އެތުލެޓިކޯ މެޑްރިޑްގެ ވަންޑާ މެޓްރޮޕޮލިޓާނޯ ސްޓޭޑިއަމްގައި ރޭ ކުޅެވުނު ފައިނަލްގައި ލިވަޕޫލްއާ ދެކޮޅަށް ކުޅެ 2-0 އިން ބަލިވި މެޗަށްފަހު ވާހަކަދައްކަމުން އަދި އެއްފަހަރު ފައިނަލްގައި ކުޅެން ބޭނުންވާކަމަށް ޓޮޓެންހަމް ހޮޓްސްޕާގެ އާޖެންޓީނާ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ ބުނެފިއެވެ.

ޓޮޓެންހަމްގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ޗެމްޕިއަންސް ލީގުގެ ފައިނަލަށް ދަތުރުކޮށް އެ މެޗުގައި ލިވަޕޫލް އަތުން ބަލިވިނަމަވެސް އަދި އެއްފަހަރު، ވަރަށް އަވަހަށް މިކަންތައް ތަޖުރިބާކޮށް، އެކަން ތަކުރާރުކުރަން ބޭނުންވާކަމަށްވެސް ޕޮޗެޓީނޯ ވަނީ ބުނެފައެވެ.

"އަދި އެއްފަހަރު މި ކަންތައް ތަޖުރިބާކޮށްލަން ބޭނުންވާނެ. އަދި އެކަން ތަކުރާރުކުރަންވެސް ބޭނުންވާނެ. މިއީ ވޯލްޑްކަޕްގެ ފައިނަލަށް ފަހު ކުޅެވޭނެ އެންމެ ބޮޑު މެޗު."

"މީގެ އެންމެ މުހިއްމު ކަމަކީ، އެކަން އަދިވެސް ކުރެވޭނެ ކަމަށް ޤަބޫލުކޮށް އެކަން ހާސިލްކުރުމަށް ގަދައަޅާ މަސައްކަތްކުރުން." އޭނާ ބުންޏެވެ.

ރޭގެ މެޗު ފެށިގެން ދެވަނަ މިނެޓުގައި ޓޮޓެންހަމްގެ މޫސާ ސިސޯކޯ އަތުގައި ބޯޅައިން ޖެހުމުން ލިވަޕޫލަށް ލިބުނު ޕެނަލްޓީއަކުން މުހައްމަދު ސަލާހު ވައްދާލި ލަނޑުން އެ ޓީމު ލީޑްނެގިއިރު ޕޮޗެޓީނޯގެ އިރުޝާދުގެ ދަށުން ކުޅުނު ޓޮޓެންހަމަށް ނަތީޖާ އެއްވަރުކޮށްލަން ލިބުނު ފުރުޞަތުތަކުގެ ބޭނުންނުހިފުމުން ލިވަޕޫލަށް ތަށި ޔަގީންކޮށްދިނީ ފަހު ވަގުތު ބެލްޖިއަމްގެ ފޯވާޑް ޑިވޮކް އޮރީގީ ކާމިޔާބުކުރި ހިތްގައިމު ގޯލުންނެވެ.

މި ސީޒަނުގައި އިނގިރޭސި ޕްރިމިއާ ލީގުގެ ގަދަ ހަތަރު ޓީމުގެ ތެރޭގައި ހިމެނުމުން ޓޮޓެންހަމުން ވަނީ ކުރިއަށް އޮތް ސީޒަނުގެ ޗެމްޕިއަންސް ލީގަށް ވެސް ކޮލިފައިވެފައެވެ. ޓޮޓެންހަމްގެ އިތުރުން އެ މުބާރާތަށް ކޮލިފައިވެފައިވަނީ ލީގް ޗެމްޕިއަންކަން ހޯދި މެންޗެސްޓާ ސިޓީ އާއި ދެވަނަ އަށް ދިޔަ ލިވަޕޫލް އަދި ޔުރޮޕާ ލީގުގެ ޗެމްޕިއަންކަން ހޯދި ލީގުގެ ތިންވަނައިގައި އޮވެ ސީޒަން ނިންމާލި ޗެލްސީ އެވެ.

"އަހަރެންގެ ކުޅުންތެރިން ދެއްކި ކުޅުމަށް ވަރަށް ފަޚުރުވެރިވޭ. ދެވަނަ ހާފުގައި އެ ދެއްކި ހިތްވަރަށް ސާބަސް ދޭން ޖެހޭ. މެޗު ފެށިތަނާ 1-0 އިން ފަހަތުގައި އޮންނަން ޖެހުމަކީ ކުރަން ޖެހުނު މަސައްކަތް އުނދަގޫވީ އެއް ސަބަބު. ކަންތައް ދިމާވީ އަހަރެމެން ހީކޮށްގެން ތިބި ގޮތާއި މުޅިން އިދިކޮޅަށް. އަހަރެމެންގެ ނަސީބުވެސް ނެތީ ހަމަ. މިއީ ކުރިއަށް އޮތް ތަނަށް އަހަރެމެންނަށް ލިބުނު ފިލާވަޅެއް. މިއީ މިދިޔަ ފަހަރު ރެއާލް މެޑްރިޑްއާ ދެކޮޅަށް ކުޅެ ލިވަޕޫލަށް ވެސް ދިމާވި ގޮތް."

2008 ވަނަ އަހަރު އިނގިރޭސި ލީގު ކަޕް ކާމިޔާބުކުރި ފަހުން ޓޮޓެންހަމަށް ތައްޓެއް ލިބިފައިނުވާއިރު މީގެކުރީން އެސްޕަންޔޯލްއާ ސައުތުހެމްޕްޓަނަށް ކޯޗުކަން ކޮށްދީފައިވާ ޕޮޗެޓީނޯ އަށް އަދި މިހާތަނަށް އައިއިރު އެއްވެސް މުބާރާތެއް ކާމިޔާބުކުރެވިފައެއްނުވެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *