މުޖުތަމައެއްގައި އަމާންކަމާއި އެކުވެރިކަން ގާއިމުކޮށް ފިތުނަ ތަކުން ސަލާމަތް ކުރަން ބޭނުންވާނަމަ، މުޖުތަމައުގައި ދިރިއުޅޭ އެންމެންގެ މެދުގައިވެސް ހަމަހަމަކަން ގާއިމުކޮށް ތަފާތުކުރުމެއް ނެތި އިންސާފުން ކަންތައްތައް ކުރުމަކީ ވަރަށް މުހިންމު ކަމެވެ. ޝައްކެއްނެތް ގޮތުގައި، ތަފާތުކުރުންތަކާއި، ވަކި ބަޔަކަށް ނުވަތަ މީހަކަށް ވަކި ގޮތެއް ހެދުމުގެ ސިފަ އަށަގަންނަ މުޖުތަމައެއް ފިތުން ފަސާދައިގެ ތެރެއަށް ވެއްޓި ގެއްލިދާނެއެވެ. މަޑު މަޑުން އެ މުޖުތަމައެއްގެ އިޖްތިމާއީ ފޭރާން ވީދި ހަލާކުވާން ފަށާނެއެވެ. މުޖުތަމައު ބައިބައިވާން ފަށާނެއެވެ.

ދިވެހިންނަކީ އަބަދުވެސް ވަރަށް އިންސާފަށް ލޯބިކުރާ ބައެެކެވެ. ނަމަވެސް ބައެއް ފަހަރު ދިވެހިންގެ ތެރެއިން ބައެއް މީހުންގެ އަމަލުތައް ހުންނަ ގޮތުން ހަމަ ހަގީގަތުގައިވެސް ދިވެހިން އިންސާފަށް ލޯބިކުރޭ ބާއޭ ހިތަށް އަރައެވެ. ފަހަރެއްގައި ދިވެހިން ނަމުން އިންސާފަށް ލޯބިކޮށް އަމަލުން އެހެން ކަމެއް ދައްކަނީ ކަމަށް ވެދާނެއެވެ. އަޅުގަނޑަކީ ޚުދު ދިވެހި ދަރިއަކަށްވެ ހުރެ ލަދުގަނެފައި ދަންނަވާލަން ޖެހެނީ، ދިވެހިންނަކީ ވަރަށް ނަކަލު ކުރުމަށް ލޯބިކުރާ ބައެއް ކަމެވެ. ދިވެހިންގެ ތެރެއިން ބަޔަކު ކަމެއް ކޮށްގެން މީސްމީޑިއާގައި އެކަން ދެން މާ މޮޅު ކަމަކަށް ހަދައިފިއްޔާ ދުވަސްކޮޅަކަށް ދެން ދިވެހިންގެ ތެރޭގައި ވައިގަ ހިފާނީ އެކަމެވެ. އެއީ ކިހާވަރެއްގެ ކަމެއްތޯ ބަަލައިނުލާ އެކަމެއް ކުރާނެއެވެ.

މިދުވަސްކޮޅު ދިވެހިންގެ ތެރޭގައި އެންމެ ހިނގާ އެއް ކަމަކީ ވައްކަން ކުރާ މީހުން "ގަން ހިންގުވުމެވެ." އަޅުގަނޑު ފަހަރެއްގައިވެސް ދަންނަވަން މިއުޅެނީ ވައްކަން ކުރާ މީހުންނަށް އަދަބު ދިނުމަކީ ގޯސްކަމެކޭ ނޫނެވެ. ކުށެއް ކޮށްފިއްޔާ ހަމަ ޔަގީނުންވެސް އެމީހަކަށް އެކަމެއްގެ ހައްގު އަދަބު ލިބެންޖެހޭނެއެވެ. ހަމަގައިމުވެސް "ގަން ހިންގުވުމަކީ" ގާނޫނޫ އަމިއްލަ އަތްމައްޗަށް ލުމެވެ. ކަމާއި ބެހޭ ފަރާތްތައް ތިއްބައި އާއްމުން އަމިއްލައަށް ގާނޫނު އަތް މައްޗަށް ލުމަކީވެސް  އެދެވިގެންވާ ކަމެއް ނޫނެވެ. އެވާހަކަވެސް ބާއްވަމައިތޯއެވެ. މައްސަލައަކަށް ވާ ހިސާބަކީ ދެރަ ނިކަމެތި މީހާ ވައްކަން ކުރުމުން، ގަން ހިންގުވައި އެމީހާ އެންމެންގެ ކުރިމަތީގައި ބޭޒާރުކޮށްލާތީއެވެ. ރައްޔިތުންގެ ބައިތުލްމާލުން ވައްކަން ކޮށްގެން ރައްޔިތުންގެ މުދާ ގަނޑު ކާލައިގެން ތިބި ބޮޑެތި ވަގުން ހަމަޖެހިގެން އަމާންކަމާއިއެކު އަރާމުގައި ފިނި ކޮޓަރީގައި އެތިބެނީ ކީއްވެތޯއެވެ؟ ދެރަ ނިކަމެތި މީހާ ކުށެއް ކުރުމުން އަދަބު ދެވޭ ބީދައިން، ބާރުހުރި މުއްސަނދި މީހާ ކުށް ކުރީމައިވެސް އަދަބު ދެވެން ޖެހޭނެއެވެ.

އަޅުގަނޑުމެންނަށް ފެނިގެންދިޔައީ ކ.ދިއްފުށީގައި ވައްކަން ކުރި ބަޔަކު ފުލުހުން ހައްޔަރުކޮށްގެން ގެންދަން މަސައްކަތް ކުރުމުން އާއްމުން ނިކުމެ ހަމަނުޖެހުން ހިންގާ، ގާނޫނު އަތަށްލައި، އެމީހުންނަށް އަމިއްލައަށް އަދަބު ދިނުމަށް މަސައްކަތް ކުރި މަންޒަރެވެ. އެރަށު ރައްޔިތުން ބުނަމުން ދިޔައީ، ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިނަމަ، ދެތިން ހަފްތާ ކޮށްފައި ދޫކޮށްލާނެކަމަށެވެ. އަދި އެމީހުން އެހެން ވާން ބޭނުން ނުވާ ކަމަށާއި، އެމީހުން ބޭނުންވަނީ އަމިއްލައަށް ވަގުންނަށް އަދަބު ދިނުމަށް ކަމަށެވެ. އެހެން ކިޔައި އެރަށުގައި މިއޮތްފަދަ ބަރަކާތްތެރިވެގެންވާ ރަމަޟާން މަހު ބޮޑު ހަމަނުޖެހުން ގަނޑެއް ހިންގައި، މީހުންނަށް ވަޅިން ހަމަލާދީ ޒަހަމްވެސް ކުރިއެވެ. އެމީހުން ފަހަރެއްގައި އެހެން ހެދުމުން ހައްލު ލިބުނީއެވެ. ދިވެހިންނަކީ އާއްމުކޮށްވެސް ހިޔާލީ ދުނިޔެއްގައި ކުށް ހީތަކެއްގެ ތެރޭގައި އުޅޭ ހިތްވާ ބައެކެވެ.

ދެން ފެނިގެންދިޔައީ، މާލޭ ފިހާރައަކުން ފެން ކޭހެއް ވަގަށް ނެގި މީހަކު ހިފަހައްޓައި، އެމީހާގެ ބުރަކަށީގައި "ވަގު" ޖަހައި، ގަން ހިންގުވި މަންޒަރެވެ. އެމީހުން ހިތުން ދެން އެ ވައްކަން ކުރި މީހާއަށް އެ ނަގައިދެވުނީ ރަނގަޅު ފިލާވަޅެކެވެ. ހިތުން އެކޮށްލެވުނީ ދެން ވަރަށް މޮޅު ކަމެކެވެ. ދެރަ ނިކަމެތި މީހާ ބޭޒާރުކޮށްލާ ދެރަކޮށްލެވުނީމައި އެކުރެވެނީ ދެން މާމޮޅު ކަމެއް ކަމަށް ހީކުރާ މީހުންނަށް އެކުރެވެނީ ކުށް ހީއެކެވެ.

