މި އަހަރުގެ ފިތުރު އީދު ދުވަހުގެ އިތުރުން ވަޅު އީދު ދުވަހުގެ ހަވީރު ވެސް މާލެ އާއި ވިލިމާލޭގައި ވެހިކަލް ނުދުއްވޭ ގޮތަށް ކުރިން ނިންމި ނަމަވެސް މިހާރު އެ ނިންމުން ބަދަލުކޮށް، ވެހިކަލް ދުއްވުން މަނާވާނީ އީދު ދުވަހު އެކަނި ކަމަށް މާލޭ ސިޓީ ކައުންސިލުން މިއަދު ބުނެފި އެވެ.

ކައުންސިލްއިން ކުރިން ނިންމާފައިވަނީ އީދު ދުވަހުގެ އިތުރުން ވަޅު އީދު ދުވަހުގެ ހަވީރު 4-6 އަށް ވެސް ވެހިކަލް ނުދުއްވޭ ގޮތަށް ނަމަވެސް، ވެހިކަލް ނުދުއްވޭނެ ހަމައެކަނި ދުވަހަކީ އީދު ދުވަހުގެ ހަވީރު ކަމަށް ޓްރާންސްޕޯޓު އޮތޯރިޓީން އިއްޔެ ކަނޑައެޅުމާ ގުޅިގެން ސިޓީ ކައުންސިލްއިން ވަނީ އެއާއި އެއްގޮތަށް އަމަލްކުރަން ނިންމާފައެވެ.

މާލޭގެ ޑެޕިއުޓީ މޭޔަރު ޝަމާއު ޝަރީފު މިއަދު ވިދާޅުވީ، މާލޭ ސިޓީ ކައުންސިލްގެ ނިންމުން ބަދަލުކުރީ ޓްރާންސްޕޯޓު އޮތޯރިޓީގެ ނިންމުމާ އެއްގޮތް ކުރުމަށް ކަމަށެވެ.

ޓްރާންސްޕޯޓު އޮތޯރިޓީގެ އެންގުމާ ޚިލާފަށް އީދު ދުވަހުގެ ހަވީރު މާލެ އާއި ވިލިމާލެ އަދި ހުޅުމާލޭގައި ވެހިކަލް ދުއްވާ މީހުން 750ރ. އިން ޖޫރިމަނާ ކުރާނެ ކަމަށް އެ އޮތޯރިޓީންވަނީ ހާމަކޮށްފައެވެ.

މާލެ، ވިލިމާލެ އަދި ހުޅުމާލޭގައި އީދު ދުވަހުގެ ހަވީރު 4:00 އިން 6:00 އަށް އުޅެންޖެހޭނީ ފައިމަގުގަ އެވެ. އެ ވަގުތު އިންޖީނުލީ އުޅނަދުތަކަށް ދުއްވުން މަނާ އިރު ޒަރޫރީ ހިދުމަތް ފޯރުކޮށްދޭ އުޅަނދުތަކާއި ޕަބްލިކް ޓްރާންސްޕޯޓް ފޯރުކޮށްދޭ އުޅަނދުތައް އަދި ސިޓީ ކައުންސިލުން ހުއްދަ ހޯދާފައިވާ އުޅަނދުތަކަށް އެ ސަރަހައްދުތަކުގައި ދުއްވޭ ގޮތަށްވަނީ ހުއްދަ ދީފައެވެ.

ޓްރާންސްޕޯޓު އޮތޯރިޓީން ބުނި ގޮތުގައި ސިޓީ ކައުންސިލުން ހާއްސަ ހުއްދަ ނަގާ އުޅަނދުތައް ދުއްވަން ވާނީ އާންމުންނަށް ފެންނަ ގޮތަށް އެ އުޅަނދުގައި ހުއްދަ ހަރުކޮށްގެނެވެ.

އީދު ދުވަހު މާލެ، ވިލިމާލެ އަދި ހުޅުމާލޭގެ މަގުތަކުގައި ކުރިއަށް ގެންދާ ކުޅިވަރުތަކުގައި އާންމުންނަށް ފަސޭހަކަމާއި އެކު ބައިވެރިވުމުގެ ފުރުސަތު ފަހި ކުރުމަށް ފައިމަގުގައި އުޅޭ ގޮތަށް ހަމަޖެއްސި އިރު، ތަފާތު މުނާސަބާތަކާ ގުޅިގެން ވެހިކަލް ނުދުއްވޭ ގޮތަށް މީގެ ކުރިންވެސް ވަނީ ހަދާފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *