އެތުލެޓިކޯ މެޑްރިޑްގެ ފްރާންސްގެ ފޯވާޑް އެންޓޮއިން ގްރީޒްމަން މި ސީޒަނަށް ފަހު އެ ކްލަބް ދޫކޮށްލަން ނިންމާފައިވާކަން މިދިޔަ މެއި މަހު އިއުލާންކުރިނަމަވެސް، ކުރިއަށް އޮތް ސީޒަނުގައި އޭނާ ކުޅޭނެ ކްލަބެއް އަދިވެސް ނޭނގެއެވެ.

ޔޫރޯ ކޮލިފައިންގައި އަންނަ ހޮނިހިރު ދުވަހު ރަށުން ބޭރުގައި ތުރުކީއާ ދެކޮޅަށް ކުޅެން އޮތް މެޗުގެ ކުރީން ފްރާންސުން އަމިއްލަ ދަނޑުގައި ރޭ ކުޅުނު އެކުވެރިކަމުގެ މެޗުގައި ބޮލީވިއާ އަތުން 2-0 އިން މޮޅުވިއިރު އެ މެޗުގައި ގްރީޒްމަން ވަނީ ގޯލެއް ކާމިޔާބުކޮށްފައެވެ.

ރޭގެ މެޗަށްފަހު ނޫސްވެރިން ކުރި ސުވާލުތަކަށް ޖަވާބުދެމުން ގްރީޒްމަން ބުނީ ކުރިއަށް އޮތް ސީޒަނުގައި އޭނާ ފެނިގެންދާނީ ކޮން ޓީމަކުން ކަމެއް އަދި ބުނަން ނޭނގޭ ކަމަށާއި އެހެން ނަމަވެސް ވަރަށް އަވަހަށް މުސްތަޤްބަލާއި މެދު ގޮތެއް ނިންމާނެކަމަށެވެ.

"ކުރިއަށް އޮތް ސީޒަނުގައި ފެންނާނީ ކޮން ޓީމަކުން ކަމެއް އަދި ބުނަން ނޭނގޭ. އެހެންނަމަވެސް، ވަރަށް އަވަހަށް ގޮތެއް ނިންމާނަން." ރޭގެ މެޗަށްފަހު ވާހަކަދައްކަމުން ގްރީޒްމަން ބުންޏެވެ.

އުމުރުން 28 އަހަރުގެ ގްރީޒްމަން ވަނީ ވޭތުވެދިޔަ ފަސް އަހަރުގެ ތެރޭގައި އެތުލެޓިކޯގެ އެންމެ މުހިއްމު ކުޅުންތެރިޔާއަށްވެ އެ ޓީމަށް އެންމެ ގިނަ ލަނޑުޖަހައިދިން ކުޅުންތެރިޔާގެ ގޮތުގައި ނިމިދިޔަ ފަސް ސީޒަންވެސް ނިންމާލައިފައެވެ. އެގޮތުން، އޭނާ ވަނީ 2014 ވަނަ އަހަރު ރެއާލް ސޮސިއެޑާޑުން 30 މިލިއަން ޔޫރޯގެ އަގަކަށް އެތުލެޓިކޯ އަށް ބަދަލުވެ އެ ޓީމަށް ކުޅެދިން 256 މެޗުން 133 ގޯލު ކާމިޔާބުކޮށްފައެވެ. އަދި އެ ޓީމާ އެކު ޔުރޮޕާ ލީގު، ސްޕެނިޝް ސުޕަ ކަޕް އަދި ޔުއެފާ ސުޕަ ކަޕް ވެސް އޭނާ ވަނީ ކާމިޔާބުކޮށްފައެވެ.

މި ސީޒަން ފެށުމުގެ ކުރިން ގްރީޒްމަން ބާސެލޯނާ އަށް ބަދަލުވާން ހުރިހާ ކަމެއް ނިމިފައިވާ ކަމަށް މީޑިއާތަކުން ރިޕޯޓްކޮށްފައިވަނިކޮށް، އޭނާ ވަނީ ވޯލްޑް ކަޕް ފެށުމުގެ ކުރިން އެތުލެޓިކޯއާ އެކު ފަސް އަހަރުގެ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. އަދި އެ ކޮންޓްރެކްޓްގައިވާ ގޮތުން ކުރިއަށް އޮތް ޖުލައި މަހުގެ 1 ވަނަ ދުވަހުގެ ފަހުން ގްރީޒްމަން އަށް 120 މިލިއަން ޔޫރޯގެ ހުށަހެޅުމެއް ލިބިއްޖެނަމަ އޭނާ ދޫކޮށްލަން ޖެހެއެވެ. އެހެންކަމަށްވުމުން، ކުރިއަށް އޮތް ދުވަސްތަކަށްފަހު އޭނާ ކުޅޭނެ ޓީމެއް އެނގިގެންދާނެކަމަށް ފަހުގެ މީޑިއާ ރިޕޯޓްތައް ބުނެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *