ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީއާ ބެހޭ ގޮތުން ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ހުށަހެޅުއްވީ ފަނޑިޔާރާ ގުޅުން އޮންނަ އެކައުންޓަކަށް އެއް މިލިއަން ޑޮލަރު ޖަމާވި މައްސައެއްކަން އެނގިއްޖެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ފަނޑިޔާރު އަބްދުﷲ ދީދީ އަށް ތުހުމަތުކުރަނީ ލިބުނު ގޮތެއް ނޭނގޭ އެއް މިލިއަން ޑޮލަރު މެލޭޝިއާގެ ބޭންކެއްގައި ހުޅުވާފައިވާ އޭނާގެ އަނބިކަނބަލުންގެ އެކައުންޓަށް ޖަމާކުރި މައްސަލައެކެވެ.

އެ ފައިސާ އަބްދުﷲ ދީދީގެ އަނބިކަނބަލުންގެ އެކައުންޓަށް ޖަމާކޮށްފައިވަނީ، 2015 ވަނަ އަހަރުގެ މާރިޗު މަހުގެ ތެރޭގައެވެ. އެއީ ކްރިމިނަލް ކޯޓްގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރުކުރި މައްސަލާގައި ނަޝީދުގެ މައްޗަށް ޝަރީއަތް ހިންގައި 13 އަހަރުގެ ޖަލު ހުކުމެއް އިއްވި ދުވަސްވަރެވެ.

ނަޝީދަށް ޖަލު ހުކުމް އިއްވެވި ފަނޑިޔާރުންގެ ބެންޗުގައި އަބްދުﷲ ދީދީ ހިމެނުނެވެ.

މަޖިލީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނަޝީދު ޖޭއެސްސީއަށް މައްސަލައެއް ހުށަހެޅުއްވިކަން ހާމަކުރެއްވި ނަމަވެސް އެ މައްސަލައާއި ގުޅޭ އެއްވެސް ތަފްސީލެއް ނުދެއްވައެވެ.

މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ނަޝީދު ޖޭއެސްސީގައި އިންނަވާއިރު، މަޖިލިސް މެމްބަރެއްގެ ގޮތުގައި ޖޭއެސްސީގައި އިންނަވާނީ ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިންނެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *