އިންޑިއާގެ ބޮޑުވަޒީރު، ނަރެންދްރަ މޯދީ ރާއްޖެ ވަޑައިގަންވާ ދުވަހު މާލޭގެ ބައެއް މަގުތައް ބަންދުކުރާނެ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.
ނަރެންދްރަ މޯދީ ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ މިމަހުގެ 8 ވަނަ ދުވަހުން 9 ވަނަ ދުވަހުގެ ނިޔަލަށެވެ. އަދި މޯދީގެ އެ ދަތުރުފުޅުގައި ރައްޔިތުންގެ މަޖިލީހުގައި ތަޤުރީރު ކުރެއްވުމަށްވެސް ވަނީ ނިންމަވާފައެވެ.
ފުލުހުން ވިދާޅުވީ، 8 ޖޫން 2019 ވަނަ ދުވަހުގެ 12:00 އިން ފެށިގެން ގްރީން ޒޯން ހިމެނޭ ސަރަހައްދު ބަންދު ކުރެވޭނެ ކަމަށެވެ.
"އެއީ ސޯސަން މަގުން ފެށިގެން ރައްޔިތުން މަޖިލިސް ކުރާ ގެ ހިމެނޭ ގޮތައް ސޯލްޓް ރެސްޓޯރެންޓާއި ހަމައަށް" ފުލުހުން ވިދާޅުވެފައިވެއެވެ.
މީގެ އިތުރުން މޯދީ ރާއްޖެއަށް ކުރައްވާ ދަތުރުފުޅާއި ގުޅިގެން ސިނަމާލެ ބުރިޖުވެސް ބަންދު ކުރަން ހަމަޖެހިފައިވާ ކަމަށާއި، އެގޮތުން ސިނަމާލެ ބުރިޖު ބަންދު ކުރާނީ 9 ޖޫން 2019 ވަނަ ދުވަހުގެ 8:10 އަކުން 10:00 އަަކަށް ކަމަށް ފުލުހުން ބުނެފައިވެއެވެ.
ފުލުހުން ބުނީ ބަންދުކުރާއި މަގުތަކުގެ މަގުޗާޓާއި ގަޑިތަކުގެ މައުލޫމާތު ފުލުހުންގެ ޓްވިޓަރ އާއި އެނޫންވެސް މީސްމީޑިއާ މަންސަތައް މެދުވެރިކޮށް ހިއްސާ ކުރައްވާނެ ކަމަށެވެ.