އައިލޭންޑް އޭވިއޭޝަންގެ ޑައިރެކްޓަރ ފްލައިޓްސް އޮޕަރޭޝަންސްގެ މަޤާމުގައި ހުންނެވި ކެޕްޓަން މުހައްމަދު އަމީން އެމަޤާމުން ދުރުކޮށްފިއެވެ.

އެނގިފައިވާ ގޮތުގައި އަމީން އެ މަޤާމުން ދުރުކޮށްފައިވަނީ މިއަދުއެވެ. އަދި އެކަން އައިލެންޑް އޭވިއޭޝަންގެ އޮފިޝަލުވެސް ވަނީ ޖަޒީރާ ނިއުސްއަށް ކަށަވަރުކޮށްދެއްވާފައެވެ.

ޖަޒީރާ ނޫހާއި ވާހަކަ ދެއްކެވި އައިލެންޑް އޭވިއޭޝަނުގެ އޮފިޝަލް ވިދާޅުވީ، ޑައިރެކްޓަރ ފްލައިޓްސް އޮޕަރޭޝަންސްގެ މަޤާމުން އަމީން ދުރުކުރީ އެކުންފުނީގެ ހިންގުމުގެ އޮނިގަނޑަށް ގެންނަމުންދާ ބަދަލުތަކުގެ ތެރެއިން ކަމަށެވެ.

ކުރިއަށް އޮތްތަނުގައިވެސް އައިލެންޑް އޭވިއޭޝަނުގެ ހިންގުމުގެ އޮނިގަނޑަށް އިތުރު ބަދަލުތައް އައުމަކީ އެކަށީގެންވާ ކަމެއް ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

"އަމީން މަޤާމުން ދުރުކުރެވިފަވަނީ ކުންފުނި ރީސްޓްރަކްޗަރ ކުރުމުގެ ތެރެއިން، އަދި މި ނޫނަސް އިތުރު ބަދަލުތައް އައުމަކީ ހަމަ އެކަށީގެންވާ ކަމެއް" އޮފިޝަލް ވިދާޅުވިއެވެ.

އޮފިޝަލް ވިދާޅުވީ ޑައިރެކްޓަރ ފްލައިޓްސް އޮޕަރޭޝަންސްގެ މަޤާމުން އަމީން ދުރުކުރި ނަމަވެސް މިވަގުތު އެ މަޤާމަށް އެއްވެސް މީހެއް ހަމަޖައްސާފައި ނުވާ ކަމަށެވެ.

އައިލޭންޑް އޭވިއޭޝަންގެ ޑައިރެކްޓަރ ފްލައިޓްސް އޮޕަރޭޝަންސްގެ މަޤާމުން އަމީން މިއަދު ދުރުކުރި ނަމަވެސް މިއަހަރުގެ ފެބްރުއަރީ މަހުން ފެށިގެން އޭނާގެ އަތުން ބައެއް ބާރުތައްވަނީ އަތުލާފައެވެ.

އެގޮތުން މިއަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި އަމީން އެ މަގާމުން ދުރު ކުރުމަށް ޑިމާންޑްކޮށް، މޯލްޑިވިއަންގެ ޕައިލެޓުންނާއި ކްރޫން ޑިއުޓީ އަށް ނުނިކުންނާނެ ކަމަށް އެންގުމުން އޭނާގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ހިމެނޭ ޕައިލެޓުންނާ ގުޅޭ ކަންކަން ކުންފުނީގެ އެހެން އިސްފަރާތްތަކާއި ޙަވާލު ކުރެވުނެވެ.

ޕައިލެޓުންގެ ކަންކަން ބެލެހެއްޓުމުގައި އަމީން ތަފާތުކުރުންތައް ގެންގުޅޭ ކަމަށްބުނެ، ޕައިލެޓުންނާއި ކްރޫން ފެށި އިހުތިޖާޖު ނިމުމަކަށް ގެނެވުނީ ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ އާއި އައިލޭންޑް އޭވިއޭޝަންގެ އެމްޑީ ރިޒްވީ އެ ޕައިލެޓުންނާއި ބައްދަލުކޮށްގެންނެވެ.

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ނުފޫޒު ގަދަކޮށް އަމީން އުޅުއްވިއިރު މި ސަރުކާރުގައި ވެސް އައިލެންޑް އޭވިއޭޝަންގައި އަމީން ހުންނެވީ އެހާ ބާރުގަދަކޮށް ކަމަށްބުނެ ޕައިލެޓުން ކަންބޮޑުވުންވެސް ފާޅުކޮށްފައިވެއެވެ.

މީގެ އިތުރުން އައިލޭންޑް އޭވިއޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މަޤާމަށް މުހައްމަދު ރިޒްވީ ހަމަޖެއްސެވި ފަހުން، ކުންފުނީގެ ހިންގުން ހަރުދަނާކޮށް ގިނަ ބަދަލުތަކެއް ގެންނަވަމުންދާކަން އޮފިޝަލް ފާހަގަކުރެއްވިއެވެ.

އެގޮތުން ޤައުމީ އެއާލައިންގެ "ފްލީޓް" ވަރުގަދަކޮށް، މޯލްޑިވިއަންގެ ދަތުރުތައް އާ މަންޒިލުތަކަކަށް ފެށުމަށް ތައްޔާރުވަމުން އަންނަ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

މޯލްޑިވިއަންގެ ދަތުރުތައް ފަށަން ނިންމާފައިވާ އާ މަންޒިލުތަކުގެ ތެރޭގައި ޔޫރަޕާއި ދެކުނު އެފްރިކާގެ ޤައުމުތައް ހިމެނެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *