ޔުއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލްގައި ރޭ ޓޮޓެންހަމް ހޮޓްސްޕާ އަތުން 2-0 އިން މޮޅުވި މެޗަށްފަހު ވާހަކަދައްކަމުން ލިވަޕޫލްގެ ކޯޗު ޔާގަން ކްލޮޕް ނެތްނަމަ ތަށި ނުލިބުނީސްކަމަށް އެ ޓީމުގެ ކެޕްޓަން ޖޯޑަން ހެންޑަސަން ބުނެފިއެވެ.

ނިމިދިޔަ ސީޒަނުގެ ފައިނަލްގައި ކިއޭވްގައި ރެއާލް މެޑްރިޑް އަތުން ހިތްދަތިގޮތަކަށް 3-1 ގެ ނަތީޖާއަކުން ބަލިވެ ހުރިހާ އުއްމީދުތަކެއް ފެނަށްދިޔައިރު އެއާހިލާފަށް މިފަހަރު އަމާޒަށް ވާސިލްވެވުނީ އެ ޓީމުގެ ކޯޗު ކްލޮޕްގެ މިންނަތް މަސައްކަތުންކަމަށް ބުނެ ހެންޑަސަން ވަނީ ޖަރުމަނަށް އުފަން ކޯޗަށް ތައުރީފުކޮށްފައެވެ.

"ހަމަ ޔަގީނުންވެސް ކޯޗާއި ނުލައި މިކަމެއް ނުވާނެ. މިއީ ވަރަށް އުނދަގޫ ދުވަސްތަކަކަށްފަހު އަހަރެމެންނަށް އައި ވަރަށް އުފާވެރި ދުވަހެއް. މިޓީމާއެކު ކްލޮޕް ހޯދައިފައިމިވަނީ ޤަބޫލުކުރަންދަތި ކުރިއެރުންތަކެއް. އޭނާގެ މަސައްކަތުން ގެނައި އާ ކުޅުންތެރިންނާއި ކުރީން ކްލަބުގައި ތިބި ކުޅުންތެރިންނާއެކު މި ހޯދީ ކާމިޔާބީއަށް ތައުރީފު ހައްޤު."

14 އަހަރުގެ މެދުކެނޑުމަކަށްފަހު މި މުބާރާތުގެ ޗެމްޕިއަންކަން ހޯދައި، މިދިޔަ އަހަރުގެ ފައިނަލުން ރެއާލް އަތުން ބަލިވުމުގެ ހިތްދަތިކަމާއި މި ފަހަރުގެ އިނގިރޭސި ޕްރިމިއާ ލީގަށް ވާދަކޮށް އެންމެ ޕޮއިންޓެއްގެ ތަފާތުން ލީގު ތަށި ގެއްލުމުގެ ހިތާމަ ލިވަޕޫލުން ފިލުވާލައިފައެވެ.

ހަޔާތުގައި ފުރަތަމަ ފަހަރަށް ޗެމްޕިއަންސް ލީގުގެ ތަށި އުފުލާލި ކުރީން ސަންޑަލޭންޑަށް ކުޅުނު މިޑްފީލްޑަރު ބުނީ ލިވަޕޫލްގެ ހުރިހާ ކުޅުންތެރިންގެ މެދުގައި މިއޮތް ބަދަހި ގުޅުމަށް ހުރިހާ ޝުކުރެއް ހައްޤުވަނީ ކޯޗު ކްލޮޕަށް ކަމަށެވެ.

މީގެއިތުރުން، ރޭގެ މެޗުން ހޯދީ މޮޅާއެކު ލިވަޕޫލްގެ ކޯޗު ޔާގަން ކްލޮޕް ވަނީ ވިދިވިދިގެން ބޮޑު މުބާރާތެއްގެ ފައިނަލުން ބަލިވުމުގެ ރެކޯޑް ނިމުމަކަށް ގެނެސްފައެވެ. ރޭގެ މެޗަށް ނިކުތްއިރު ކްލޮޕްގެ އިރުޝާދުގެ ދަށުން ޓީމެއް އެންމެ ފަހުން ފައިނަލަށް ނިކުތް ހަ ފަހަރުވެސް ކުރިމަތިލާންޖެހުނީ ނާކާމިޔާބާއެވެ.

"މި ޓީމުގެ ހުރިހާ އެންމެންގެ މެދުގައި އާއި ޑްރެސިންގރޫމް ތެރޭގައި މިއޮތް ބަދަހި ގުޅުމާއި ނުގުޑާފަދަ އަޒުމާއި ހިތްވަރަށް ހުރިހާ ތައުރީފެއް ހައްޤުވަނީ ކޯޗަށް. އަހަރެން މި ޓީމާއެކު ވަރަށް ގިނަ އަހަރުތަކެއް ހޭދަކޮށްފީމު. މި ޓީމުގެ މެންބަރެއްގެ އިތުރުން ކެޕްޓަންގެ ޒިންމާ އަދާކުރުމުގެ ފުރުޞަތުލިބުމުން އަހަރެން ވަރަށް ފަޚުރުވެރިވަން." ނިންމާލަމުން ހެންޑަސަން ބުންޏެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *