނެޒުއެލާއާއެކު ގްރޫޕް އޭ ގައެވެ.