މިއަހަރުގެ ބަރާކަތްތެރިވެގެންވާ ފިތުރު އީދު ދުވަސް އައިސް މިވަނީ ބޯމަތިވެފައެވެ. ބަރަކާތާއި ދަރުމައިން ފުރިފައިވާ ރަމަޟާން މަހުގެ ހެޔޮކަމާއި ދަރުމަ ހާސިލުކުރުމަށްފަހު މުސްލިމު އުންމަތް ހެއްވާލާނީ ފިތުރު އީދު ދުވަހުންނެވެ. އީދު ދުވަހަކީ ކޮންމެ މުސްލިމެއްގެ ހަޔާތަށްވެސް އަންނާނެ އެންމެ އުފާވެރި އެއް ދުވަހެވެ. ފިތުރު އީދު ދުވަހަކީ ދިވެހިންނަށްވެސް ވަރަށް ހާއްސަ ދުވަހެކެވެ. އައު ހެދުން ލައި މީރު ކެއުންތައް ތައްޔާރުކުރާނެއެވެ. އުފާވެރިކަމާއި އެކުވެރިކަން މުޅި ޖައްވުގައި ދައުރުވާނެ ދުވަހެކެވެ.
ދިވެހިންނަކީ ކޮންމެ ކަމެއްވެސް އެކަމެއްގެ ވަގުތު ޖެހުމުން ނޫނީ ނުކުރާ ބައެކެވެ. ފިތުރު އީދު އަންނަން ދުވަހަކަށް ވެފައިވާއިރު، އަޅުގަނޑުމެންނަށް ފެނިގެންދަނީ އީދު ހެދުން ގަންނަ ފިހާރަތަކާއި ހެދުން ފަހާ ތަންތަން ފުރާލާތަނެވެ. ކޮންމެ މީހަކުވެސް އެމީހުންގެ ދަރިންނަށާއި، އާއިލާ މީހުންނަށް އީދު ހެދުން ގަތުމުގައު އުޅެނީ އަވަދި ނެތިއެވެ. އީދަށް އަގަކަށްވެސް ބެލުމެއް ނެތި، ކޮންމެ މީހަކުވެސް އެމީހަކު ހިތްހަމަޖެހޭ ކަހަލަ ރީތި ހެދުމެއް ގަތުމަށް އަވަސްވެގަނެއެވެ.
ގިނަ މީހުން އަދިވެސް އީދަށް ތައްޔާރު ނުވާނެއެވެ. އީދަށް ހެދުން ގަނެ، ތައްޔާރީތައް ވާން ގިނަ މީހުން ފަށާނީވެސް އީދު ވިލެރޭއެވެ. އީދު ވިލޭރޭގައި މާލޭގެ ހެދުން ވިއްކާ ފިހާރަތައް ފުރި ތޮއްޖެހޭނެއެވެ. އެންމެންވެސް ހެދުން ގަންނަން ނިކުންނާނީ އެންމެ ފަހު ވަގުތެވެ.
އީދު ދުވަހަށް ކޮންމެ މީހަކުވެސް ބޭނުންވާނީ އެހެން މީހުންނަށް ވުރެ ރީތި ހެދުމެއް ލުމަށެވެ. އީދު ދުވަހު އީދު ހެދުން ލައިގެން ނަލަ ވެގެން، ފިނި ބުރުތައް ޖަހާލައި، ފޮނި ދެއްކެން ހިނގަން ނިކުތުމަކީ ދިވެހިންގެ ޒަމާނުއްސުރެ ކުރާ ކަމެކެވެ. ފަހަރެއްގައި އެއީ ދިވެހިންގެ ކަށީގައި ހިފާފައި ހުރި ކަމަކަށް ވެދާނެއެވެ. އެންމެ ތުއްތު ކުއްޖާއިން ފެށިގެން، ދުވަސްވީ މުސްކުޅި މީހާވެސް އީދު ދުވަހު އާ ހެދުން ލައި ނަލަ ވެލާނެއެވެ.
ނަމަވެސް ހިތާމައަކީ ދިވެހިން ހުރިހާ ކަމެއްވެސް އެންމެ ފަހު ވަގުތު ކުރަން އުޅޭތީއެވެ. އީދަށް ހެދުން ގަންނަންވެސް ވީ އީދު ވިލޭރޭއެވެ. ޓެސްޓަށް ފިލާވަޅު ދަސްކުރަންވީވެސް އެއް ރެޔަށް ވީމައެވެ. ނުވަތަ ފޯމެއް ހުށަހަޅަން ނުވަތަ އެސައިމެންޓެއްވެސް ހަދަން ވީ، އޭގެ ޑިއު ޑޭޓް ޖެހެން ދެތިން ގަޑިއިރަށް ވީމައެވެ. އަޅުގަނޑުމެންނަށް ދިރިއުޅުމުގައި އުނދަގުތަކާއި ވެސް ކުރިމަތިލާން ޖެހެނީ ބައެއް ފަހަރު އަޅުގަނޑުމެންގެ އުޅުން ހުންނަ ގޮތުންނެވެ. އެހެންކަމުން ފަހު ވަގުތައް ލަސްނުކޮށް އީދު ހެދުން ނުގަންނަ ފަރާތްތަކުން އީދު ހެދުން ގަތުމައް އަވަސްވެ ގަންނާށެވެ.