މިއަހަރުގެ ޝައްވާލު މަހުގެ ހަނދު ސާބިތުކުރުމަށް ބާއްވާ ޖަލްސާ މާދަމާ ރޭ ބޭއްވުމަށް ހަމަޖައްސައިފިއެވެ.
އިސްލާމީ މަރުކަޒުގައި ބާއްވާ އެ ޖަލްސާގައި ހަނދު ސާބިތުކުރުމަށް ގެންގުޅޭ އުސޫލުތަކާއި ފަލަކީ ގޮތުން ހަނދު ސާބިތު ކުރުމުގައި ގެންގުޅޭ އުސޫލުތަކުގެ މައްޗަށް ބިނާކޮށް މިއަހަރުގެ ފިތުރު އީދު ދުވަސް އިއުލާނު ކުރެވޭނެއެވެ.
އެހެން އަހަރުތަކޭ އެއްގޮތަށް މިއަހަރު ވެސް ޝައްވާލު މަހުގެ ހަނދު ދުށް މީހަކު ހެކި ބަސް އަދާކުރަން ޖެހެނީ މާލޭގައި ނަމަ މާލޭގެ ކޯޓެއްގެ ޤާޒީއެއްގެ ކުރިމަތީގައެވެ. އަދި އަތޮޅުތަކުގައި ނަމަ އެރަށެއްގެ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓުގެ ކުރިމަތީގައެވެ.
ޝައްވާލް މަހުގެ ހަނދުގެ މައްސަލަ ވަކިގޮތަކަށް ނިމެންދެން މާދަމާ ހަވީރު 5:30 އިން ފެށިގެން ޖުޑީޝަލް އެޑްމިނިސްޓްރޭޝަނާއި ރަށްރަށުގެ މެޖިސްޓްރޭޓް ކޯޓުތަކާއި، ސިޓީކައުންސިލް އިދާރާގެ އިތުރުން އަތޮޅު ކައުންސިލް އިދާރާތައް އަދި ރަށު ކައުންސިލް އިދާރާތައް ވެސް ހުޅުވިފައި ހުންނާނެ ކަމަށް ޑީޖޭއޭ އިން ބުނެއެވެ.