ލ. ފޮނަދޫގައި ހަށިވިއްކައި, ރޯދަ މަހު ދުވާލު ކެއުމަށް ބޭނުން ކުރަމުން އައި ގެއެއްގެ މައްސަލަ ބަލަން ފަށައި، ރަށު ކައުންސިލްގެ އެހީތެރި ކަމާއި އެކު ފުލުހުން އެ ގެ ރޫޅާލައިފިއެވެ.
ފުލުހުން ހާމަކުރި ގޮތުގައި ލ. ފޮނަދޫ ކުރިމަގު އަވަށުގެ ވަލުތެރޭގައި ހުރި އެ ގެއަކީ ރޯދަމަހުގެ ދުވާލު ކެއުމާއި، ހަށި ވިއްކުމާއި މަސްތުވާތަކެތި ބޭނުން ކުރުން ފަދަ ކުށްތަކަށް އަރައިގަތުމަށް ބޭނުންކުރާ ގެއެއް ކަމަށް މައުލޫމާތު ލިިބިފައިވާ ކަމަށެވެ.
އަދި ފޮނަދޫގެ ބަންޑާރަ ބިމެއްގައި ހުރި އެ ގޭގެ މައްސަލަ ރަށު ކައުންސިލުން ހިއްސާ ކޮށްފައިވާ ކަމަށާއި އެ ގެ އަޅާފައިވަނީ ކައުންސިލްގެ އެއްވެސް ހުއްދަ އެއް ނެތި ކަމަށެވެ.
ފުލުހަށް މި މައްސަލަ ކައުންސިލުން ހުށަހަޅާފައިވަނީ މި މަހުގެ އެއްވަނަ ދުވަހު އެވެ. ކައުންސިލްގެ އެދުމުގެ މަތިން އެ ގެ ރޫޅައިލުމުގެ މަސައްކަތް ކުރިއަށް ދިޔައިރު ފުލުހުން ވަނީ އެ ސަރަހައްދުގެ ސެކިއުރިޓީ ބަލަހައްޓައިދީފަ އެވެ.