ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރުކަމަށް، މ. ނޫހިރި އަލްއުސްތާޛާ ޙިސާން ޙުސައިން މިއަދު ޢައްޔަންކުރައްވައިފިއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ހަފްލާގައި ހިސާން ވަނީ ޖޭއެސްސީ މެންބަރު ކަމުގެ ހުވާ ކުރައްވައިފައެވެ. ހިސާންއަށް ހުވާ ލައިދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ އަރީފް އެވެ. އެއަށް ފަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ޖޭއެސްސީ މެންބަރު ކަމުގެ ލިޔުން ވެސް ހިސާންއަށް އަރުވައިފައެވެ.
ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންގެ ފަރާތުން ޖޭއެސްސީގައި ހުންނަވާނީ ހިސާން ކަމަށް ފާސްކުރީ މިދިޔަ ބުދަ ދުވަހު ބޭއްވި 19 ވަނަ ރައްޔިތުންގެ މަޖިލިހުގެ ފުރަތަމަ ޖަލްސާގައި 80 މެމްބަރުންގެ އިއްތިފާގުންނެވެ.
ޖޭއެސްސީގައި 10 މެމްބަރަކު ހިމެނޭއިރު، މަގާމުގެ ހައިސިއްޔަތުން އެ ކޮމިޝަންގައި ތިއްބަވަނީ ތިން ބޭފުޅެކެވެ. އެއީ ރައްޔިތުންގެ މަޖިލިހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތާއި ސިވިލް ސާވިސް ކޮމިޝަންގެ ރައީސް ޑރ. އަލީ ޝަމީމެވެ.