އަޅުގަނޑުމެން އެންމެންނަށްވެސް އެނގޭނެ ފަދައިން ހަގީގަތަކީ ހިތި އެއްޗެކެވެ. މީހަކު ތެދަށް ވާހަކަ ދައްކައިފިނަމަ އެވާހަކަތައް އަޑުއަހަންވެސް އުނދަގު ވާނެއެވެ. ނަމަވެސް ހިތި ހަގީގަތަކީ ދިވެހި ގައުމަށް، ދިވެހިން ބޭނުންވާ ފަދަ ބަދަލެއް ނައިސްގެން މިއުޅޭ ބައެއް ދިވެހިންގެ އަމަލުތައް ހުންނަ ގޮތުން ކަމެވެ. ދެރަ ނިކަމެތި މީހާ ކުރާ ކުދި ކުދި ކުށްތައް ބޮޑުކޮށްލައި، އެކަމުގެ ހިފައިގެން ދުވާއިރު، ބޮޑެތި ކުށްތަކަށް އަރައިގަނެގެން ތިބި ބޮޑެތި ވަގުން މިއަދުވެސް އެ އުޅެނީ މިނިވަން ކަންމަތީއެވެ. ފަހަރެއްގައި، ދައުލަތުގެ އިސް މަގާމެއްގައި ހުރި، ނުވަތަ ނަސަބާއި ފެންވަރުގެ ގޮތުން ތަންކޮޅެއް މަތީގައި އުޅޭ މީހަކު ކުށެއް ކުރުމުން، ދިވެހިންގެ ލޯތައް ކަނުވަނީ ކަމަށް ވެދާނެއެވެ. 

ވިސްނާލައްވާށެވެ! މީހުން މަރައި، ބޮޑެތި ވައްކަންކޮށްފައި ތިބި ވަގުންނާއި، އަދި އެނޫނަސް އެތައް ބޮޑެތި ކުށްތަކަކަށް އަރައިގަނެފައި ތިބި މީހުން، ގަން ނުހިންގުވަނީ ކީއްވެތޯއެވެ؟ އެމީހުންނަށް އަދަބު ދީގެން އިންސާފު ހޯދުމަށް ގާނޫނު އަތްމައްޗަށް ލައިގެން މަގުމައްޗަން ނުނިކުންނަނީ ކީއްވެގެންތޯއެވެ؟ އިންސާފަށް އެހާ ލޯބިކުރާ ދިވެހިންގެ ފަރާތުން މިފަދަ އަމަލުތައް ފެންނީމައި ލަދުގަންނަ ޖެހޭނުންތޯއެވެ؟ އެންމެ ފަގީރު ދެރަ ނިކަމެތި މީހާ ވައްކަމެއް ކުރުމުން އަދަބު ދިނުމުގެ ހިތްވަރާއި ބުންވަރާއި ދެން މިހެން ކިޔައި ހުރިހާ އެއްޗެއް ހުންނަ ބީދައިން، ބާރުހުރި ގަދަރުވެރި މީހާ ކުށް ކުރީމައިވެސް، ދެރަ ނިކަމެތި މީހާ އާއި ދޭތެރޭ ކަންތައް ކުރާ ގޮތަށް ކަންތައް ކުރުމުގެ ހިތްވަރު ހުންނަން ޖެހޭނެއެވެ.

އަޅުގަނޑު މިހެން ދެންނެވުމުން ދެން އަޅުގަނޑުވާނީ ކުށްވެރިން ސަލާމަތް ކުރާ މީހަކަށް ކަންނޭގެއެވެ. ތެދެކެވެ. ދިވެހިން ތިބޭނީ ދިވެހިންގެ ގޮތުގައެވެ. ދިވެހިންނަށް ހަގީގަތުގައި އެންމެންގެ މެދުގައި އިންސާފު ގާއުމުކުރާކަށް ނޭނގެއެވެ. ޝައްކެއްވެސް ނެތް ގޮތުގައި، އަޅުގަނޑުމެންގެ ގައުމަށްވެސް، ރަނގަޅު ދިވެހިން ބޭނުންވާ ބަދަލެއް ވެސް އަންނަނީ އެންމެންގެ މެދުގައިވެސް އިންސާފުން ކަންތައް ކުރީމައެވެ. ދިވެހި ފުލުހުން ތިއްބައި ގާނޫނު އަތް މައްޗަށް ލުމަކީ އެއްވެސް ގޮތަކަށް ކޮށްގެންވާނެ ކަމެއް ނޫނެވެ. ހަމައެއާއިއެކު ދެރަ ނިކަމެތި މީހާ ނިކަމެތި ކޮށްލުމަކީވެސް ހައްލެއް ނޫނެވެ. ހައްލު ލިބޭނީ ކުށްކުރާ ކޮންމެ މީހަކަށްވެސް އަދަބު ދެވިގެންނެވެ. ދެރަ ނިކަމެތި މީހާ ކުށްކުރުމުން އެމީހާ ބަދުނާމު ކޮށްލުމަކީ އެއްވެސް އިންސާފެއް ނޫނެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *