ސިފައިންނަށް އެޅުމަށް ހަމަޖެހިފައިވާ 300 ފްލެޓް އެޅުމުގެ ޕްރޮޖެކްޓްގެ މަސަކަތް ޙަވާލުކުރި ކުންފުނިން ލިބެންޖެހޭ 92 ދެ މިލިޔަނަށްވުރެ ގިނަ ރުފިޔާ، ދައުލަތަށް އަނބުރާ ހޯދުމަށް، ސިފައިންގެ ކޯޕަރޭޓިވް (ސިފްކޯ) އަށް އޭސީސީން އަންގައިފިއެވެ.
އޭސީސީއިން މިއަދު ނެރުނު ބަޔާނެއްގައި ވަނީ، މަސައްކަތް ހަވާލުކުރެވުނު ކުންފުނިން އެ މަސައްކަތް އެކަށީގެންވާ ގޮތެއްގައި ކޮށްފައި ނުވާތީވެ އެގްރީމެންޓް ބާތިލްކޮށްފައިވަނީ 27 ޖަނަވަރީ 2016 ގައި ކަމަށެވެ. އަދި އެގްރީމެންޓް ބާތިލުކުރުމާއި ހަމައަށް އެކުންފުނިން ސިފްކޯއިން 92.5 މިލިއަން ރުފިޔާ ދައްކަންޖެހޭ ކަމަށެވެ.
މިމައްސަލަ އޭސީސީ އިން ތަޙުޤީޤުކުރި ކުރުމުގައި ފާހަގަކުރެވުނު ކަންތައްތަކައް ބަލާއިރު، ސިފައިންނަށް އެޅުމަށް ހަމަޖެހިފައިވާ 300 ފްލެޓް އެޅުމުގެ ޕްރޮޖެކްޓްގެ މަސައްކަތް ހަވާލުކުރުމަށް ކޮށްފައިވާ އެގްރީމެންޓުގެ ދަށުން ޕްރޮޖެކްޓުގެ ޖުމުލަ އަގަކީ 638,110,440.00 (ހަސަތޭކަ ތިރީސް އަށް މިލިއަން އެއްސަތޭކަ ދިހަހާސް ހަތަރުސަތޭކަ ސާޅީސް) ރުފިޔާ ކަމަށް އޭސީސީ އިން ވިދާޅުވެއެވެ.
އެފައިސާ ސިފްކޯއަށް އަނބުރާ ދެއްކުމަށް ތިން ޕޯސްޓް ޑޭޓެޑް ޗެކް މަސައްކަތް ހަވާލުވި ކުންފުނިން ހުށަހަޅާފައިވާ ކަމަށެވެ. ނަމަވެސް އެ ތިން ޗެކްވެސް އެކައުންޓުގައި ފައިސާ ނެތުމުން ބައުންސް ވެފައިވާ ކަމަށްވެސް އޭސީސީއިން ބުންޏެވެ. އެ ފައިސާ ހޯދުމަށް ސިފްކޯއިން މަސަކަތްތަކެއް ކޮށްފައިވާ ކަމަށެވެ. އެގޮތުން ފުލުހަށް ޗެކް ބައުންސްގެ މައްސަލަ ހުށަހަޅާފައިވާ ކަމަށާއި އެ ފައިސާ ހޯދުމަށް އެޓާނީ ޖެނެރަލްއާއެކު މަޝްވަރާކޮށްފައިވާ ކަމަށެވެ.
ސިފައިންނަށް އެޅުމަށް ހަމަޖެހިފައިވާ 300 ފްލެޓް އެޅުމުގެ ޕްރޮޖެކްޓްގެ މަސައްކަތް ހަވާލުކުރި ކުންފިނިން ފައިސާ ހޯދުމަށްޓަކައި ދިވެހި ސަރުކާރުގެ އެއްވެސް ޕްރޮޖެކްޓަކާ ގުޅިގެން އެ ކުންފުންޏަށް ދޭންޖެހޭ ފައިސާއެއްވާނަމަ، 92,570,639.27 (ނުވަދިހަދެމިލިއަން ފަސްސަތޭކަހަތްދިހަހާސް ހަސަތޭކަ ތިރީސް ނުވައެއް ޕޮއިންޓް ދޭއް ހަތެއް) ރުފިޔާ އުނި ކުރުމަށްފަހު، އެ ކުންފުންޏަށް ފައިސާ ދޫކުރުމަށް މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީއަށް ވަނީ އެންގިފައި ކަމަށް އޭސީސީ އިން ވިދާޅުވެއެވެ.