ބޮލީވުޑްގެ ކުޅަދާނަ ބަތަލް އަކްޝޭ ކުމާރުގެ ފިލްމު، "މިޝަން މަންގަލް" މިއަންނަ އޮގަސްޓް މަހުގެ 9 ވަނަ ދުވަހު ރިލީޒް ކުރާ ގޮތަށް ހަމަޖެހިއްޖެއެވެ.
"މިޝަން މަންގަލް" ކުރިން ރިލީޒް ކުރާ ގޮތަށް އޮތީ، މިއަންނަ އޮގަސްޓް މަހުގެ 15 ވަނަ ދުވަހެވެ. ނަމަވެސް ފިލްމުގެ ޓީމުން މިވަނީ ފިލްމު ރިލީޒް ކުރާ ތާރީޚް އަވަސް ކޮށްފައެވެ.
އިންޑިއާގެ ބައެއް ބޮލީވުޑްގެ ހަބަރުތައް ފަތުރާ ނޫސްތަކުން ރިޕޯޓް ކޮށްފައިވާ ގޮތުގައި، އެ ފިލްމު ރިލީޒްކުރުން އަވަސްކުރީ ބޮޑު އެހެން ދެ ފިލްމަކާ ބޮކްސް އޮފީހުގައި ކުރިމަތިލުމަކަށް ނުދާންވެގެން ކަމަށެވެ. އެ ދެ ފިލްމަކީ ޖޯން އަބްރަހަމްގެ "ބަތުލާ ހައުސް" އާއި ޕްރަބާސްގެ "ސާހޯ"އެވެ.
"މިޝަން މަންގަލް" އަކީ އަންހެން ސައިންޓިސްޓުންތަކެއް އިސްކޮށް ތިބެގެން ނޮބެމްބަރު، 5، 2013 ގައި އިންޑިއަން ރިސާޗް ސްޕޭސް އޮގަނައިޒޭޝަން (އިސްރޯ) އިން ލޯންޗް ކުރި މާސް އޯބިޓާ މިޝަން (މަންގަލިޔާން) އަށް ބިނާކޮށް ހަދާ ފިލްމެކެވެ.
އެ ފިލްމުގައި އަކްޝޭ އާއި ވިދިޔާއާ އެކު، ސޮނާކްޝީ ސިންހާ، ނިތިޔާ މެނަން، ތާޕްސީ ޕައްނޫ، ކިރިތީ ކުލްހާރީ، ޝަރުމަން ޖޯޝީ އަދި ސަންޖޭ ކަޕޫރް ފެންނާނެއެވެ.