1440 ވަނަ އަހަރުގެ ފިޠުރުޢީދު ދުވަހު ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ޢީދު ސަލާމް ކުރެއްވުން، އެހެން އަހަރުތަކެކޭ އެއްގޮތަށް މިއަހަރުވެސް އޮންނާނެ ކަމަށް ރައީސް އޮފީހުން ވިދާޅުވިއެވެ.
ރައީސް އޮފީހުން ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ރައްޔިތުންނާއި އީދު ސަލާމް ކުރެއްވުން ބޭއްވުމަށް ހަމަޖެހިފައިވަނީ ފިޠުރުޢީދު ދުވަހުގެ ހެނދުނު 9.30 ން 10.30 އަށް ރައީސުލްޖުމްހޫރިއްޔާގެ ރަސްމީގެ، މުލީއާގޭގައި ކަމަށެވެ.
ޢީދު ސަލާމް ކުރެއްވުމުގައި ބައިވެރިވެވަޑައިގެންދެއްވުމަށް އެންމެހައި ލޮބުވެތި ރައްޔިތުންނަށާއި، ދައުލަތުގެ އެކި މަޤާމުތަކުގައި ތިއްބެވި ބޭފުޅުންނަށާއި، ބޭރުގެ ޢިއްޒަތްތެރިންނަށާއި، ރާއްޖޭގެ އެކި ކުންފުނިތަކާއި، އަމިއްލަ އެކިއެކި ޖަމުޢިއްޔާ ޖަމާޢަތްތަކުގެ މަންދޫބުންނަށް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ދައުވަތު އަރުއްވާ ކަމަށްވެސް ރައީސް އޮފީހުން ވިދާޅުވިއެވެ.
ރައީސް އޮފީހުން އިތުރަށް ވިދާޅުވީ، ޢީދު ސަލާމް ކުރެއްވުމަށް ވަޑައިގަންނަވާ ބޭފުޅުން މުލީއާގެއަށް ވަދެވަޑައިގަތުމަށް ހަމަޖެހިފައިވަނީ މެދުޒިޔާރަތް މަގަށް ހުންނަ މުލީއާގޭ ބޮޑު ދޮރޯށިންނެވެ. މުލީއާގެއަށް ވަޑައިގެންނެވޭނީ، މުލީއާގޭ ހުޅަނގަށް އޮންނަ ދަރުމަވަންތަ މަގާއި، ޝަހީދު ޙުސައިން މުޙައްމަދު ހިނގުމުން ކަމަށެވެ.