ނަވާރަވަނަ ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތުގައި، ރައީސް އަދި ނައިބު ރައީސް ނެތް ހިނދެއްގައި، މަޖިލީހުގެ ރިޔާސަތު ބަލަހައްޓަވާނެ ފަސް މެމްބަރުން ކަނޑައަޅުއްވައިފިއެވެ.
މިއަދު ބޭއްވުނު ނަވާރަވަނަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި، ރައީސް އަދި ނައިބު ރައީސް ރިޔާސަތުގައި ނެތް ނަމަ، މަޖިލީހުގެ ރިޔާސަތު ބެލެހެއްޓުން ހަވާލުކޮށްފައިވަނީ، ވިލުފުށީ ދާއިރާގެ އެމްޑީޕީ މެމްބަރު އަދި ކުރީގެ ހޯމް މިނިސްޓަރު ހަސަން އަފީފާއި މަރަދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އިބްރާހިމް ޝަރީފާއި މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމާއި ހިތަދޫ އުތުރު ދާއިރާގެ އެމްޑީޕީ މެމްބަރު މުހައްމަދު އަސްލަމާއި މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް އަށެވެ.
މަޖިލިހުގެ ގަވައިދުގައިވާ ގޮތުން ރިޔާސަތު ބަލަހައްޓާނެ ބޭފުޅުން ކަނޑައަޅާނީ މަޖިލިހުގައި އެންމެ ގިނަ ދުވަހު ހިދުމަތް ކުރެއްވި މެމްބަރުންނަށް ބަލައިގެންނެވެ. އަދި އެއިން މެމްބަރަކަށް ރިޔާސަތު ބެލެހެއްޓެވޭނީ ވިދިވިދިގެން ތިން ޖަލްސާގެ މުއްދަތަށް ކަމަށް ވެސް ގަވައިދުގައިވެއެވެ.
އެ މެންބަރުންނަކީ 1990 ވަނަ އަހަރުން ފެށިގެން މަދުވެގެން ތިން ދައުރު މަޖިލީހުގައި އަދާ ކުރެއްވި މެންބަރުންނެވެ.