ރާއްޖޭގެ އެކި ހިސާބުތަކަށް ކުރިއަށް އޮތް 72 ގަޑިއިރުގައި ބޯކޮށް ވިއްސާރަކުރާނެ ކަމަށް ލަފާކުރެވޭ ކަމަށް ގައުމީ މޫސުމާއި ބެހޭ އިދާރާއިން ބުނެފިއެވެ.
މޫސުމާއި ބެހޭ އިދާރާއިން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ، ރާއްޖޭގެ ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރު ގަދަވަމުން ދާތީވެ މާދަމާ ހަވީރުން ފެށިގެން 72 ގަޑިއިރު ތެރޭގައި ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަކޮށް ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި އާއްމުގޮތެއްގައި ވައި ގަދަވާނެ ކަމަށް ލަފާކުރެވެނީ، މެދުތެރެއާއި، އުތުރުގެ އަތޮޅުތަކަށް ކަމަށެވެ.
މެޓުން އިތުރަށް ބުނީ، ވައި ޖެހޭނެ ކަމަށް ލަފާކުރެވެެނީ ހުޅަނގުދެކުނާއި ހުޅަނގުން، މެދުތެރެއާއި އުުތުރުގެ އަތޮޅުތަކަށް ގަޑިއަކު 15 މޭލާއި 25 މޭލާއި ދެމެދުގެ ބާރު މިނެއްގައި ކަމަށެވެ. އަދި ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 8 މޭލާއި 18 މޭލާ ދެމެދުގެ ބާރު މިނެއްގައި ކަމަށެވެ.
މެޓުން ލަފާކޮށްފައިވާ ގޮތުގައި، ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 45 މޭލު ބާރުމިނަށް ވައިގަދަވާނެއެވެ. އަދި މެދުތެރެއާއި އުތުރުގެ ކަނޑުތައް އާއްމުގޮތެއްގައި ގަދަ ވާނެ ކަމަށާއި، ދެކުނުގެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވެނީ ވިލާގަނޑުގައި ކަމަށްވެސް މެޓުން ބުނެއެވެ.
މޫސުމާއި ގައުމީ އިދާރާއިން ވަނީ، ހުރިހާ ފަރާތްތަކަށްވެސް، ހާއްސަކޮށް ކަނޑު ދަތުރު ފަތުރުކުރާ ފަރާތްތަކަށް މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ.