ރާއްޖޭގެ ތާރީޚު ދުށް އެންމެ ކާމިޔާބު ކްލަބުކަމަށްވާ ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބުން ނިމިދިޔަ ސީޒަނުގައި ކުޅުންތެރިންނަށް މުސާރަ ނުދިނުމުގެ މައްސަލައިގައި ސަސްޕެންޑްކޮށްފައިވާތީވެ، މި ސީޒަނުގެ އެއްވެސް ފުޓްބޯޅަ މުބާރާތަކުން އެ ޓީމު ނުފެންނާނެކަން ޔަގީންވެފައިވަނިކޮށް، ރާއްޖޭގެ ފުޓްބޯޅައިގެ ވަރުގަދަ ބާރެއްގެ ގޮތުގައި ކުރީން އޮތް ވާދަވެރި ވިކްޓްރީ ސްޕޯޓްސް ކުލަބަށް ވެސް އެފަދަ ސަސްޕެންޝަނެއް އައިސް މި އަހަރު ކުރިއަށް އޮތް އެއްވެސް މުބާރާތަކުން ނުފެނިދާނެކަމުގެ ބިރު ބޮޑުވެއްޖެއެވެ.
ކުޅުންތެރިންނަށް ދޭން ޖެހޭ މުސާރައާއި އިނާޔާތްތައް ނުދީ ގިނަ ދުވަސްތަކެއް ވެފައި ވާތީ ވިކްޓަރީއަށް އެފްއޭއެމް އިން ވަނީ އެކި ފަހަރުތަކެއްގެ މަތިން އެކަން ނިންމާ ޙަލާސް ކުރުމަށް މުހަލަތުތަކެއް ދީފަ އެވެ. މީގެ ކުރިން ސަސްޕެންޑު ކުރި ނިއުރޭޑިއަންޓަށް ވެސް ދިމާވީ ހަމަ އެ މައްސަލަ އެވެ.
ކުރިއަށް އޮތް ފުޓްބޯޅަ ސީޒަނުގައި ވާދަ ކުރުމުގެ ފުރުސަތު ނިއު އަށް ގެއްލުނީ ކުޅުންތެރިންނަށް މުސާރަނުދޭ މައްސަލައިގައި ނިއު ރޭޑިއަންޓަށް ދީފައިވާ ސަސްޕެންޝަނުގެ ސަބަބުންނެވެ. ދިވެހި 10 ކުޅުންތެރިންނަށް މުސާރައިގެ ގޮތުގައި ދޭންޖެހޭ 3.8 މިލިއަން ރުފިޔާގެ މައްސަލަތަކެއް ކުޅުންތެރިން އެފްއޭއެމް އަށް ހުށައެޅުމުން އެފްއޭއެމްގެ ޕްލޭޔަރސް ސްޓޭޓަސް ކޮމިޓީން އެ މައްސަލަތައް ބެލުމަށްފަހު ކްލަބަށް މުހުލަތުތަކެއްވަނީ ދީފައެވެ. ނަމަވެސް އެކަމަށް އަމަލީ ސިފައެއް ނައުމުން އެފްއޭއެމްގެ ހިންގާ ކޮމިޓީން ވަނީ މިދިޔަ ޖަނަވަރީ މަހުގެ 26 ވަނަ ދުވަހު ފުޓްބޯޅައިގެ އެއްވެސް ހަރަކާތެއްގައި ބައިވެރިނުވެވޭ ގޮތަށް އެ ކްލަބް ސަސްޕެންޑްކޮށްފައެވެ.
އަދި މިދިޔަ މާޗް މަހު އޮތް އެފްއޭއެމްގެ ކޮންގްރެސް އިންވަނީ ނިއުގެ ސަސްޕެންޝަން ދެމެހެއްޓުމަށް ފާސްކޮށްފަ އެވެ. ވޯޓްގައި ބައިވެރިވި 14 ކްލަބްގެ ތެރެއިން 12 ކްލަބުން ވޯޓުދިނީ ސަސްޕެންޝަން ދެމެހެއްޓުމަށެވެ. އެގޮތުން، ނިއުއާ އެއްކޮޅަށް ވޯޓް ދިނީ ވިކްޓްރީ އާއި މަހިބަދޫ އެވެ.
ނިއު އިން އޭރު ވެސް ބުނަމުން ދިޔައީ އެ ކްލަބު ސަސްޕެންޑު ކުރުމަކީ ޒާތީ ކަމެއް ކަމަށާއި އެހެން އެތައް ކުލަބުތަކަކުން ވެސް މުސާރަ ނުދިނުމުގެ ބޮޑެތި މައްސަލަތަކެއް ހުރި ކަމަށެވެ. އެގޮތުން، ވިކްޓްރީ އަކީ ވެސް ކުޅުންތެރިންނަށް މުސާރަ ނުދިނުމުގެ މައްސަލައިގައި އެފްއޭއެމް ޕްލޭޔާ ސްޓެޓަސް ކޮމިޓީއަށް ގިނަ މައްސަލަތަކެއް ވަދެ ބަލަމުން އަންނަ ކުލަބެކެވެ. އަދި ބިދޭސީ ކުޅުންތެރިއަކަށް މުސާރަ ދީފައި ނުވާތީ އެކުލަބާއި ދޭތެރޭ ފީފާއިން ވެސް ވަނީ ދާދި ފަހުން ފިޔަވަޅު އަޅައިފައެވެ. އެގޮތުން ވޭތުވެދިޔަ ސީޒަނުން ތިން ޕޮއިންޓް ވަނި އެކުލަބުގެ އަތުން އުނިކޮށްފަ އެވެ.
ވިކްޓްރީގެ މިފަދަ މައްސަލަތަކެއް ހުރި އިރު އެފްއޭއެމް އިން މީގެ ކުރިން ބުނެފައި ވަނީ މިފަހަރުގެ ލީގުގައި ކުޅެވޭނީ ހަމައެކަނި އޭއެފްސީ ލައިސަންސް ލިބޭ ކުލަބުތަކަށް އެކަނި ކަމަށެވެ. އަދި މުސާރަ ނުދިނުމުގެ މައްސަލަތައް ހުރި ކުލަބުތަކަށް އެކަން ލައިސަންސް ފުރިހަމަ ނުކުރެވޭނެ ކަމަށް ވެސް އެ އިދާރާއިން ވަނީ ބުނެފަ އެވެ.
ކަން މިހެން އޮތް އިރު ވިކްޓަރީއަށް އޮތީ ދެ ގޮތެކެވެ. ހުރިހާ ކުޅުންތެރިންނަށް ދޭން ޖެހޭ މުސާރަ އާއި އިނާޔަތް ދީ ޙަލާސް ކުރުމެވެ. ނުވަތަ އެފްއޭއެމްގެ ޕްލޭޔާ ސްޓެޓަސްއަށް ލެވިފައިވާ މައްސަލަތައް އެ ކުޅުންތެރިން ލައްވައި އަނބުރާ ގެންދިއުމެވެ.
އަހަރުތަކަކަށް ފަހު ނިއުއާ ނުލައި ފުޓްބޯޅަ ސީޒަނެއް މި ހަފްތާ ތެރޭގައި ފެށުމަށް ހަމަޖެހިފައިވާއިރު، ރާއްޖޭގެ އެންމެ ކާމިޔާބު އަނެއް ކްލަބް ވިކްޓްރީ އަށް މި ފަހަރު ނުކުޅެވިއްޖެނަމަ މި އަހަރު ވެގެންދާނީ ދިވެހި ފުޓްބޯޅައިގެ ޒަމާންވީ ގަދަ ތިން ބާރު ނުލައި ފުޓްބޯޅަ ކުޅޭ އަހަރަކަށެވެ. ނިއު އާއި ވިކްޓްރީ ކުޅުންތެރިންނަށް ނުދެވި ހުރި މުސާރަ މައްސަލައިގައި ހާސްކަމެއްގެ ތެރޭގައި އޮތްއިރު، ކްލަބް ވެލެންސިއާ ވަނީ މިދިޔަ އަހަރު ދެ ވަނަ ޑިވިޝަނަށް ރެލިގޭޓްވެފަ އެވެ.
އަންނަ ހުކުރު ދުވަހު ކުޅުމަށް ހަމަޖެހިފައިވާ ޗެރިޓީ ޝީލްޑް މެޗުން ސީޒަން ފަށަން ތާވަލްކޮށްފައިވާއިރު، ލީގު ފަށަން ހަމަޖެހިފައިވަނީ މި މަހު 13 ވަނަ ދުވަހު އެވެ. މަޝްހޫރު ކުޅުންތެރިންނާއި ނުލައި ޒުވާން ގިނަ ކުޅުންތެރިންނާއެކު ވިކްޓްރީން މި ސީޒަނަށް ތައްޔާރުވަމުން އަންނަނީ ކުރީގެ ކުޅުންތެރިޔާ އަދި ކޯޗު މުހައްމަދު އާދަމްގެ އިރުޝާދުގެ ދަށުންނެވެ.
ވިކްޓްރީއަށް ނުކުޅެވިއްޖެނަމަ މި ފަހަރުގެ ސީޒަނުގައި ކުޅޭނީ އަށް ޓީމެވެ. އެއީ، ޓީސީ، ފޯކައިދޫ، ނިލަންދޫ، ދަ ގްރާންޑޭ، އީގަލްސް، މާޒިޔާ އާއި ކްލަބް ގްރީން ސްޓްރީޓްސްގެ އިތުރުން ޔުނައިޓެޑް ވިކްޓްރީ އެވެ.