ބާސެލޯނާގެ ކޯޗުކަމުގައި އާނެސްޓޯ ވަލްވާޑޭ ދެމިހުރުމުން އެކަމާއި އުފާކުރާކަމަށާއި އެ ކްލަބުގައި ހުރެ އޭނާ ކުރަމުންދާ މަސައްކަތަށް ތައުރީފްކޮށް މިހާރު މެންޗެސްޓާ ސިޓީ އަށް އިރުޝާދުދެމުން އަންނަ ޕެޕް ގާޑިއޯލާ ވާހަކަދައްކައިފިއެވެ.
ވަލްވާޑޭގެ މުސްތަގްބަލާއިމެދު ސުވާލު އުފެދިފައިވަނީ ސްޕެނިޝް ކޮޕާ ޑެލް ރޭ ފައިނަލްގައި ވެލެންސިއާ އަތުން ހިތްދަތިގޮތަކަށް ބަލިވެ މި ސީޒަނުގައި އެންމެ ތައްޓަކާއިއެކު ނިންމާލުމުންނެވެ.
މީގެއިތުރުން، ޔުއެފާ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލްގެ ދެވަނަ ލެގުގައި ލިވަޕޫލް އަތުން ލަދުވެތިގޮތަކަށް ބަލިވެ މުބާރާތުން ކަޓައިގެންދިއުމުންވެސް ގިނަ ބައެއްގެ ފާޑުކިއުންތައް ވަލްވާޑޭ އަށް ވަނީ އަމާޒުވެފައެވެ. ނަމަވެސް، މިހުރިހާ ކަމެއް މިހެން ހިނގައިގެންދިޔަނަމަވެސް، އެ ޓީމުގެ ރައީސް ޖޮސެޕް މާރިއާ ބާޓޮމެއު ވަނީ ވަލްވާޑޭ އަދިވެސް މަގާމުގައި ބަހައްޓަން ބޭނުންވާކަމަށް ބުނެފައެވެ.
"އަހަރެމެންގެ ދެމީހުންގެ ދެމެދުގައި ކިތަންމެ ގާތް އެކުވެރިކަމުގެ ގުޅުން އޮތް ނަމަވެސް ބުނެލަން އޮތީ ވަލްވާޑޭ އަކީ މޮޅު ކޯޗެކޭ." މަންރޭސާއާ ދެކޮޅަށް ރެއާލް މެޑްރިޑްގެ ބާސްކެޓްބޯޅަ ޓީމް ކުޅުނު މެޗު ބެލުމަށްފަހު މީޑިއާ އަށް ދިން އިންޓަވިއުގައި ގާޑިއޯލާ ބުންޏެވެ.
"ޗެމްޕިއަންސް ލީގުން ކަޓައިގެންދިޔަނަމަވެސް، އޭނާ މިވަނީ ވަރަށް ރަނގަޅު ނަތީޖާތައް ނެރެދީފައި. އަހަރެމެންގެ އެންމެންނަށްވެސް މިފަހަރު ޗެމްޕިއަންސް ލީގުގައި ކުރިމަތިލާންޖެހުނީ ނާކާމިޔާބީއާ."
ބާސެލޯނާ އަށް ވަލްވާޑޭގެ ސްޓައިލް ކަމުގޮސްފައިވާކަމަށާއި ޖެހިޖެހިގެން ދެވަނަ ފަހަރަށް ލީގު ހޯދުމާއި ގުޅިގެން އެ ޓީމުގައި އޭނާ ބަހައްޓަން ބޭނުންވާނެކަމަށްވެސް ގާޑިއޯލާ ވަނީ ބުނެފައެވެ.
"އޭނާއާއެކު ބާސެލޯނާ އިން މިވަނީ ވިދިވިދިގެން ދެވަނަ ސީޒަނުގައި ލީގު ނަގާފައި. އަނެއްކޮޅުން އެ ޓީމު ދައްކަމުން އަންނަ ކުޅުމަށް ތައުރީފު ހައްޤު. އަހަރެން ވަރަށް އުފާވޭ ބާސެލޯނާގައި އޭނާ މަޑުކުރުމުން."
"ޝައްކެއްނެތްގޮތުގައި ލިވަޕޫލްގެ އިތުރުން ބާސެލޯނާ އަކީ ވެސް ދުނިޔޭގެ އެންމެ ވަރުގަދަ ޓީމުތަކުގެ ތެރޭގައި ގުނާލެވޭ ޓީމުތައް. ޔޫރަޕްގެ ޗެމްޕިއަންކަން ހޯދުމުން ލިވަޕޫލްގެ ވަރަގަދަކަން އަހަރެމެންނަށް ފެނިގެންގޮސްފި."
"އެއް ފެންވަރެއްގެ ދެ ޓީމު ދެމެދުގައި ކުޅޭ މެޗެއްގައި އަނެއް ޓިމުގެ ފަރާތުން ހެދޭ ގޯހަކުން ނަތީޖާ ކޮންމެ ގޮތަކަށްވެސް ނިކުމެދާނެ."
ގާޑިއޯލާގެ ސިޓީން ޕްރިމިއާ ލީގުގައި ލިވަޕޫލް ފަހަތަށް ޖައްސާލުމަށްފަހު އެންމެ ޕޮއިންޓެއްގެ ތަފާތުން ލީގު ތަށި އުފުލާލިނަމަވެސް، ޔޫރަޕްގައި ސިޓީ އަށް ކުރިމަތިވީ ނާކާމިޔާބީއާއެވެ. އެއާހިލާފަށް ލިވަޕޫލުން މިވަނީ 14 އަހަރުގެ މެދުކެނޑުމަކަށްފަހު އެނބުރި ޔޫރަޕްގެ ރަސްކަމަށް އައިސްފައެވެ.