ށ. އަތޮޅުން ފުރައިގެން، މާލެ ދަތުރުކުރި ސަޕްލައި ދޯންޏެއް ރޭ ޅ. ޅޮއްސަލަފުށި ކިޔާ ފަޅުރަށެއްގެ ފަރަށް އުރިފައިވާއިރު، އެ ދޯނި އަދިވެސް ފުން ނުކުރެވޭ ކަމަށް އެމްއެންޑީއެފުން ވިދާޅުވެއްޖެއެވެ.
އެމްއެންޑީއެފުން ބުނީ އެ ދޯނި ފަރަށް އަރައިގެން އުޅޭ ކަމުގެ މައުލޫމާތު ލިބިފަިއވަނީ ރޭ 22:49 ގައި ކަމަށާއި، އެ ހާދިސާ ހިނގި އިރު ދޯނީގައި ތިބީ ދެ ދިވިންގެ އިތުރުން ބިދޭސީއެއް ކަމަށެވެ.
އަދި އެ ދޯނި ފުންކުރުމަށް އެމްއެންޑީއެފް ނޮތާން އޭރިއާގެ ކޯސްޓް ގާޑްގެ ޑައިވަރުން އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން އަންނަ ކަމަށާއި, އަދިވެސް އެ ދޯނި ފުން ކުރެވިފައި ނުވާ ކަމަށް އެމްއެންޑީއެފުން ބުނެފައިވެއެވެ.